ދ.އަތޮޅު ކައުންސިލަރ ޝާޠިރު ބެންކޮކުން 6,000.00 (ހަހާސް) ރުފިޔާއަށް ގެނައި މަލްޓި މީޑިއާ ޕްރޮޖެކްޓަރެއް ދ.އަތޮޅު އޮފީހުގެ ބަޖެޓާ ޙަވާލުވެހުރި ދ.އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާ ދޮންމަނިކުއާ ގުޅިގެން އެޕްރޮޖެކްޓަރު އަތޮޅު އޮފީހަށް 20,000.00 (ވިހިހާސް) ރުފިޔާއަށް ވިއްކާލާފައިވާކަމަށް ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤްކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެޕްސަން EB-S7 ބްރޭންޑްގެ މަލްޓި މީޑިއާ ޕްރޮޖެކްޓަރެއް 2010 ވަނަ އަހަރު ދ.އަތޮޅު އަތޮޅު އޮފީހަށް ވިއްކާފައިވާކަމަށް އޭރު ދ.އަތޮޅު އަތޮޅު ކައުންސިލަރ އަދި އަތޮޅު އޮފީހުގެ އެންމެ އިސްފަރާތްކަމަށްވާ ޝާޠިރު ޢަބްދުއްރަޙްމާން އިންކާރުކޮށްފައިވީނަމަވެސް، ދ.އަތޮޅު އަތޮޅުއޮފީހަށް ޕްރޮޖެކްޓަރެއް ގަތުމާބެހޭގޮތުން އެ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޖާދުﷲ ޙަމީދު ޝާޠިރު ޢަބްދުއްރަޙްމާނާ ވާހަކަދެއްކިފަހުން، ޝާޠިރު ޢަބްދުއްރަޙްމާން ރާއްޖެއިން ބޭރަށް ގޮސްއައިސް ނޯޓުކޮޅެއް ދީފައި އޭގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ޕްރޮޖެކްޓަރެއް ހޯދުމަށް ރިކުއެސްޓް ކުރުމަށް ޝާޠިރު ޢަބްދުއްރަޙްމާން ބުނެފައިވާ ކަމަށް ތަޙްޤީޤަށް މަޢުލޫމާތު ލިބިފައިވާތީއާއި، ޕްރޮޖެކްޓަރ ގަތްކަމަށް ލިޔެކިޔުންތަކުން ދައްކާ “އަވަސްތަރި” ފިހާރައިގައި އެދުވަސްވަރު ޕްރޮޖެކްޓަރ ވިއްކަން ނުހުންނަކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި، އަވަސްތަރި ފިހާރައިގެ ފަރާތުންވެސް އަތޮޅު އޮފީހުން ފޮނުވާފައިވާ ކޯޓޭޝަންގައި ސޮއިކޮށްފައި ވީނަމަވެސް އަވަސްތަރި ފިހާރައިގައި އެއްވެސް ދުވަސްވަރެއްގައި ޕްރޮޖެކްޓަރ ވިއްކަން ނުހުންނާނެކަމަށާއި، އިލެކްޓްރޯނިކް އެއްވެސް އެއްޗެއް ވިއްކާފައި ނުވާނެކަމަށް ތަޙްޤީޤަށް މަޢުލޫމާތު ލިބިފައިވާތީއާއި، އެ ޕްރޮޖެކްޓަރ ގަތުމަށާއި ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވަނީ ޝާޠިރު ޢަބްދުއްރަޙްމާން ކަމުގައިވާތީ، 2010ވަނަ އަހަރު ދ.އަތޮޅު އަތޮޅު އޮފީހަށް ގަނެފައިވާ ޕްރޮޖެކްޓަރ ގަނެފައިވަނީ ޕްރޮޖެކްޓާ ގަތްކަމަށް ލިޔުންތަކުން ދައްކާ ” އަވަސްތަރި” ފިހާރައިން ނޫންކަމުން މިއީ ޝާޠިރު ޢަބްދުއްރަޙްމާން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޕްރޮޖެކްޓާގެ އަގަށްވާ ފައިސާ ހޯދުމަށް ނުވަތަ އެހެން ފަރާތަކަށް އެފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ތަޙްޤީޤަށް ފެންނާތީ މިއީ ޤާނޫނު ނަންބަރު 2008/2 (އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މި އީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމަށް ކަނޑައަޅައި، އޭރު ދ.އަތޮޅު ކައުންސިލަރަކަށްހުރި ދ. ކުޑަހުވަދޫ ބޯގަންވިލާ ޝާޠިރު ޢަބްދުއްރަޙްމާނުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.