ލ.މާވަށު ރައްޔިތުންނަށް ސަރުކާރުން ދީފައިވާ ކަޅުހަންތައް ދޫކުރުމުގައި އެކަމަށް ހަމަޖެހިފައިއޮތް އުޞޫލާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ލ.މާވަށުގެ އޭރުގެ ކުޑަކަތީބު ޢަބްދުލްޣަފޫރު އިސްމާޢީލް ގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

15 Aug 2013

ލ.މާވަށު ރައްޔިތުންނަށް 2008 ވަނަ އަހަރު ސަރުކާރުން ދީފައިވާ 454 ކަޅުހަން، އެރަށުގައި މީހުން ދިރިއުޅޭ ގޭގެއާ ޙަވާލުކުރުމުގައި، ރަށުއޮފީހުން ޙަވާލުވެހުރި މާވަށު ކުޑަކަތީބު ޢަބްދުލްޣަފޫރު އިސްމާޢީލް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ގިނަ ޢަދަދެއްގެ ހަންތައް ދޫކޮށްފައިވާ ކަމަށާއި، މިހަންތައް ހޯދުމުގައި ސަރުކާރަށް އޮޅުވާލާފައިވާކަމަށާއި، މާވަށުގެ ގޭގެގެ ވެރިފަރާތްތަކަށް ހަންތައް ދޫކުރުމުގައި ބައެއް ފަރާތްތަކަށް 10 ހަމާއި 05 ހަމާ ދެމެދުގެ ޢަދަދަކަށް ހަން ދޫކޮށްފައިވާ ކަމަށާއި، އަދި ހަންތައް ދޫކޮށް ނިމުނުއިރު ހަން ނުލިބޭ ގިނަ ޢަދަދެއްގެ ގޭގެ ހުރިކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤު ކޮށް ބެލުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

ލ.މާވަށު ރައްޔިތުންނަށް ބޭނުންވާ ރައްކާތެރި ބޯފެން ލިބިދިނުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ ކޮންމެ ގެއަކަށް ފެން ރައްކާކުރާ 2500 ލީޓަރުގެ ކަޅުހަން ހޯދަންވެގެން ސަރުކާރަށް ހުށަހެޅުމަށް ލިސްޓެއް ތައްޔާރުކޮށް އެ ލިސްޓްގައިވާ ގެތަކަށް ބެހުމަށް 14 ސެޕްޓެމްބަރ 2008 ގައި ލ.މާވަށަށް ކަޅުހަންތަކެއް ގެންގޮސްފައިވާތީއާއި، ކަޅުހަން ބެހުމަށް ހަމަޖެހިފައިއޮތީ ކަޅުހަން ޙަވާލުކުރާތާ 30 ދުވަހުގެ ތެރޭގައި ކަޅުހަން ބޭނުންކުރެވޭގޮތަށް ހުރި ކޮންމެ ގެއަކަށް އެއްހަން ދޭގޮތަށް ކަމަށްވެފައި ކަޅުހަން ދޫކުރަމުން ދިޔައީ ލ.މާވަށު އޮފީހުން ދޭ ސްލިޕް ހިފައިގެން ދިއުމުން ބަނދަރު ސަރަޙައްދުން ކަމުގައިވާތީއާއި، ކަޅުހަން ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް، އޮފީހުން ސްލިޕް ދޫކުރުމާ ޙަވާލުވެހުރި ލ.މާވަށުގެ އޭރުގެ ކުޑަކަތީބު ލ.މާވަށު “ޕާލް” ޢަބްދުލްޣަފޫރު އިސްމާޢީލް ހުސްކޮށް ހުރި ގޯތިގޯއްޗަށް ކަޅުހަން ލިބޭގޮތަށް ސްލިޕް ދޫކުރަމުން ގޮސްފައިވާކަން ކަޅުހަން ބަލައިދިޔަ ބައެއް ފަރާތްތަކުގެ ބަހުންނާއި ކަޅުހަން ބެހުމުގައި އުޅުނު ފަރާތްތަކުގެ ބަހުން އެނގެން އޮތުމުން، އެކަން އެގޮތަށް ކޮށްފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭންކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން، ލ.މާވަށު /ޕާލް، ޢަބްދުލްޣަފޫރު އިސްމާޢީލްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×