އަޕަރސައުތު ޔުޓިލިޓީޒް ގދ.ފަރެސްމާތޮޑާ ބްރާންޗުގެ ކުރީގެ މެނޭޖަރ މުޙައްމަދު ޖާއިޒް އާއި ކުރީގެ އެސިސްޓެންޓް މެނޭޖަރ މުޙައްމަދު ސަޢުދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

06 Oct 2013

ގދ. ފަރެސްމާތޮޑާ ޔުޓިލިޓީޒްގެ މެނޭޖަރ މުޙައްމަދު ޖާއިޒް (އޭޕްރީލްގެ، ގދ.ފަރެސްމާތޮޑާ) 2010 ޖޫން މަހުން ފެށިގެން 2010 ޑިސެމްބަރ މަހުގެ ނިޔަލަށް އިތުރުގަޑި ލިޔެފައިނުވާއިރު، ފުލްކޮށް އިތުރުގަޑީގެ ފައިސާ ނަގާފައިވާ ކަމަށާއި، އަދި އެމުއްދަތުގައި، ރޭގަނޑު 02:00 އިން 04:00 އަށް އިތުރުގަޑީގައި މަސައްކަތް ކުރިކަމަށް ލިޔެ ފައިސާ ނަގާފައިވާ ކަމަށާއި، 2010 ވަނަ އަހަރުގެ ޖޫން އަދި ޖުލައިމަހުގެ އިތުރުގަޑީ ޝީޓުގައި ”ހަނދާން ނެތިގެން” ކަމަށް ލިޔެ އެދެމަހުގެ އިތުރުގަޑީ ފައިސާވެސް ފުލްކޮށް ނަގާފައިވާކަމަށް ބުނެ މި ކޮމިޝަނަށް ހުށަހެޅުނު މައްސަލަ މި ކޮމިޝަނުން ތަޙްޤީޤްކޮށް ބެލުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

 

މިމައްސަލައިގައި މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އަޕަރސައުތު ޔުޓިލިޓީޒް ގދ.ފަރެސްމާތޮޑާ ބްރާންޗުގެ މުވައްޒަފުންނަށް 2010 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ނޮވެމްބަރ މަހުގެ ނިޔަލަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި އިތުރުގަޑީ މަސައްކަތް ކޮށްފައިވާކަމަށް އިތުރުގަޑީގެ މަސައްކަތް ނޯޓްކުރާ ފޮތުގައި ނޯޓްކޮށްފައިވާ ވަރަށްވުރެ 358 (ތިންސަތޭކަ ފަންސާސް އަށެއް) ގަޑިއިރާ، 10 (ދިހައެއް) މިނެޓަށްވާ ފައިސާއިތުރަށް ދީފައިވާއިރު، އެމުއްދަތުގައި އެބްރާންޗުގެ މުވައްޒަފުންގެ އިތުރުގަޑީ މަސައްކަތަށް ހުއްދަ ދީފައިވާ އެއްފަރާތަކީ ފަރެސްމާތޮޑާ ބްރާންޗުގެ އޭރުގެ މެނޭޖަރ މުޙައްމަދު ޖާއިޒް ކަމަށްވާތީއާއި، އިތުރުގަޑީ ފައިސާ ދިނުމަށްޓަކައި ތައްޔާރުކުރާ ”އޯޓީ އެޓެންޑެންސް ޑީޓެއިލް ޝީޓް”ތަކާއި، ”އޯވަރޓައިމް ޕްރިމިއަމް ޝީޓް” ތަކުގައި 2010 ވަނަ އަހަރުގެ ޖުލައި، އޯގަސްޓް އަދި އޮކްޓޯބަރ މަހު ފަރެސްމާތޮޑާ ބްރާންޗުގެ ފަރާތުން ޗެކްކުރި ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ މުޙައްމަދު ޖާއިޒް ކަމަށްވާތީއާއި، ބްރާންޗްތަކުން ފޮނުވާ މުސާރައާ ގުޅޭ ލިޔެކިޔުންތަކުގައި ބްރާންޗުތަކުން ޗެކްކުރި ފަރާތެއްގެ ގޮތުގައި ކުރާ ސޮޔަކީ ހުއްދަ ދިނުމުގެ ގޮތުން ކުރާ ސޮޔެއްކަމަށް މުޙައްމަދު ޖާއިޒް އެއްބަސްވާތީއާއި، އަދި އެލިޔެކިޔުންތަކުގައި މައްސަލައެއް އުޅޭނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ބްރާންޗުތަކުން ޗެކްކުރާ ފަރާތްކަމަށް، އަޕަރ ސައުތު ޔުޓިލިޓީޒްގެ އޭރުގެ ބައެއް މުވައްޒަފުން ތަޙްޤީޤުގައި ބުނެފައިވާތީއާއި، ފަރެސްމާތޮޑާ ބްރާންޗުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށްވެސް އަސާސީ މުސާރައިގެ %50 އަށްވާވަރަށް އިތުރުގަޑީ ފައިސާ ދިނުމަށް މުޙައްމަދު ޖާއިޒް މަސައްކަތް ކުރާކަން ހެކިންގެ ހެކިބަހުންނާއި، ލިޔެކިޔުންތަކުން ސާބިތުވާތީއާއި، މިމުއްދަތުގައި މުޙައްމަދު ޖާއިޒަށްވެސް އިތުރުގަޑި ނޯޓުކުރާ ފޮތުގައި ނޯޓްކޮށްފައިވާ ވަރަށްވުރެ އިތުރަށް 2,413.64 (ދެހާސް ހަތަރުސަތޭކަ ތޭރަރުފިޔާ ފަސްދޮޅަށް ހަތަރުލާރި) ލިބިފައިވާތީއާއި، އަދި އިތުރުގަޑި ލިޔަން ޖެހޭކަން ނޭނގޭ ކަމަށް ބުނެ 2010 ވަނަ އަހަރުގެ ޖުލައިމަހުގެ 1 އިން ފެށިގެން 24 އަށް ”23 ގަޑިއިރު ވޯކިން، 20 ގަޑިއިރު ބަންދު” ކަމަށް އިތުރުގަޑި ނޯޓްކުރާ ފޮތުގައި ޖުމްލަކޮށް ލިޔެ، އަދި ޖުމްލަކޮށް ލިޔެފައިވާ ވަރަށްވުރެ އިތުރަށް އެމަހުވެސް އިތުރުގަޑީ ފައިސާ ނަގާފައިވާތީ، މިކަމަކީ މުޙައްމަދު ޖާއިޒް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާއަށާއި، އެހެން ބަޔަކަށް ފައިދާއެއް ހޯދައި ދިނުމުގެ ގޮތުން ކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލެއް ކަމުގައި ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރ: 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ ޤާނޫނު)ގެ 12ވަނަ މާއްދާގެ (ހ)ގެ ދަށުން ގދ.ފަރެސްމާތޮޑާ /އޭޕްރީލްގެ، މުޙައްމަދު ޖާއިޒްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

އަޕަރސައުތު ޔުޓިލިޓީޒް ގދ.ފަރެސްމާތޮޑާ ބްރާންޗުގެ މުވައްޒަފުންނަށް 2010 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ނޮވެމްބަރ މަހުގެ ނިޔަލަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި އިތުރުގަޑީ މަސައްކަތް ކޮށްފައިވާކަމަށް އިތުރުގަޑީގެ މަސައްކަތް ނޯޓްކުރާ ފޮތުގައި ނޯޓްކޮށްފައިވާ ވަރަށްވުރެ 358 (ތިންސަތޭކަ ފަންސާސް އަށެއް) ގަޑިއިރާ، 10 (ދިހައެއް) މިނެޓަށްވާ ފައިސާ އިތުރަށް ދީފައިވާއިރު، އެމުއްދަތުގައި އެބްރާންޗުގެ މުވައްޒަފުންގެ އިތުރުގަޑީ މަސައްކަތަށް ހުއްދަ ދީފައިވާ އެއްފަރާތަކީ ފަރެސްމާތޮޑާ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރ މުޙައްމަދު ސަޢުދު ކަމަށްވާތީއާއި، އިތުރުގަޑީ ފައިސާ ދިނުމަށްޓަކައި ތައްޔާރުކުރާ ”އޯޓީ އެޓެންޑެންސް ޑީޓެއިލް ޝީޓް”އާއި، ”އޯވަރޓައިމް ޕްރިމިއަމް ޝީޓް” ގައި 2010 ވަނަ އަހަރުގެ ނޮވެމްބަރ މަހު ފަރެސްމާތޮޑާ ބްރާންޗުގެ ފަރާތުން ޗެކްކުރި ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ މުޙައްމަދު ސަޢުދު ކަމަށްވާތީއާއި، 2010 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް އެޝީޓްތައް ތައްޔާރުކުރި ފަރާތަކީވެސް މުޙައްމަދު ސަޢުދު ކަމަށްވާތީއާއި، ބްރާންޗްތަކުން ފޮނުވާ މުސާރައާ ގުޅޭ ލިޔެކިޔުންތަކުގައި ބްރާންޗުތަކުން ޗެކްކުރި ފަރާތެއްގެ ގޮތުގައި ކުރާ ސޮޔަކީ ހުއްދަ ދިނުމުގެ ގޮތުން ކުރާ ސޮޔެއްކަމަށް ފަރެސްމާތޮޑާ ބްރާންޗުގެ އޭރުގެ މެނޭޖަރ މުޙައްމަދު ޖާއިޒް ބުނާތީއާއި، އަދި އެލިޔެކިޔުންތަކުގައި މައްސަލައެއް އުޅޭނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ބްރާންޗުތަކުން ޗެކްކުރާ ފަރާތްކަމަށް، އަޕަރ ސައުތު ޔުޓިލިޓީޒްގެ އޭރުގެ ބައެއް މުވައްޒަފުން ތަޙްޤީޤުގައި ބުނެފައިވާތީއާއި، އަދި އިސްވެ ދެންނެވުނު މުއްދަތު ތައްޔާރުކޮށްފައިވާ ”އޯޓީ އެޓެންޑެންސް ޑީޓެއިލް ޝީޓް”ތަކާއި، އޯވަރޓައިމް ޕްރިމިއަމް ޝީޓް”ތައް ތައްޔާރު ކުރުމުގައި މަސައްކަތް ކޮށްފައިނުވާ ގަޑިތައް ހިމަނާ ކަމަށާއި، އެއީ މުޙައްމަދު ޖާއިޒް އަންގައިގެން އޭނާ ކުރާ ކަމެއް ކަމަށް އެއްބަސްވެފައިވާތީ، އެކަން ފޯނުން ހެޑް އޮފީހަށް އަންގާފައިވާނެ ކަމަށާއި، ހެޑް އޮފީހުގައި ބައެއް މުވައްޒަފުންގެ އިތުރުން، ފަރެސްމާތޮޑާ ބްރާންޗް އޮޑިޓް ކުރަން އައިޓީމުގައި ހިމެނޭ ފަރާތަކަށްވެސް އެކަން އެނގޭނެކަމަށް ބުނާއިރު، އެއިން އެއްވެސް ފަރާތަކަށްވެސް، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށްވެސް، ޓެކްނިކަލް ޑައިރެކްޓަރަށްވެސް އަދި އެޗްއާރު މެނޭޖަރަށްވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވާކަމަށް އެފަރާތްތަކުން ބުނެފައިވާތީއާއި، މިމުއްދަތުގައި މުޙައްމަދު ސަޢުދަށްވެސް އިތުރުގަޑީ ފޮތުގައި ލިޔެފައިވާވަރަށްވުރެ އިތުރަށް އިތުރުގަޑީގެ ފައިސާ ލިބިފައިވާތީ، މިކަމަކީ މުޙައްމަދު ސަޢުދު އަމިއްލަ ފައިދާއަށާއި، އެހެން ބަޔަކަށް ފައިދާއެއް ހޯދައި ދިނުމުގެ ގޮތުން ކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލެއް ކަމުގައި ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރ: 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ ޤާނޫނު)ގެ 12ވަނަ މާއްދާގެ (ހ)ގެ ދަށުން ގދ.ފަރެސްމާތޮޑާ /މީނާޒް، މުޙައްމަދު ސަޢުދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×