ނޫސް ބަޔާން

10 Oct 2013

“ވެށިފަހިމާލެ ޕްރޮގްރާމް” ގެ ދަށުން “ސީ” ކެޓަގަރީއިން މާލެ އަދި ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވެ ހޮވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކުރިއިރު، ވަކިބަޔަކަށް ނާޖާއިޒު ފައިދާވާގޮތަށް ޢަމަލުކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅި ތަޙުޤީޤުކުރަމުންގެންދާ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ.

“ސީ” ކެޓަގަރީއާ ގުޅޭގޮތުން މިކޮމިޝަނުން ތަޙުޤީޤުކުރަމުންގެންދާ މައްސަލަ ގޮސްފައިވާ ހިސާބާއި، މައްސަލައާ ގުޅޭގޮތުން ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް މަޢުލޫމާތު ދީފައިނުވާކަމަށް ބުނެ ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކަކީ، މިކޮމިޝަނުގެ ނަޒާހަތްތެރިކަމާމެދު ސުވާލުއުފައްދައި، މިކޮމިޝަނާމެދު ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަޞައްވުރެއް އުފެއްދުމުގެ މަޤްޞަދުގައި ޢާއްމުކޮށްފައިވާ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމުގައި މިކޮމިޝަނުން ފާހަގަކުރަމެވެ. އަދި މިކޮމިޝަނުގެ ފަރާތުން އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

              “ވެށިފަހިމާލެ ޕްރޮގްރާމް” ގެ ދަށުން “ސީ” ކެޓަގަރީއިން މާލެ އަދި ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވެ ހޮވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކުރުމާ ގުޅިގެން، ވަރަށް ގިނަ އަދަދެއްގެ ޝަކުވާތަކެއް މިކޮމިޝަނަށް ހުށަހެޅިފައިވެއެވެ. އަދި މިހާރުވެސް “ސީ” ކެޓަގަރީއިން ފްލެޓް ދޫކުރުމާ ގުޅޭ ޝަކުވާތައް އެކި ގޮތްގޮތުން ހުށަހަޅަމުންގެންދެއެވެ. މިކަމާގުޅޭ މައްސަލަތައް މިކޮމިޝަނަށް ހުށަހެޅުމާއި ގުޅިގެން، އެމައްސަލަތައް ތަޙުޤީޤުކުރުމަށް މިކޮމިޝަނުން ފަށާފައިވާނެއެވެ. މިމައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމުގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށާއި އެ އިދާރާގެ ދަށުން ހިންގާ ވެށިފަހި މާލެ އޮފީހަށް ގޮސް އެ އިދާރާތަކުގައި ހުރި މިމައްސަލައާ ގުޅުންހުރި މުޢާމަލާތްތަކުގެ ލިޔެކިޔުންތައް ބަލައި، މިމައްސަލައާ ގުޅޭ ލިޔެކިޔުންތަކާއި މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުން ހޯދާފައިވާނެއެވެ. އެގޮތުން، ތަޙުޤީޤު މަރުޙަލާގައި މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، “ސީ” ކެޓަގަރީއަށް ފޯމް ހުށަހެޅި ފަރާތްތަކަށް މާކްސްދީފައިވާގޮތާއި، ފޯމްތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، “ސީ” ކެޓަގަރީން ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރުން މަޑުޖައްސާލުމަށް 04 ޖުލައި 2013 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އަންގާފައިވާނެއެވެ.

މިމައްސަލައަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ އަސާސީ ޙައްޤަކާ ގުޅުންހުރި ކަމަކަށްވެފައި، ހުށަހަޅާފައިވާ ޝަކުވާތަކާއި، ކޮމިޝަނުން ހޯދި ހޯދުންތަކުންވެސް އެ ޕްރޮސެސް ކުރިއަށްގެންގޮސްފައިވާގޮތް ވަރަށް ތަފްސީލްކޮށް ބަލާ ދިރާސާކުރަންޖެހޭކަން ފާހަގަކުރެވިފައިވާތީއާއި، އެ ދިރާސާތައް ކުރުމަށް ގިނަވަގުތަކެއް ހޭދަވާނެކަމެއްކަމަށް ފާހަގަކުރެވުމުން، ކޮމިޝަނުން އެންމެ އިސްކަމެއްދީގެން ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ކަނޑައަޅައި ކޮމިޝަނުން އާންމުގޮތެއްގައި ކުރިއަށްގެންދާ ތަޙުޤީޤެއްގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދަށްވުރެ މިމައްސަލައިގެ ތަޙުޤީޤުގައި ހަރަކާތްތެރިވުމަށް މުވައްޒަފުންގެ އަދަދު އިތުރުކޮށް، ޚާއްޞަ ތަޙުޤީޤު ޓީމެއް މިމައްސަލައަށް ޚާއްޞަކުރެވުނެވެ. އަދި އެމައްސަލައިގެ ތަޙުޤީޤު ފެށުމާއެކު މިއަދާއި ހަމައަށްވެސް މައްސަލައިގެ ތަޙުޤީޤު މެދުކެނޑިފައިނުވާނެއެވެ. މީގެއިތުރުން ކޮމިޝަނުގެ ރަސްމީގަޑީގެ އިތުރުން ނުރަސްމީ ގަޑިތަކުގައިވެސް މިމައްސަލައިގެ ތަޙުޤީޤުގައި ކޮމިޝަނުގެ މުވައްޒަފުން މިއަދާއި ހަމައަށްވެސް ގިނަވަގުތުތަކެއް ހޭދަކޮށްފައިވާކަންވެސް ފާހަގަކުރަމެވެ.

މައްސަލައާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ނުވަތަ މައްސަލަ ގޮސްފައިވާ ހިސާބެއް މިކޮމިޝަނުން ޙިއްޞާކޮށްފައިނުވާކަމަށް މީޑިއާގައި އާންމުކޮށްފައިވާއިރު، މައްސަލައިގެ ތަޙުޤީޤު ކުރިއަށްގޮސްފައިވާ މިންވަރާއި މިހާތަނަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ދައުލަތުގެ ބަންޑާރަ ނާއިބް އާ ޙިއްޞާކުރަންޖެހޭކަމަށް ފާހަގަކުރެވުނު ކަންތައްތައް ބަންޑާރަ ނާއިބް އާ ވާނީ ޙިއްޞާކޮށްފައެވެ. އަދި މައްސަލައާ ގުޅޭގޮތުން ވެށިފަހި މާލޭ ޕްރޮގްރާމް އޮފީހުގެ އިސްބޭފުޅުންނާއެކު 01 އޮކްޓޫބަރު 2013 ގައި މިކޮމިޝަނުގައި ބައްދަލުވުމެއް ބާއްވައި މިކޮމިޝަނުގެ ތަޙުޤީޤު ގޮސްފައިވާ ހިސާބާއި ކުރިއަށްދާގޮތުގެ މަޢުލޫމާތު ދީފައިވާނެއެވެ.

މިކޮމިޝަނުން ކުރިއަށްގެންދާ ތަޙުޤީޤުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ފްލެޓް ދޭނެ ފަރާތްތަކަށް ކަނޑައެޅުމަށް ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުން އާންމުކޮށްފައިވާ އުޞޫލުތަކާއި އަދި އެއޮފީހުން ކޮށްފައިވާ އިޢުލާންތަކުގައިވާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިމައްސަލައިގެ ބާވަތަށާއި މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކާ އެކަންތައްތަކާ ގުޅިގެން ބަލަންޖެހޭ ކަންކަމަށް ބަލާއިރު، މިމައްސަލައިގެ ތަޙުޤީޤުގައި މިހާތަނަށް ހޭދަވެފައިވާ މުއްދަތަކީ އެކަށީގެންނުވާ ދިގު މުއްދަތެއްކަމަށް މިކޮމިޝަނުން ޤަބޫލުނުކުރާ ވާހަކަ ދަންނަވަމެވެ.

މީގެއިތުރުން، އެކި ސަބަބުތަކާހުރެ މިކޮމިޝަނަށް “ސީ” ކެޓަގަރީއާ ގުޅޭ މައްސަލަތައް ހުށަހެޅި ފަރާތްތަކާއި މިކަމުގައި ސީދާގޮތުން ނާއި ނުސީދާގޮތުން އެކިމިންވަރަށް ޝާމިލްވާ އާންމު ރައްޔިތުންނާއި، ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތައް  އިޙްޞާސްކުރެވޭ ހިނދު އަދި ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރުމާއެކު، ފްލެޓް ލިބޭ ފަރާތްތަކާއި ދައުލަތުގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުމަށްހުރި ވަގުތުތައް ފާއިތުވުމުގެކުރިން މިކަމަށް ހައްލެއް ލިބިގެންދިއުމަކީ މިކޮމިޝަނުންވެސް ވަރަށް ބޭނުންވާކަމަށްވާތީ، އެވިސްނުމުގައި މިމައްސަލައި ތަޙުޤީޤު ނިންމުމަށް ކޮމިޝަނުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންގެންދާކަން ފާހަގަކުރަމެވެ. އެގޮތުން މައްސަލައާ ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތަކާއި، މަޢުލޫމާތުތައް އެއްކޮށް، އެކަންކަން ދިރާސާކޮށް ނިންމައި ތަޙުޤީޤު ރިޕޯޓް އެކުލަވާލައި ރިޕޯޓް ފައިނަލްކުރުމުގެ މަރުޙަލާ ކުރިއަށްގެންދާކަންވެސް ފާހަގަކުރަމެވެ.

އެހެންކަމުން، މަތީގައި ފާހަގަކުރެވިފައިވާ ކަންކަން އެގޮތަށްހުރުމާއި، “ސީ” ކެޓަގަރީއާ ގުޅޭގޮތުން މިކޮމިޝަނުން ތަޙުޤީޤުކުރަމުންގެންދާ މައްސަލަ ގޮސްފައިވާ ހިސާބާއި، މައްސަލަ ކުރިއަށްދާގޮތާ ގުޅޭ މަޢުލޫމާތުތައް ކަމާބެހޭ އިދާރާތަކަށް ޙިއްޞާކޮށްފައިވަނިކޮށް، އެމަޢުލޫމާތުތައް މިކޮމިޝަނުން ޙިއްޞާކޮށްފައިނުވާކަމަށް ބުނެ، މީޑިއާތަކުގައި ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް އާންމުކުރިކުރުމަކީ މިކޮމިޝަނުން ބަލައިގަންނަ ކަންކަމެއް ނޫންކަން ފާހަގަކުރުމެވެ. އަދި ޙަޤީޤަތާއި ޚިލާފު އެފަދަ ވާހަކަތައް އާންމުނުކުރުމަށާއި، އެފަދަ މަޢުލޫމާތު އެހެން ފަރާތްތަކަށް ނުދިނުމަށާއި، މިކޮމިޝަނުގެ މަސައްކަތްތަކާމެދު ކަންބޮޑުވުންތަކެއް ހުރިނަމަ، އެކަމެއް އާންމުކުރުމުގެ ކުރިން ކަމުގެ ޙަޤީޤަތް ލިބެންހުރި މިންވަރަށް ހޯދައި، ނަޒާހަތްތެރިކަމާއެކު ޒިންމާއަދާކުރުމަށް ކަމާގުޅުންހުރި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×