2008ވަނައަހަރުގެ ރިޔާސީ އިންތިޚާބާގުޅިގެން ގދ.އަތޮޅުއޮފީހުން ބޮޑުއަގުގައި ލޯންޗްފަހަރު ހިފައިގެން އަތޮޅުތެރެއަށް ވޯޓުދަތުރުކޮށް އިލެކްޝަނަށް ބިލުހުށަހަޅައި ފައިސާނަގައި ބޭނުންކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
2008ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ގދ.އަތޮޅު އޮފީސް މެދުވެރިކޮށް ކުރި ލޯންޗް ދަތުރުތައް ކުރީ ގދ.އަތޮޅުއޮފީހުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ޢަބްދުއްޝާމިން ޢަބްދުއްސައްތާރުގެ ބެލުމުގެ ދަށުންކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވުމާއި، ގދ.ތިނަދޫގައި ލޯންޗް އޮޕަރޭޓްކުރާ އެއްފަރާތްކަމުގައިވާ، “ޖުޕިޓަރ” ގެ ލޯންޗްތަކުން އެކި އިދާރާތަކަށް ހުށަހަޅާ ކޯޓޭޝަންތަކާއި، އިންތިޚާބާ ގުޅިގެން “ޖުޕިޓަރ”އިން ކުރި ދަތުރުތަކަށް “ޖުޕިޓަރ” އިން ހުށަހެޅި ކޯޓޭޝަންތަކާއި އިންވޮއިސްތައް ތައްޔާރުކޮށްފައިވަނީ ގދ.އަތޮޅު އޮފީހުން ޢަބްދުއްޝާމިން ޢަބްދުއްސައްތާރު މަސައްކަތްކުރުމަށް ދީފައިވާ ކޮމްޕިއުޓަރ ސިސްޓަމް ބޭނުންކޮށްގެން ޢަބްދުއްޝާމިން ޢަބްދުއްސައްތާރުކަމަށް ތަޙްޤީޤްގައި ޢަބްދުއްޝާމިން ޢަބްދުއްސައްތާރު އިޢުތިރާފްވެފައިވާތީއާއި، ޖުޕިޓަރގެ ނަމުގައި ހުށަހަޅާ ކޯޓޭޝަންތައް ތައްޔާރުކޮށްދެނީ ޢަބްދުއްޝާމިން ޢަބްދުއްސައްތާރުކަމަށް “ޖުޕިޓަރ” ގެ ނަމުގައި ލޯންޗް އޮޕަރޭޓް ކުރާ ފަރާތުންވެސް ތަޙްޤީގުގައި ބުނެފައިވާތީއާއި، 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ގދ.އަތޮޅުއޮފީސް މެދުވެރިކޮށް ކުރި ލޯންޗް ދަތުރުތައް ކުރުވުމުގައި ޖުޕިޓަރއިން ކޯޓޭޝަން ހުށަހަޅާފައިވާ އެއްވެސް ފަހަރަކު އެހެން ފަރާތަކަށް މަސައްކަތް ލިބިފައި ނުވާތީއާއި، ޖުޕިޓަރގެ ނަމުގައި ހަދައިފައިވާ ކޯޓޭޝަންތަކާއި އިންވޮއިސްތައް ތައްޔާރުކޮށްފައިވާ ފަރާތަކީ ލޯންޗް ދަތުރުތައް ކުރުމަށް ލޯންޗްތައް ހޯދުމުގެ މަސައްކަތް ޙަވާލުވެފައިވާ މުވައްޒަފު ޢަބްދުއްޝާމިން ޢަބްދުއްސައްތާރު ކަމަށްވާތީއާއި، “ޖުޕިޓަރ” ނޫން އެހެން ފަރާތަކުން ކޯޓޭޝަން ނުހޯދާ ދަތުރުކޮށްފައިވާތީއާއި، ގދ.އަތޮޅު އޮފީހުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރަކަށް އޭރުހުރި، ގދ.ތިނަދޫ /ލިލިއަން، ޢަބްދުއްޝާމިން ޢަބްދުއްސައްތާރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަމް ކޮމިޝަން) ގެ ޤާނޫނުގެ 25ވަނަ މާއްދާގެ (ހ) ގެ 2ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ޢަބްދުއްޝާމިން ޢަބްދުއްސައްތާރުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.