ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ބައެއް ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންނާއި ގުޅުންހުރި ފަރާތްތަކުންނާއި ބައެއް ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން އެކިފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ބުނެ މީޑިއާތަކުގައި އާންމުވެފައިވާ ކަންކަމާއި ގުޅޭގޮތުން ދަންނަވަމެވެ.
ކެނޑިޑޭޓުން، ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން އެހީތެރިވެދިނުމާ ގުޅޭގޮތުން ޤާނޫނުތަކާއި، ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ތިރީގައި މިދަންނަވާ ކަންކަން މިކޮމިޝަނުން ފާހަގަކުރަމެވެ.
1. ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) އާއި ރިޔާސީ އިންތިޚާބާ ބެހޭ ގަވާއިދު 2013 (ގަވާއިދު ނަންބަރު: 2013/R-40) ގެ 27 ވަނަ މާއްދާގެ (ށ) ގައި ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ކުރެވޭނެ ކަންކަން ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި، މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން އެހީތެރިވެދިނުން ނުހިމެނޭކަން.
2. އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި، އެ ޤާނޫނުގައި ވަކި ގޮތަކަށް ކުރުމަށް ކަނޑައަޅާފައިވާ ކަމެއް އެ ނޫންގޮތަކަށް ކޮށްފި މީހަކު، ނުވަތަ ކުރަން އުޅެފި މީހަކު ކުށްވެރިވާނެކަމަށް ބަޔާންކޮށްފައިވުން.
3. ރިޔާސީ އިންތިޚާބާ ބެހޭ ގަވާއިދު 2013 ގެ 28 ވަނަ މާއްދާގެ (ހ) ގެ 14 ވަނަ ނަންބަރުގައި، ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެންނުވާނެކަމަށާއި، އަދި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން ފައިދާއެއް ވެދާނެފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެންވެސް ނުވާނެކަމަށް ބަޔާންކޮށްފައިވުން.
4. ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި، އަމިއްލަ ފަރާތަކުން ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތަކުން ކުރާ ނުވަތަ ކުރަން ގަސްތުކުރާ ކަމަކާ ގުޅިގެން، ވަކި ފަރާތަކަށް ފަސޭހައެއް ނުވަތަ ހެވެއް ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި އެ މީހަކު އަމިއްލައަށް ނުވަތަ އެހެން މީހެއް މެދުވެރިކޮށް ނުވަތަ އެހެން މީހެއްގެ ފަރާތުން ރިޝްވަތު ދިނުމާއި ދިނުމަށް ހުށަހެޅުމާއި ދިނުމަށް އެއްބަސްވުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވުން.
5. ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައި، މި ކޮމިޝަނުގެ ބާރު ހިނގާ ދާއިރާތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ކުރާ ކަންތައްތައް ބެލޭނޭކަން.
މަތީގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންނާއި ގުޅުންހުރި ފަރާތްތަކުންނާއި ބައެއް ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ރިޝްވަތުގެ ގޮތުގައި ތުހުމަތުކުރެވޭ މައްސަލަތައް މިކޮމިޝަނުން ތަޙުޤީޤު ކުރަން ނިންމާފައިވާކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.
އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންނާއި ގުޅުންހުރި ފަރާތްތަކުންނާއި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖޭގައި އަމަލުކުރެވެމުންދާ ޤާނޫނުތަކާއި ގަވާއިދުތަކުގައި ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ކަންކަން ނުކުރުމަށާއި، ޚާއްޞަކޮށް ރިޝްވަތުގެ ގޮތުގައި ބެލެވިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށާއި، ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ.
ހަމައެއާއެކު، ކުރިއަށް އޮތްތާނގައި އެފަދަ މައްސަލައެއް މިކޮމިޝަނަށް ހުށަހަޅައިފިނަމަ ނުވަތަ އެފަދަ ކަމެއް އެއްވެސް ގޮތަކުން މިކޮމިޝަނަށް ފާހަގަކުރެވިއްޖެނަމަ، އެކަމެއް މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރައްޔިތުންނަށް އަރުވަމެވެ.