ސ.ފޭދޫ ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގެ މުވައްޒަފުން އަމިއްލަ ވިޔަފާރިއަށް “އީ-ބޭ” އިން އޮންލައިންކޮށް އޯޑަރުކޮށްގެން ގެންނަ ތަކެތި އެކި ތަންތަނަށް ޑެލިވަރ ކުރުމުގެ މަސައްކަތުގައި ސްކޫލްގެ މުވައްޒަފުން ރަސްމީގަޑީގައި ބޭނުން ކޮށްފައިވާކަމަށާއި، އަދި އެފަދަ ތަކެތި ސްކޫލްގެ މުވައްޒަފުންނަށް ވިއްކާފައިވާކަމަށް ބުނެ މި ކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުން ތަޙްޤީޤްކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
މި މައްސަލަ މި ކޮމިޝަނުން ތަޙްޤީޤްކުރި ކުރުމުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ފޭދޫ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުއްލަތީފު ޢަލީ އާއި، އެޑްމިނިސްޓްރޭޓަރ ޢަބްދުﷲ ޒުހައިރުގެ ނަމުގައި ޕޯސްޓް އޮފީހަށް ލިބިފައި ހުންނަ ބައެއްތަކެތި އެސްކޫލްގެ ބައެއް މުވައްޒަފުން ސްކޫލަށް ގެނެސްހަދާކަމާއި، ބައެއްފަހަރު ޕޯސްޓްއޮފީހުން ޕްރިންސިޕަލްގެ ގެއަށްވެސް ތަކެތި ގެންގޮސްދޭކަމާއި، ގިނައިން އެފަދަ ތަކެތި ގެންދަނީ ސްކޫލަށްކަމާއި، އެގޮތުން ގެންދާތަކެތި ފޭދޫ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުއްލަތީފާއި އެޑްމިނިސްޓްރޭޓަރ ޒުހައިރު ސްކޫލުގައި އެތަކެތި ބަހައްޓައިގެން ސްކޫލުގެ މުވައްޒަފުންނަށާއި، ޓީޗަރުންނަށްވެސް ވިއްކައި ހަދާކަމާއި،ޢަބްދުﷲ ޒުހެއިރު އީބޭއިން ގެނައި ފޯނެއް ސްކޫލުގެ ރަސްމީ ގަޑީގައި އެސްކޫލްގެ މުވައްޒަފަކަށް ވިއްކާފައިވާކަމާއި، އާންމުގޮތެއްގައި މަހަކު 2 ނުވަތަ 3 ފަހަރު ޕްރިންސިޕަލް ޢަބްދުއްލަޠީފް ޢަލީ އާއި ޢަބްދުﷲ ޒުހައިރު އޮންލައިންކޮށް ގެންނަ ތަކެތި އެސްކޫލްގެ ބައެއް މުވައްޒަފުން ލައްވައި އެސުކޫލަށް ގެންނަކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި، ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން، ސިވިލް ސަރވިސް މުވައްޒަފުން އޮފީހުގެ ރަސްމީ ގަޑީގައި އަމިއްލަ ވިޔަފާރިއާ ބެހޭ ނުވަތަ މާލީ މަންފާއެއް ލިބޭފަދަ ނުވަތަ މާލީ މަންފާއެއް ނުލިބޭ އަމިއްލަ މަސައްކަތް ކުރުމާއި، އެފަދަ މަސައްކަތެއް އޮފީހުގެ އެހެން މުވައްޒަފުން ލައްވައި ކުރުވުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައިވާތީ، ރަސްމީގަޑީގައި އެހެން މުވައްޒަފަކުލައްވައި ސަރުކާރު ގަވާއިދާ ޚިލާފަށް އަމިއްލަ މަސައްކަތެއް ކުރުވާފައިވާތީ، މިއީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ)އާ ޚިލާފުކަމަކަށް ވުމާއެކު، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ) ގެ 2ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ސ.ފޭދޫ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ސ.ފޭދޫ /ފުލްމޫން، ޢަބްދުއްލަޠީފް ޢަލީއާއި، ސ.ފޭދޫ ސްކޫލުގެ ކުރީގެ ލީޑިންގ ޓީޗަރ ސ.ފޭދޫ /ނީލޯފަރުގޭ، ޢަބްދުﷲ ޒުހައިރުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.