ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެންޓް ޖެނެރަލްމެނޭޖަރ، އަޙްމަދު މަޝްހޫދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

15 Aug 2013

ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފަކަށް އެކުންފުނީގެ ބޯޑުގެ ނިންމުމަކާ ނުލައި މެލޭޝިޔާއިން ކޯހެއްގެ ސްޕޮންސަރޝިޕް 05 އަހަރު ދުވަހުގެ ޕޭލީވްއަކާއެކު ހަމަޖައްސައިދީފައިވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤް ކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގައި ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާއިރު، މެލޭޝިޔާގެ އޭޝިއަން ޕެސިފިކް ޔުނިވަރސިޓީ ކޮލެޖް އޮފް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (ޔޫ.ސީ.ޓީ.އައި) އިން “ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ލީޑިންގ ސެކެންޑް އިޔަރ އިންޓު ޑިގްރީ ލެވެލް 02 އޮފް ބީ.އޭ އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް” ކޯހުގައި ކިޔެވުމުގެ ފުރުޞަތު ހޯދުމަށްފަހު، އެކޯސް އެކުންފުނީގެ ފަރާތުން ސްޕޮންސަރކޮށްދިނުމަށް އެދި 2012 ޖެނުއަރީ 25 ވަނަ ދުވަހު ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފަކު އެކުންފުންޏަށް ހުށަހެޅި ސިޓީއާގުޅިގެން އޭނާއަށް 2012 މާރޗް 18 ވަނަ ދުވަހުން ފެށިގެން 03 އަހަރު ދުވަހުގެ މުސާރަނުލިބޭ ޗުއްޓީއެއް ދީފައިވާތީއާއި އޭނާ ހަދަމުންދާ ކޯހުގެ ކިޔެވުން މެލޭޝިޔާގައި ފެށިއިރު އޭނާ ހަދަމުންދާ ކޯސް ކުންފުނީގެ ފަރާތުން ސްޕޮންސަރކޮށްދީފައިނުވާކަމާއި، އޭނާއަށް ދީފައިވަނީ މުސާރަ ނުލިބޭ ޗުއްޓީއެއްކަމަށްވާތީއާއި އޭނާ ކޯހުގައި ކިޔެވުމަށް މެލޭޝިޔާއަށް ދިޔައީ، ހިތަދޫ ޕޯޓް ލިމިޓެޑްގެ ބޯޑަށް ހުށަހަޅައިގެން އޭނާގެ ކޯސް ސްޕޮންސަރކޮށްދޭނެކަމުގެ ޔަޤީންކަން ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ދިނުމުންކަމަށް، މިކަމާގުޅޭގޮތުން މަޝްވަރާކޮށްފައިވާ އެޗްއާރު ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެފައިވާ އެކުންފުނީގެ 03 މުވައްޒަފުން ބުނެފައިވީނަމަވެސް، މެނޭޖިންގ ޑިރެކްޓަރ އެކަމަށް އިންކާރުކޮށްފައިވާތީއާއި 2012 ވަނަ އަހަރުގެތެރޭގައި ހިތަދޫ ޕޯޓް ލިމިޓެޑްގެ ބޯޑް އުވާލުމާ ހަމައަށްވެސް އެމުވައްޒަފުގެ ކޯސް ސްޕޮންސަރ ކުރުމާ ގުޅޭގޮތުން ކުންފުނީގެ ބޯޑުގައި އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާތީއާއި 2012 ވަނަ އަހަރުގެ މެއިމަހު ހިތަދޫ ޕޯޓް ލިމިޓެޑްގެ ބޯޑްއަލުން އެކުލަވާލިފަހުން ބޯޑުގެ މެނޭޖިންގ ޑިރެކްޓަރ ގާތުގައި، އެކުންފުނީގެ ފަރާތުން ސްޕޮންސަރކޮށްދިނުމަށް އެދިފައިވާ މުވައްޒަފުގެ ކޯސް ސްޕޮންސަރ ކުރުމުގެ ވާހަކަ ބުނެފައިވަނީ އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙްމަދު މަޝްހޫދުކަމާއި، އަދި ބޯޑަށް ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ފޮނުވާފައިވަނީވެސް އަޙްމަދު މަޝްހޫދުކަން ލިޔެކިޔުމުންނާއި މިކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިވާ ބަޔާންތަކުން އެނގޭތީއާއި، މިމުވައްޒަފުގެ ކޯސް ސްޕޮންސަރ ކުރުމުގެ މައްސަލަ ބޯޑަށް ހުށަހެޅުމަށްޓަކައި ހިތަދޫ ޕޯޓް ލިމިޓެޑްގެ އެޗް.އާރް ކޮމެޓީއަށް ފެންނަގޮތެއް ހުށަހެޅުމަށް މެނޭޖިންގ ޑިރެކްޓަރ އެންގުމުން، އަޙްމަދު މަޝްހޫދު އިސްކޮށްހުރެ އެޗް.އާރު ކޮމެޓީ އެކުލަވާލުމަށްފަހު، އެކޮމެޓީގެ ބައްދަލުވުން އިންތިޒާމްކޮށް، އެމައްސަލަ ކޮމެޓީއަށް ހުށަހެޅީ އަޙްމަދު މަޝްހޫދު ކަމަށްވާތީއާއި އެކޯސް ސްޕޮންސަރ ކުރުމަށް ފެންނަ ކަމަށް ކޮމެޓީއިން ނިންމުމަށްފަހު، އެނިންމުން ބޯޑަށް ހުށަހެޅުމަށް ފޮނުވާފައިވަނީވެސް އަޙްމަދު މަޝްހޫދުކަމަށްވާތީއާއި ހިތަދޫ ޕޯޓް ލިމިޓެޑްގެ އެޗް.އާރް ކޮމެޓީގެ އެބައްދަލުވުން ބާއްވާފައިއެވަނީ ކުންފުނީގެ ބޯޑުގެ ބައްދަލުވުމަށް އެމައްސަލަ ހުށަހެޅުމަށް އެޗް.އާރު. ކޮމެޓީން އެކަން އެގޮތަށް ކުރަން ފެންނަކަމުގެ ލިޔުމެއް ކޮންމެހެން ހޯދުމުގެ މަޤްޞަދުގައިކަމަށް ބެލެވޭތީއާއި އެމުވައްޒަފަށް 2012 މާޗް 18ވަނަ ދުވަހުން ފެށިގެން 03 އަހަރު ދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީއެއް ދީފައިވަނިކޮށް އޭނާއަށް ދީފައިވާ މުސާރަ ނުލިބޭ ޗުއްޓީ، މުސާރަ ލިބޭ ޗުއްޓީއަކަށް ބަދަލުކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިނުވަނީސް، މުސާރަ ނުލިބޭ ޗުއްޓީ، މުސާރަ ލިބޭ ޗުއްޓީއަކަށް ބަދަލުކޮށް، އެމުވައްޒަފަށް މުސާރަ ދެމުން ގެންދިއުމަށް ފައިނޭންސް ސެކްޝަނަށް އަޙްމަދު މަޝްހޫދު އަންގާފައިވާތީ، މިކަމަކީ ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެންޓް ޖެނެރަލްމެނޭޖަރ، ސ.ހިތަދޫ /ތްރީރޯސް، އަޙްމަދު މަޝްހޫދު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭތީ، ޤާނޫނު ނަންބަރު2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ) ގެ 1ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން، ސ.ހިތަދޫ /ތްރީރޯސް، އަޙްމަދު މަޝްހޫދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×