އއ.ތޮއްޑޫ އިން ދިރިއުޅުމަށްޓަކައި 2013ވަނަ އަހަރުގެ ކުރީކޮޅު ގޯތި ދޫކުރުމަށް ކޮށްފައިވާ އިޢުލާނާގުޅޭ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ކޮށްފައިވާކަމަށް ބުނާ މައްސަލައާގުޅޭ

24 Sep 2013

އއ.ތޮއްޑޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އއ.ތޮއްޑޫ ކައުންސިލްގެ އިދާރާއިން 2013 ވަނަ އަހަރުގެ ކުރީކޮޅު ކުރި އިޢުލާނާ ގުޅިގެން ހުށަހެޅުނު ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަގޮތަކަށް ކަންތައްތައް ކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު މިމައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

     (1).  މިމައްސަލައާގުޅިގެން މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ބަލާއިރު، ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށް ވުރެބޮޑުބިމެއް ތަރިކައިން ނުވަތަ ހިބައިން ނުވަތަ މަންމަ ނުވަތަ ބައްޕަ ނިޔާވުމުގެ ސަބަބުން، މަންމަ ނުވަތަ ބައްޕަގެ މިލްކުގައިވާ ގޯތި ވާރިސުންގެ މެދުގައި ބައިކޮށްގެން ލިބެންއޮތުމުން، އެއީ ގޯތިލިބިފައިވާ މީހެއްކަމަށް ބެލެވޭނެކަމަށް  ތޮއްޑޫ ގެވަޅު ކޮމެޓީން ނިންމި ނިންމުމުގެ ސަބަބުން، ތޮއްޑޫއިން ގޯއްޗަށް އެދުމުގެ ޝަރުޠު ފުރިހަމަވާ ބައެއް ފަރާތްތަކަށް ގޯއްޗަށް އެދޭ ފޯމު ލިބިފައިނުވާކަމާއި އަދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ބައެއް ފަރާތްތަކުގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ގެވަޅު ކޮމެޓީން ނިންމާފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި؛

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލުގައި ގޯއްޗަށްއެދޭ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ނެތްނަމަ 25 ޕޮއިންޓް ލިބޭނެކަމަށް ބަޔާންކޮށްފައި އޮއްވައި ގޯއްޗަށްއެދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް އޮތްނަމަވެސް އެގޯތީގައި 600 އަކަފޫޓް ހަމަނުވާނަމަ ގޯތީގެ ބަޔަށް ގެވަޅު ކޮމެޓީން 25 ޕޮއިންޓް ދީފައިވާތީ، ގޯތީގެ ބައިން ޕޮއިންޓް ޙައްޤު ނުވާ ފަރާތްތަކަށްވެސް ގޯތީގެ ބަޔަށް 25 ޕޮއިންޓް ލިބިފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި؛

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ 4 ގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތިން މީހަކާ ނުއިނދެހުރި 21 އަހަރުން ދަށުގެ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި ގެވަޅު ކޮމެޓީން ޕޮއިންޓް ދީފައިވަނީ ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލާއި ޚިލާފަށްކަމަށްވާތީއާއި؛

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ 4 ގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތިން މީހަކާނުއިނދެހުރި 21 އަހަރުން ދަށުގެ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި ގެވަޅު ކޮމެޓީން ޢަމަލުކޮށްފައިވާގޮތުން، ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން މީހަކާނުއިނދެހުރި 21 އަހަރުން ދަށުގެ ދަރިއަކު ނެތް މީހުނަށްވުރެ އެފަދަ ދަރިން ތިބިމީހުންނަށް ޙައްޤުނުވާ 4 ޕޮއިންޓް އިތުރުވާކަން ފާހަގަކުރެވިފައިވާތީއާއި؛

ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކުގެ ތެރެއިން ބައެއް ކަންކަމަށް އައިސްފައިވާ އުނިއިތުރު ގުރުއަތުލާ ތާރިޚާ ހަމައަށް ބެލުމަށްފަހު، އަނެއްބައި ކަންކަމަށް އައިސްފައިވާ އުނިއިތުރު ގުރުއަތުލާ ތާރިޚަށް ބަލާފައި ނުވަނީ، ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލާ ޚިލާފަށްކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި؛

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ 7 ގެ (ހ) (ށ) (ނ) އަދި (ރ) ގައިވާގޮތުގެމަތިން ޕޮއިންޓް އުނިކުރުމުގައި ގެވަޅު ކޮމެޓީން ޢަމަލުކޮށްފައިވަނީ ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލާ ޚިލާފަށްކަން އެނގޭތީ؛

 އއ.ތޮއްޑޫއިން ގޯތި ދޫކުރުމަށްޓަކައި އއ.ތޮއްޑޫ ކައުންސިލްގެ އިދާރާއިން އެކުލަވާލި ގެވަޅު ކޮމެޓީން، ގޯއްޗަށް އެދިފައިވާ މީހުންގެ ޝަރުޠު ހަމަވޭތޯ ބެލުމުގައި، އއ.ތޮއްޑޫ ކައުންސިލްގެ އިދާރާއިން 03 ފެބްރުއަރީ 2013 ގައި ކުރެވުނު އިޢުލާނާއެކު ޢާއްމުކުރެވިފައިވާ ތޮއްޑޫއިން ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތަކާ ޚިލާފުވެފައިވާކަމާއި، އަދި ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލާ ޚިލާފަށް، ޕޮއިންޓް ދިނުމުގެ އުޞޫލުގައިވާ ބައެއް ބައިތަކަށް ޕޮއިންޓް ދީފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވުނުނަމަވެސް؛

ގޯއްޗަށް އެދިފައިވާ މީހުންގެ ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައާއި ގޯއްޗަށް އެދިފައިވާ މީހުންނަށް ޕޮއިންޓް ދިނުމުގައި ގެވަޅު ކޮމެޓީން އެގޮތަށް އަމަލުކޮށްފައިވަނީ ތޮއްޑޫއިން ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތަކާއި ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ ބައެއް މާއްދާތައް ގެވަޅު ކޮމެޓީން މާނަކޮށްފައިވާގޮތުން ލިޔެވިފައި އޮންނަ އެއްޗަކާ ގެވަޅު ކޮމެޓީން މާނަކޮށްފައިވާ ގޮތާ ފުށުއެރުންތަކެއް ހުރުމުންކަން އެނގޭތީއާއި؛

ތޮއްޑޫއިން ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތަކުގެ 10 އަދި 11 ވަނަ ޝަރުޠު މާނަކުރުމުގައި، ތޮއްޑޫއިން ގޯއްޗަށް އެދޭ މީހުންގައި ހުންނަންޖެހޭ ޝަރުޠުތަކުގެ 11 ވަނަ މާއްދާއާއި ތަޢާރުޒުވާގޮތަށް، ތަރިކައިން ނުވަތަ ހިބައިން ނުވަތަ މައިންބަފައިން ނިޔާވެ މަންމަ ނުވަތަ ބައްޕަގެ ގޯތިން ވާރިސުންގެ މެދުގައި ބައިކޮށްގެން، ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށް ވުރެ ބޮޑުބިމެއް ލިބެންއޮތުމުން އެއީ ގޯތިލިބިފައިވާމީހެއްކަމަށް ބެލެވޭނެކަމަށް،  ތޮއްޑޫ ގެވަޅު ކޮމެޓީން ނިންމާފައިވަނީ ތޮއްޑޫއިން ގޯތި ދޫކުރުމަށް އިޢުލާނު ކުރުމުގެ ކުރިންކަން އެނގޭތީއާއި؛

 ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލުގެ 6 ވަނަ ނަމްބަރ ގެ (ށ) ގައިވާފަދައިން ރަށުގައި ދިރިއުޅޭ މީހެއްކަމަށް ބަލާނެ އުޞޫލެއް ކަނޑައަޅާފައިވަނީ ގެވަޅުކޮމެޓީންކަމާއި އަދި ގެވަޅުކޮމެޓީން އެނިންމުން ނިންމާފައިވަނީ  ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިންކަން އެނގޭތީއާއި؛

ތޮއްޑޫއިން ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދޭ އުޞޫލުގައި ކައިވެނީގެ ބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓްގެ އަދަދު ނިސްބަތުން ބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގޯތި ބޭނުންވާ މީހުންގެ ތެރެއިން، މީހަކާއިނދެ ދަރިން ލިބުމަށްފަހު ވަރިކުރުމުގެ ސަބަބުން އެކުދިން ގޮވައިގެން އުޅޭ އެކަނިވެރި މައިންފަދަ، ބައެއް މީހުންނަށް ގޯތި ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާކަން އެނގޭއިރު، އެއީ ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލު ފަރުމާކުރުމުގައި ހުރި އުނިކަމެއްގެ ސަބަބުން ވެފައިވާ ކަމެއްކަން ފާހަގަކުރެވިފައިވާތީއާއި؛

ގޯއްޗަށް އެދިފައިވާ މީހުންނަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ތަފްޞީލް ލިސްޓް ޢާއްމުކުރުމަށްފަހު، ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ލިސްޓް އިޞްލާޙްކޮށްފައިވާކަން އެނގޭތީއާއި؛

އއ.ތޮއްޑޫއިން ގޯތި ދިނުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ތޮއްޑޫ ގެވަޅު ކޮމެޓީގެ އެއްވެސް މެންބަރަކު ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަން ސާބިތުކުރެވޭވަރަށް މި މައްސަލައިގެ ތަޙުޤީޤަށް ހެކި ލިބިފައި ނުވާތީ؛ މިމައްސަލައިގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިނުވާތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 1ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ މިހިސާބުން ނިންމީއެވެ.

     (2).  ތޮއްޑޫއިން ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތަކުގެ 6، 7، 8، 9، 10، އަދި 11 ވަނަ ޝަރުޠު ހިމަނާފައިވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 10 ވަނަ މާއްދާއާ ޚިލާފަށްކަންތަޙްޤީޤަށް ފާހަގަކުރެވިފައިވާއިރު، ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ރ) ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރަންވާނީ، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާތީ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ ޚިލާފަށް ކަނޑައެޅިފައިވާ ޝަރުޠުތަކެއްގެ މައްޗަށް ބިނާކޮށް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫނުކުރެވޭނެކަން އެނގޭތީ، އއ.ތޮއްޑޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް، އއ.ތޮއްޑޫ ކައުންސިލްގެ އިދާރާއިން ޢާއްމުކޮށްފައިވާ، އެއިދާރާގެ ނަންބަރު B/339/2013/03 (03 ފެބްރުއަރީ 2013) އިޢުލާނު ބާޠިލުކުރުމަށްފަހު، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތަށް، ތޮއްޑޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް އަލުން އިޢުލާނުކޮށްގެން ކުރިއަށް ގެންދިއުމަށް އއ.ތޮއްޑޫ ކައުންސިލްގެ އިދާރާއަށް ވަނީ އިރުޝާދު ދެވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×