ފ.އަތޮޅު ސްޓޯރަށް މުދާ ގަތުމަށް ފ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ޚަލީލާ ޙަވާލުކޮށްފައިވާ ފައިސާއާމެދު އޭނާ ޢަމަލުކޮށްފައިވާ ގޮތުން، އޭނާގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

01 Oct 2013

ފ.އަތޮޅު ކައުންސިލްގެ އިދާރާއިން ފ.އަތޮޅު ފިހާރައަށް މާލެއިން ތަކެތި ގަތުމަށްޓަކައި އެފިހާރައިން ދެލައްކަ ރުފިޔާ ނަގާފައި، ފ.އަތޮޅު ކައުންސިލްގެ ނާއިބުރައީސާ ޙަވާލުކުރުމުން، އޭގެތެރެއިން 01 ލައްކަ ރުފިޔާއަށް ތަކެތި ގެނެސްފައިވީނަމަވެސް ބާކީ 1ލައްކަ ރުފިޔާ އަނބުރާ ޖަމާނުކޮށް ނާއިބުރައީސްގެ އަތުގައި ބަހައްޓާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލުމަށްފަހު، އެމައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

1-                     ފ.އަތޮޅުސްޓޯރު [އާވާނިރު] އަށް މުދާގަތުމަށް 17 މާޗް 2011 ގައި 260,000.00 (ދެލައްކަ ފަސްދޮޅަސް ހާސް) ރުފިޔާއާއި،  05 އޭޕްރީލް 2011 ގައި 117,690.00 (އެއްލައްކަ ސަތާރަ ހާސް ހަސަތޭކަ ނުވަދިހަ) ރުފިޔާ ނަގުދު ފައިސާއިން ފ.އަތޮޅު ކައުންސިލްގެ ނައިބުރައީސް ފ.ނިލަންދޫ /ފުލޫނިޔާގެ، އަޙުމަދު ޚަލީލާ ޙަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގޭތީއާއި،

260,000.00 (ދެލައްކަ ފަސްދޮޅަސް ހާސް) ރުފިޔާއާ ޙަވާލުވެ ކުރި ދަތުރު (ފުރަތަމަ ދަތުރު)ގައި އަމިއްލަ ފަރާތެއްގެ ފިހާރައަކުން މުދާ ގަނެފައިވަނީ ކްރެޑިޓަށްކަން އެފިހާރައިގެ 23 މާޗް 2011ގެ ކްރެޑިޓް އިންވޮއިސް (57,200.00ރުފިޔާ) އިން އެނގޭކަމާއި، އެއިންވޮއިސްއަށް ފައިސާދެއްކުމަށްޓަކައި 23 މާޗް 2011 ގައި ޑޭޓަޑް ޗެކެއް ދީފައިވީނަމަވެސް، 24 އޭޕްރީލް 2011ގައި އެ ޗެކު ރިޓަރންވެފައިވާކަމާއި، އެއަށްފަހު މިފިހާރައަށް ދެފަހަރެއްގެ މަތިން ފައިސާ ދައްކާ ޚަލާޞްކޮށްފައިވާކަމާއި، އެގޮތުން، 01 ޖޫން 2011 ގައި 15,000.00 (ފަނަރަހާސް) ރުފިޔާ އާއި، 14 ޖޫން 2011 ގައި 42,200.00 (ސާޅީސްދެހާސް ދުއިސައްތަ) ރުފިޔާ ނަގުދު ފައިސާއިން ދައްކާފައިވީނަމަވެސް، މި ފައިސާ ދައްކާފައިވަނީ، 17 މާޗް 2011 ގައި ފ.އަތޮޅު ސްޓޯރުން ނަގުދު ފައިސާއާ ޙަވާލުވެ މުދާ ގަތުމަށް މާލެއަށް ކޮށްފައިވާ ދަތުރުގައި، އަމިއްލަ ފަރާތެއްގެ ފިހާރައަކުން ކްރެޑިޓަށް މުދާ ގަނެ، އެ ފިހާރައަށް ދިން ޑޭޓަޑް ޗެކް ރިޓަރންވުމުންކަމާއި، ފައިސާ ދައްކާފައިވަނީ ދަތުރު ނިންމި ފަހުން 2 މަހާއި ދުވަސްކޮޅެއްވީފަހުންކަން އެނގޭތީއާއި،

117,690.00 (އެއްލައްކަ ސަތާރަހާސް ހަސަތޭކަ ނުވަދިހަ) ރުފިޔާއާ ޙަވާލުވެ ކުރި ދަތުރު (ދެވަނަ ދަތުރު) ގައި އިތުރު ދެ ފިހާރައެއްގެ އިންވޮއިސްތަކެއް ކަމަށްވާ 15,975.00 ރުފިޔާގެ އިންވޮއިސް އާއި، 50,307.50 ރުފިޔާގެ އިންވޮއިސް އަށް ފައިސާ ނުދައްކާއޮތްކަން އެނގޭތީއާއި،

މީގެތެރެއިން އެއްފިހާރައިގެ އިންވޮއިސްގައިވާ 15,975.00 (ފަނަރަ ހާސްނުވަސަތޭކަ ހަތްދިހަފަހެއް) ރުފިޔާގެ ތެރެއިން އަޙްމަދު ޚަލީލު ދައްކާފައިވަނީ ނަގުދު ފައިސާއިން ދައްކާފައިވާ 2,014.00 (ދެހާސް ސާދަ) ރުފިޔާކަމަށާއި، ބާކީ ދައްކަންޖެހޭ13,961.00  (ތޭރަހާސް ނުވަސަތޭކަ ފަސްދޮޅަސްއެކެއް) ރުފިޔާ އަދިވެސް އެފަރާތަށް ލިބިފައިނުވާތީ، 05 އޭޕްރީލް 2011 ގައި ފ.އަތޮޅު ސްޓޯރުން ނަގުދު ފައިސާއާ ޙަވާލުވެ، މުދާ ގަތުމަށް މާލެއަށް ކޮށްފައިވާ ދަތުރުގައި މި ބިލަށް އެއްކޮށް ފައިސާ ދައްކާފައިނުވާކަމާއި، އަދި މިހާތަނަށްވެސް އެބިލަށް ފައިސާ ދައްކާފައިނުވާކަން އެނގޭތީއާއި،

އިތުރު އެހެން ފަރާތެއްގެ ފިހާރައަކުން މުދާ ގަނެފައިވަނީ ކްރެޑިޓަށްކަން އެނގޭތީއާއި، އެފިހާރައިގެ އިންވޮއިސްގައިވާ 50,307.50 (ފަންސާސްހާސް ތިންސަތޭކަހަތް ރުފިޔާ ފަންސާސްލާރި) ދެއްކުމަށް ދީފައިވަނީ ހަބީބް ބޭންކް ލިމިޓެޑްގެ އެކައުންޓުގެ  ޗެކެއްކަމާއި، އެއީ ޑޭޓަޑް ޗެކެއްކަމާއި، 30 މެއި 2011 ގައި އެ ޗެކު ރިޓަރންވެފައިވާކަމާއި، ޗެކު ރިޓާންވެފައިވަނީ އެކައުންޓް ބަންދުކޮށްފައިވާތީކަން ލިޔުންތަކުން އެނގޭތީއާއި، އެ އެކައުންޓަކީ އަޙްމަދު ޚަލީލު (ފުލޫނިޔާގެ، ފ.ނިލަންދޫ A068268) ގެ ނަމުގައި ހަބީބް ބޭންކް ލިމިޓެޑްގައި ހުޅުވައި، 25 ޖޫން 2006 ގައި ކްލޯސްކޮށްފައިވާ އެކައުންޓެއްކަން އެނގޭތީއާއި، މިފިހާރައިގެ އިންވޮއިސްއަށް ފައިސާ ލިބިފައިވަނީ ކްރިމިނަލް ކޯޓު މެދުވެރިކޮށްކަމާއި، އެގޮތުން، މިފިހާރައަށް ލިބެންޖެހޭ ފައިސާ 24 މެއި 2012 ގައި ލިބިފައިވީނަމަވެސް، މި ފައިސާ ދައްކާފައިވަނީ، 05 އޭޕްރީލް 2011 ގައި ފ.އަތޮޅު ސްޓޯރުން ނަގުދު ފައިސާއާ ޙަވާލުވެ، މުދާ ގަތުމަށް މާލެއަށް ކޮށްފައިވާ ދަތުރުގައި، މިދެންނެވުނު ފިހާރައިން ކްރެޑިޓަށް މުދާ ގަނެ، އެ ފިހާރައަށް ދިން ޑޭޓަޑް ޗެކް ރިޓަރންވުމުން، ކްރިމިނަލް ކޯޓު މެދުވެރިކޮށްކަމާއި، ފައިސާ ލިބިފައިވަނީ މުދާ ގަތުމަށް ފައިސާއާ ޙަވާލުވެ ދަތުރުކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްފަހުންކަން އެނގޭތީ،

ފ.އަތޮޅު ސްޓޯރަށް މުދާ ގަތުމަށް އެ ސްޓޯރުން ފ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ޚަލީލާ ޙަވާލުކޮށްފައިވާ ފައިސާއާމެދު އަޙުމަދު ޚަލީލުގެ ޢަމަލުކޮށްފައިވާގޮތުން، އެއީ އަޙުމަދު ޚަލީލު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުންކަމަށް ތަޙުޤީޤަށް ފެންނާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާގޮތުގެ މަތިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ފ.ނިލަންދޫ /ފުލޫނިޔާގެ، އަޙުމަދު ޚަލީލުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2- 05 އޭޕްރީލް 2011 ގައި ފ.އަތޮޅު ސްޓޯރުން އަޙުމަދު ޚަލީލާ ޙަވާލުކޮށްފައިވާ 117,690.00 (އެއްލައްކަ ސަތާރަހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ) އަށްވުރެ އިތުރަށް އަޙުމަދު ޚަލީލު ގެނެސްފައިވާ ބިލުތަކުގެ ޖުމްލަ ދައްކާތީ އޭނާއަށް އަތޮޅު ސްޓޯރުން ދޭންޖެހޭ ފައިސާ ދީފައިވާކަމަށް އަތޮޅު ސްޓޯރުގެ މުވައްޒަފުން ތަޙުޤީޤުގައި ބުނެފައިވާކަމާއި، އެފައިސާ ލިބިފައިވާކަމަށް އަޙުމަދު ޚަލީލު ތަޙުޤީޤުގައި ބުނެފައިވާކަމާއި، އަޙުމަދު ޚަލީލަށް ސްޓޯރުން އަނބުރާ ދޭންޖެހޭ 12,202.50 (ބާރަހާސް ދުއިސައްތަދެ ރުފިޔާ ފަންސާސްލާރި) 12 އޭޕްރީލް 2011 ގައި އަޙުމަދު ޚަލީލަށް ލިބިފައިވާކަމަށް [ފ.ނިލަންދޫ /ފުލޫނިޔާގޭ، އަޙުމަދު ޚަލީލު 12 އޭޕްރީލް 2011 ގައި މާލެއަށް ކުރި ދަތުރުގެ ޚަރަދު ތަފްޞީލް]  ގައި އަޙުމަދު ޚަލީލު ސޮއިކޮށްފައިވާކަމާއި، ނަމަވެސް، އެ ދަތުރުގައި ހުށަހެޅި ބިލުތަކުގެ ތެރޭގައި އަދި މިހާތަނަށްވެސް ފައިސާ ނުދައްކާ އޮތް އެއް ފިހާރައިގެ ބިލު އޮތުމުންނާއި، އެ ބިލަށް ދައްކަންޖެހޭ 13,961.00  (ތޭރަހާސް ނުވަސަތޭކަ ފަސްދޮޅަސް އެކެއްރުފިޔާ) އޮތްކަން އެނގޭތީ، ފ.އަތޮޅު ސްޓޯރުން އަޙުމަދު ޚަލީލް އާ ޙަވާލުކޮށްފައިވާ 12,202.50 (ބާރަހާސް ދުއިސައްތަދެ ރުފިޔާ ފަންސާސްލާރި) އަޙްމަދު ޚަލީލުގެ  އަތުން ހޯދުމުގެ ދަޢުވާ ކުރުމަށްވެސް ވަނީ ފޮނުވިފައެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×