މާލޭ ހުޅަނގު ހާބަރު ޞަރަޙައްދު ތަރައްޤީކޮށް ހިންގަން 25 އަހަރު ދުވަހުގެ މުއްދަތަށް، ވެސްޓް ގޭޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ޙަވާލުކޮށްފައިވާކަމަށް 11 އޯގަސްޓް 2013ގައި ސީ.އެން.އެމް، ސަން އޮންލައިން އަދި ހަވީރު އޮންލައިން ގައި ޝާއިޢުކޮށްފައިވާ ޚަބަރާ ގުޅޭގޮތުން ދަންނަވަމެވެ.
މިދެންނެވުނު ޚަބަރުގައި، މިމަޝްރޫޢު ވެސްޓް ގޭޓް ޕވޓ ލޓޑ އާ ޙަވާލުކޮށްފައިވަނީ މިކޮމިޝަންގެވެސް އެޕްރޫވަލް އާއެކު ކަމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ވިދާޅުވެފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، މާލޭ ހުޅަނގު ހާބަރު ޞަރަޙައްދު ތަރައްޤީކޮށް ހިންގަން 25 އަހަރު ދުވަހުގެ މުއްދަތަށް، ވެސްޓް ގޭޓް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރުމަށް މިކޮމިޝަނުން ހުއްދަ ދީފައެއް ނުވާނެއެވެ.
މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ތަރައްޤީ ކުރުމަށް ހަދާފައިވާ މާސްޓަރ ޕްލޭންއާ ޚިލާފަށް، މާލޭ ސިޓީ ކައުންސިލުން އެ ސަރަޙައްދު ތަރައްޤީ ކުރުމަށް އިޢުލާންކޮށްފައިވަނީ އެ ބިން ތަރައްޤީ ކުރުމަށް ޢާންމުކޮށްފައިވާ މިންގަނޑާއި ބިން ބޭނުންކުރެވޭނެ ބޭނުންތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މަޝްވަރާ ކުރުމަށްފަހު އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ނޫންކަމަށާއި، އެއިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އިވެލުއޭޓްކުރުމުގައި ޢަމަލުކޮށްފައިވަނީ ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށްކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލުމަށްފަހު، ނިންމިގޮތް ވާނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާއާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އަންގާފައެވެ. އެގޮތުން، އެމައްސަލަ މިކޮމިޝަނުން ނިންމިގޮތް އެދެއިދާރާއަށް، މިކޮމިޝަނުން އަންގާފައިވާގޮތް ތިރީގައި މިވަނީއެވެ.
1. މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ތަރައްޤީ ކުރުމަށް ހަދާފައިވާ މާސްޓަރ ޕްލޭންއާ ޚިލާފަށް، މާލޭ ސިޓީ ކައުންސިލުން އެ ސަރަޙައްދު ތަރައްޤީ ކުރުމަށް އިޢުލާންކޮށްފައިވަނީ އެ ބިން ތަރައްޤީ ކުރުމަށް ޢާންމުކޮށްފައިވާ މިންގަނޑާއި ބިން ބޭނުންކުރެވޭނެ ބޭނުންތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މަޝްވަރާ ކުރުމަށްފަހު އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ނޫންކަމަށް ބުނާ މައްސަލާގައި، މިމައްސަލައާގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ދެބަސްވުން އުފެދިފައިވާއިރު، މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ތަރައްޤީކުރުމުގެ މައްސަލަ ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާތީއާއި، މިމައްސަލާގައި ވަގުތީ އަމުރަކަށްވެސް ދައުލަތުން އެދިފައިވާތީއާއި، ޝަރީޢަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާމެދު ޝަރީޢަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެމައްސަލައަކަށް އަސަރުފޯރާފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުންވިޔަސް ކުރާ ކޮންމެ ޢަމަލަކީ ނުވަތަ ނިންމާ ނިންމުމަކީ އޭގެ ޒާތުގައި ބާޠިލް ކަމެއްކަމަށާއި މިބާވަތުގެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-SJ/05 އަމުރުގައި ބަޔާންކޮށްފައިވާތީ، މި މައްސަލާގައި މި ކޮމިޝަނުން ވަކިގޮތަކަށް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި މިކޮމިޝަނުން ނުދެކެމެވެ.
2. މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އިވެލުއޭޓް ކުރުމުގައި ޢަމަލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކިބަޔަކަށް ފައިދާ ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލައިގައި، މި ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާގައި އެހެން ބުނެފައި ވީނަމަވެސް، އެކަންތައް ކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އެ ކައުންސިލްގެ ނަންބަރު (IUL) 425-CB/1/2012/22 (28 ނޮވެމްބަރ 2012) އިޢުލާނާއި ބީލަން ހުށަހެޅުމުގެ ކަންތައް ކުރިޔަށް ގެންދާނެ ގޮތާއި، ބީލަން ހުށަހަޅާއިރު ބީލަމުގައި ހުންނަންވާނެ މަޢުލޫމާތުތަކާއި، ބީލަމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތަކާއި، ބީލަންތައް އިވެލުއޭޓް ކުރާނެ މިންގަނޑު ބަޔާންކޮށް އެ ކައުންސިލުން އެކުލަވާލާފައިވާ ބީލަން ހުށަހެޅުމުގެ ދަޢުވަތާއި އެއްގޮތަށް ކަމަށްވާތީ، ބީލަންތައް އިވެލުއޭޓްކުރުމުގައި ވަކިފަރާތަކަށް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތަޙުޤީޤުން ހޯދާފައިވާ ހެކިތަކުން ޘާބިތުނުވާތީ، މި މައްސަލައަކީ، ޤާނޫނު ނަންބަރ 2008/13، (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫން) ގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު ގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.
މީގެ އިތުރުން، ޤާނޫނު ނަންބަރު: 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު ) ގެ 25 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މިކޮމިޝަނުން މިމައްސަލަ ތަޙްޤީޤުކުރުމުގައި، ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ކުރިއަށްއޮތްތަނުގައި އިޞްލާޙުކުރުމަށް ފެންނަ ކަންތައްތައް ތިރީގައި މިދަންނަވާ ކަންތައްތައް އިސްލާޙުކޮށް ފިޔަވަޅު އެޅުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާ އަށް މިކޮމިޝަނުން ވާނީ އަންގާފައެވެ.
1- ބީލަން ހުޅުވުމުގެ ބައްދަލުވުންތަކުގައި ފަރުވާތެރިކަމާއެކު ބީލަންތަކުގައިވާ މަޢުލޫމާތުތައް ރަނގަޅަށް ބެލުމަށްފަހު އަގުތައް ނޯޓުކުރުމަށާއި، ނޯޓުކުރާ އަގުތައް ޗެކް ކުރެވޭނެ ނިޒާމެއް އެކުލަވާލުން.
2- ދިގު މުއްދަތަށް ހިންގާ ޕްރެޖްޓުތަކުން ލިބޭ އާމްދަނީ އިވެލުއޭޓްކުރުމުގައި ޕްރޮޖްކްޓުގެ މުއްދަތުގެ އެކި އަހަރުތަކަށް ހުށަހަޅާ އަގު އެއްކޮށްގެން ޖުމްލަ އަގަށް ޕޮއިންޓް ދޭ އުޞޫލުން އިވެލުއޭޓްކުރާނަމަ، މުއްދަތުގެ ފަހު އަހަރު ތަކުގައި މަހު ކުލި އެކަށީގެންނުވާ މިންވަރަށް ބޮޑުކޮށް ހުށަހެޅުމުން، އެފަރާތްތަކަށް އަގުގެ ގޮތުން ގިނަ ޕޮއިންޓް ލިބިގެން ބީލަން ކާމިޔާބުކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެތީ، މުސްތަގުބަލުގައި މިފަދަ ޕްރޮޖެކްޓް އިވެލުއޭޓްކުރާއިރު އަގުގެ ގޮތުން އެންމެ ރަގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ހޯދުމަށް އެން.ޕީ.ވީ ބޭނުންކޮށްގެން އިވެލުއޭޝަން ހެދުން.
ވީމާ، މިމައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް މިކޮމިޝަނުން އަންގާފައިވާ އެންގުމާ ޚިލާފަށް، މިކޮމިޝަނާ ގުޅުވައިގެން ދޮގު ވާހަކަތަކެއް މީޑިޔާގައި ފެތުރެމުންދާތީ މިކޮމިޝަނުން އެކަމާ ވަރަށްބޮޑަށް ހިތާމަކުރަމެވެ.