މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގަރިކަލްޗަރ އިން، އަމިއްލަފަރާތަކާއި، ޙަވާލުކުރައްވާފައިވާ ފިނޮޅެއްގައި ހުއްދަނުނަގައި، ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެފިނޮޅުގެ ފަޅުން ބައެއް ހިއްކައި، އަދި ފަޅުން ބައެއް ފުންކޮށް، ފިނޮޅު ރަށަކަށް ހަދައި، އެރަށުގައި އިންވެސްޓްމެންޓްތަކެއް ކޮށްފައިވާއިރު، އެރަށް ސަރުކާރަށް ނަންގަވާފައި ނެތުމާއި އަދި ޤާނޫނާ ޚިލާފަށް އެރަށުގައި ކޮށްފައިވާ ކަންތައްތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުނެ މި ކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައިމިވަނީއެވެ.
މިމައްސަލައިގައި މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ކ.ތުނބަފުށި ކުއްޔަށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރީކަލްޗަރއާއި އަމިއްލަފަރާތަކާ ދެމެދު 22 އޮގަސްޓް 1999 ގައި ވެފައިވާ އެގްރީމަންޓްގެ 3 ވަނަ މާއްދާގައި އެރަށުގައި ކުރުމަށް ހުއްދަކޮށްފައިވާ މަސައްކަތްތަކުގެ އިތުރުން ތިމާވެއްޓަށް ގެއްލުންލިބޭ ފަދަ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިނގާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީގެ ލިޔެކިޔުންތަކުން އެނގޭއިރު، އެގްރީމަންޓްގެ 7 ވަނަ މާއްދާގައި ރަށް ކުއްޔަށްދިން ބޭނުން ފިޔަވާ، އެހެން ކަމަކަށް ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެގްރީމަންޓްގެ 3 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާ އެރަށް ކުއްޔަށްހިފި ފަރާތުން ޚިލާފުވެފައިވާކަން ފިޝަރީޒް މިނިސްޓްރީގެ ލިޔެކިޔުންތަކުން އެނގޭއިރު، އެގްރީމަންޓްގެ 11 ވަނަ މާއްދާ ދަށުން 15 ދުވަހުގެ ނޯޓިސް، އެފަރާތަށް ދީފައި ނުވުމާއި،
ކ.ތުނބަފުށީގައި، ކޮށްފައިވާ އެގްރީމަންޓާ ޚިލާފު ކަންތައްތަކަކީ 15 ދުވަހުގެ ތެރޭގައި ރަނގަޅު ކުރެވޭނެ މަސައްކަތްތަކަކަށް ނުވާތީވެ، އެ މާއްދާއަށް ފިޝަރީޒް މިނިސްޓްރީން ޢަމަލު ނުކުރާ ކަމަށް ބަޔާންކޮށް އޭރުގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރީކަލްޗަރ ޢަބްދުﷲ ކަމާލުއްދީން ސޮއިކޮށް ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވުމުންނާއި،
ކ.ތުނބަފުށި ކުއްޔަށްދިނުމަށް 22 އޮގަސްޓް 1999 ގައި ކޮށްފައިވާ އެގްރީމަންޓްގެ މުއްދަތު 21 އޮގަސްޓް 2004ގައި ހަމަވުމުން އެގްރީމަންޓްގެ 10 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ފަދައިން ރަށް އަނބުރާ ސަރުކާރަށް ނަގާފައި ނުވާތީއާއި ރަށް ހަވާލުކުރުމަށް ފިޝަރީޒް މިނިސްޓްރީން އެރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް އަންގާފައި ނުވާތީއާއި ތުނބަފުށްޓަކީވެސް އެފަދަ އެހެން ރަށްތަކެކޭ އެއްގޮތަށް ދޭތެރެ ދޭތެރެއިން މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން ޒިޔާރަތްކުރާ ރަށަކަށް ވުމާއިއެކު ތުނބަފުށީގައި ކޮށްފައިވާ މަސައްކަތްތައް ކޮށްފައިވަނީ މިނިސްޓްރީއަށް ނޭނގިކަމަށް ބުނެވެން ނެތް ކަމަށް އޭރުގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރީކަލްޗަރ ޢަބްދުﷲ ކަމާލުއްދީން ތަޙްޤީޤުގައި ބުނެފައިވުމުންނާއި،
އެގްރީމަންޓާ ޚިލާފަށް ތުނބަފުށީގައި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާތީ، އަލުން އެރަށް، ކުރިން ކުއްޔަށް ދީފައިވާ ފަރާތަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީއަށް ފެންނަގޮތްތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވަނީ ޢަބްދުﷲ ކަމާލުއްދީން ކަމަށްވެފައި، ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު)ގެ ދަށުން ފަޅުރަށްތައް ކުއްޔަށްދިނުމާއި ވަރުވާއަށް ލިޔެދިނުމުގެ އިޙްތިޔާރާ ބާރު އޮންނަ ފަރާތަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރީކަލްޗަރަކަމަށް ކަނޑައަޅާފައި އޮތްއިރު، އެފަދަ ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފަޔަކަށް ހުށަހެޅުމަކީ ކުރަންޖެހޭނެކަމެއްކަމެއް އެނގެން ނެތުމުންނާއި، އެރަށުގެ މުއްދަތު އިތުރުކުރުމަށް ނިންމީ ރައީސް އޮފީހުން ދީފައިވާ ލަފަޔާ އެއްގޮތަށްކަމަށް ޢަބްދުﷲ ކަމާލުއްދީން ތަޙްޤީޤުގައި ބުނެފައިވީނަމަވެސް، ގާނޫނު އަސާސީ 1968: ހަތަރުވަނަ ބާރު: ވެރިކަން ހިންގާ ފަރާތް(2) ވަޒީރުންގެ މަޖިލިސް 59 ވަނަ މާއްދާގައި އެވަޒީރަކާ ހަވާލުކުރެވޭ ވުޒާރާއެއްގެ ކަންތައްތައް ކުރުމުގައި އެވަޒީރަކަށް ކުޅަދާނަވީ މިންވަރަކުން މަސްއޫލިއްޔަތު އުފުލަންވާނޭކަމަށާއި އެވަޒީރެއްގެ އިހުމާލުން ދައުލަތަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމުގެ މަސްއޫލިއްޔަތު އޭނާ އުފުލަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވުމުންނާއި،
21 އޮގަސްޓް 2004 ން ފެށިގެން 09 ނޮވެމްބަރ 2006 އާއި ހަމައަށް އެގްރީމަންޓް އާނުކުރެވި، އެހާދިގު މުއްދަތެއް ހޭދަވެގެން ގޮސްފައިވަނީއެކަމާ ބެހޭގޮތުން ރައީސް އޮފީހަށް ލިޔުނު ސިޓީއަށް އެ އޮފީހުން ޖަވާބު ނުލިބިގެން ކަމަށާއި ރައީސް އޮފީހަށް ފިޝަރީޒް މިނިސްޓްރީން ހުށަހެޅި ގޮތާއި ރައީސް އޮފީހާއި އެއްބަސްނުވެވި، ރައީސް އޮފީހަށް ގޮތެއް ނުނިންމިގެން ކަމަށާއި، ރައީސް އޮފީހުން އަންގައިގެން މައްސަލަ ނިންމާފައިއެވަނީ ފިޝަރީޒް މިނިސްޓްރީން ހުށަހެޅިގޮތަށް ނޫންކަމަށް ޢަބްދުﷲ ކަމާލުއްދީން ބުނެފައިވީ ނަމަވެސް، މިކަމުގައި ރައީސް އޮފީހުގެ ލަފާ ދީފައިވަނީ 18 އޭޕްރީލް 2006ގައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރީކަލްޗަރ އެންޑް މެރީން ރިސޯސަސްގެ ފަރާތުން އޭރުގެ މިނިސްޓަރ ޢަބްދުﷲ ކަމާލުއްދީން، ރައީސް އޮފީހަށް ހުށަހެޅި ގޮތަށްކަން އެނގޭތީ އާއި،
އެގްރީމަންޓާއި ޚިލާފަށް ކ.ތުނބަފުށީގައި ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކޮށްފައިވާކަމަށާއި ތުނބަފުށީގައި އެންވަރަޔަމަންޓް އިންޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) އެއް ނުހަދާ ފަޅުކޮނެ ސީވޯލްލައި، ރަށް ހިއްކާފައިވާކަމާއި، މިކަންތައްތައް ކޮށްފައިވަނީ ސަރުކާރުން ނަގަންޖެހޭ ހުއްދައެއްވެސް ނުނަގާކަމާއި، އެހެންކަމުން ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހުއްދަނުނަގާ ފަޅުކޮނެ ސީވޯލްލައި ރަށް ހިއްކުންފަދަ ކަންތައްކޮށްފައިވާތީ، އެ މައްސަލަ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް 07 މެއި 2006 ގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެންވަރަޔަމަންޓް މިނިސްޓްރީގައި އެދުމުން، ކ.ތުނބަފުށީގައި އެރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ކޮށްފައިވާ މަސައްކަތްތައް ހުއްޓުވުމަށް އެންވަރަޔަމަންޓް މިނިސްޓްރީގެ ފަރާތުން 22 މެއި 2006ގައި ފިޝަރީޒް މިނިސްޓްރީގައި އެދިފައިވަނިކޮށް، 09 ނޮވެމްބަރ 2006ގައި ފިޝަރީޒް މިނިސްޓްރީއާއި އެރަށް ކުއްޔަށް ހިފާފައިވާ ފަރާތާ ދެމެދު ކ.ތުނބަފުށި ކުއްޔަށްދިނުމުގެ އެއްބަސްވުމެއް ގައި ސޮއިކޮށްފައިވުމުންނާއި،
22 އޮގަސްޓް 1999 ގައި ކޮށްފައިވާ އެގްރީމަންޓްގެ 11 ވަނަ މާއްދާގެ ދަށުން އެގްރީމަންޓް ބާޠިލްކޮށް ރަށް އަނބުރާ ސަރުކާރަށް ނެގުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރީކަލްޗަރ އަށް އޮތްއިރު، އެގްރީމަންޓް ބާޠިލް ނުކޮށް، 3 ވަނަ ފަހަރަށް އެރަށް ކުއްޔަށްދީފައިވާ ދިނުމަކީ ޢަބްދުﷲ ކަމާލުއްދީން، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރީކަލްޗަރގެ މަޤާމުގައި ހުރެ، އަމިއްލަ ވަކި ފަރުދެއްގެ މަޞްލަޙަތަށް އިސްކަންދީ، އެފަރާތަށް ނާޖާއިޒް ފައިދާއެއް ހޯދާދިނުމަށް ކޮށްފައިވާ ކޮރަޕްޝަނުގެ އަމަލެއް ކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ) ގެ 2ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ދަށުން މއ.އާނުވެލި، ޢަބްދުﷲ ކަމާލުއްދީންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.