ނޫސް ބަޔާން

13 Nov 2013

 “ސީ” ކެޓަގަރީން ފްލެޓްދޭ އުޞޫލުތަކަށް އޭ.ސީ.ސީ އިން ވަނީ ނާޖާއިޒު ބަދަލުތަކެއް ގެނެސްފައި” ކަމަށް ބަޔާންކޮށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒުއާ ޙަވާލާދީ 10 ނޮވެމްބަރު 2013 ގައި ހަވީރުނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރާ ގުޅިގެން ދަންނަވަމެވެ.

އިސްވެބަޔާންކުރެވުނު ޚަބަރުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މި ކޮމިޝަންގެ މެމްބަރުންނާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަކީ ކަމުގެ ޙަޤީޤަތް ބެލުމެއްނެތި، ޢާއްމު ރައްޔިތުންގެ މެދުގައި ކޮމިޝަނާއި ކޮމިޝަންގެ މެމްބަރުންގެ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ޙަޤީޤަތާއި ޚިލާފަށް ދައްކާފައިވާ ވާހަކަތަކަކަށްވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މީޑިއާތަކުގައި ޙަޤީޤަތާއި ޚިލާފު އެފަދަ ވާހަކަތަކެއް އާންމުކުރިކުރުމަކީ މިކޮމިޝަނުން ބަލައިގަންނަ ކަމެއް ނޫންކަންވެސް ފާހަގަކުރުމެވެ.

ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައި ކޮރަޕްޝަންގެ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ، ނުވަތަ މިނޫން ގޮތަކުންވެސް އެފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެނަމަ ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކުކުރެވިއްޖެނަމަ އެކަމެއް ބަލައި ތަޙްޤީޤުކުރުމަކީ މިކޮމިޝަންގެ މަސްޢޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވާއިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ “ސީ” ކެޓަގަރީގެ މައްސަލަ މިކޮމިޝަނުން ބަލަން ފަށާފައިވަނީ ވެށިފަހި މާލެ ޕްރޮގްރާމްގެ “ސީ” ކެޓަގަރީއާ ގުޅޭގޮތުން މިކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމުގައި، ވެށިފަހި މާލެ ޕްރޮގްރާމްއިން “ސީ” ކެޓަގަރީއަށް ފޯމުހުށަހެޅި ފަރާތްތަކަށް ޕޮއިންޓްދިނުމުގައި ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުން އެއްހަމައެއް ގެންގުޅެފައިނުވާކަން ފާހަގަކުރެވިގެން ވެށިފަހި މާލެ ޕްރޮގްރާމްގެ “ސީ” ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތް ބެލުމަށް މިކޮމިޝަނުން ނިންމައިގެންނެވެ.

އެ ޚަބަރުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤު ކުރިޔަށްގެންދިޔައީ “ސީ” ކެޓަގަރީގެ ވަގުތީ ލިސްޓަށް ބެލުމުގެ ބަދަލުގައި “ސީ” ކެޓަގަރީއަށް ކުރިމަތިލި ހުރިހާ ފަރާތްތަކެއް ހިމެނޭ ލިސްޓަށް ބަލައިގެން ކަމަށް ޑރ.މުޙައްމަދު މުޢިއްޒު އާ ޙަވާލާދީ ބުނެފައިވާއިރު، “ސީ” ކެޓަގަރީއަށް ކުރިމަތިލި ހުރިހާ ފަރާތްތަކެއްގެ ފޯމުތަކަށް ޕޮއިންޓްދީ ލިސްޓަކަށް އަރުވާފައިނުވާކަން ފާހަގަކުރެވޭކަމާއި، އެ މިނިސްޓްރީއިން ޕޮއިންޓްދީ ލިސްޓަށް އަރުވާފައިވަނީ އެ މިނިސްޓްރީއިން ޕޮއިންޓް ދިނުމުގައި 440 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ފޯމުތަކުގެ މަޢުލޫމާތު އެކަނިކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިކޮމިޝަނުން ބަލާފައިވާނީ 440 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނުކަމަށް އެ މިނިސްޓްރީއިން ކަނޑައަޅާފައިވާ ފަރާތްތަކުގެ ފޯމުތަކެވެ.

“ސީ” ކެޓަގަރީއަށް ޕޮއިންޓްދޭގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަދަލު ގެނެސްފައިވަނީ އެކަމުގެ މަޤްޞަދު މުޅިން އޮޅޭގޮތަށް ވަކި ބަޔަކަށް ފައިދާ ލިބޭގޮތަށް ކަމަށާއި އަދި ޢިޖްތިމާއީ ހިޔާވަހީގެ ޕްރޮގްރާމެއްގައި ޕޮއިންޓް ދޭނެ އުޞޫލްތަކެއް ކަނޑައެޅުމަކީ     އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވެފައިވާކަމަށް އެ ޚަބަރުގައި ބަޔާންކޮށްފައިވާއިރު، މިކޮމިޝަނުން “ސީ” ކެޓަގަރީގެ މައްސަލަ ތަޙްޤީޤުކުރުމުގައި، “ސީ” ކެޓަގަރީގެ ފޯމުތަކަށް ޕޮއިންޓްދޭނޭ އައު މިންގަނޑެއް މިކޮމިޝަނުން އެކުލަވާލާފައެއް ނުވާނެއެވެ. މި މައްސަލަ ތަޙްޤީޤުކުރުމުގައި މިކޮމިޝަނުން ބަލާފައިވާނީ ވެށިފަހިމާލެ ޕްރޮގްރާމް އޮފީހުން ޢާއްމުކޮށްފައިވާ އަތްމަތީ ލުއިފޮތުގައިވާ އުސޫލުތަކާއި، އެ އޮފީހުން ކޮށްފައިވާ އިޢުލާންތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ޕޮއިންޓް ދީފައިވޭތޯއެވެ.

އެޚަބަރުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ތަޙްޤީޤުކުރިއިރު ބަލާފައިވަނީ ހަމައެކަނި ލިޔެކިޔުންތަކަށް ކަމަށާއި، އެކަން ހިނގާފައިވާ ގޮތާމެދު މިނިސްޓްރީގެ ބަހެއް ހޯދާފައިނުވާކަމަށް ޑރ.މުޙައްމަދު މުޢިއްޒުއާ ޙަވާލާދީ ބުނެފައިވާއިރު، ހައުސިން މިނިސްޓްރީއަށް ޙިއްސާކުރި ރިޕޯޓަކީ މިކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތައް ހިމަނައި، ދަޢުލަތުގެ ސިއްރު ލިޔުމެއްގެ ގޮތުގައި ވެށިފަހި މާލެ ޕްރޮގްރާމްގެ “ސީ” ކެޓަގަރީއާ ގުޅޭގޮތުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާމެދު އެ މިނިސްޓްރީގެ ބަހެއް ހޯދުމުގެ ގޮތުން ޙިއްސާކޮށްފައިވާ “ޑްރާފްޓް ރިޕޯޓް” އެކެވެ. އަދި އެ މައްސަލައިގެ ތަޙްޤީޤު މިކޮމިޝަނުން ނިންމާފައިނުވާއިރު، އެ ޑްރާފްޓް ރިޕޯޓުގައި ހިމެނޭ މަޢުލޫމާތުތައް މީޑިޔާއާ ޙިއްސާކުރުމަކީ އެ މިނިސްޓްރީއިން ކޮށްފައިވާ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއްކަން ފާހަގަކުރަމެވެ.

މިކޮމިޝަނުގެ ރައީސްގެ މަސްލަޙަތު ހިމެނޭގޮތަށް ނާޖާއިޒު ކަންތައްތަކެއް ކޮށްފައިވާކަމަށް ހައުސިން މިނިސްޓަރުގެ ނައިބު، ޢަބްދުﷲ މުއްޠަލިބު އާ ޙަވާލާދީ އެ ޚަބަރުގައި ބުނެފައިވީނަމަވެސް، މިމައްސަލައިގެ އެއްވެސް މަރުޙަލާއެއްގައި އެފަދަ އެއްވެސްކަމެއް ކޮށްފައިނުވާނެކަމާއި، މިމައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި އަދި ޑްރާފްޓް ރިޕޯޓް އެކުލަވާލުމުގައިވެސް މިކޮމިޝަނުގެ ރައީސްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމުގައި ދަންނަވަމެވެ. މިމައްސަލައިގެ ޑްރާފްޓް ރިޕޯޓު ތައްޔާރުކޮށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ފޮނުވިއިރު، ކޮމިޝަނުގެ ރައީސް ހުންނެވީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު މާލެ ވަޑައިގަންނަވަން އޮތްދުވަހު ދިމާވި އެކްސިޑެންޓެއްގައި ލިބިވަޑައިގެންނެވި އަނިޔާއަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައިކަންވެސް މިފުރުޞަތުގައި ފާހަގަކުރަމެވެ.

ދަފްތަރުގައި ހިމެނޭ މުއްދަތަށް ޕޮއިންޓްދިނުމުގައި މަސްލަޙަތު އިސްކޮށް ތަފާތުކޮށްފައިވާކަމަށް ޚަބަރުގައި ބުނެފައިވީނަމަވެސް، ދަފްތަރުގައި ޖެހުމަށްފަހު ދަފްތަރުން ކެނޑިފައިވާ ފަރާތްތަކަށް ދަފްތަރުގައި ޖެހިގެން ވެފައިވާ މުއްދަތަށް ޕޮއިންޓް ދިނުމަށް ނިންމި ނިންމުމަކީ ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުން ނިންމާފައިވާ ނިންމުމެއް ކަމާއި، އެއީ މިކޮމިޝަނުގެ ނިންމުމެއް ނޫންކަމާއި، ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުން ފޯމުތަކަށް ޕޮއިންޓް ދީފައިވަނީ އެ އުސޫލުން ކަންވެސް ފާހަގަކުރަމެވެ. މި މައްސަލަ ބެލުމުގައި އެޙާލަތު ދިމާވެފައިތިބި އެހެން ފަރާތްތަކަށް ޕޮއިންޓް ދެވޭނެކަމަށް ކޮމިޝަނުން ބުނެފައިވާނީ އެ އުސޫލުން ކަމާއި، ނަމަވެސް، އެޙާލަތު މެދުވެރިވެފައިވާ ދެފަރާތަކަށް ދަފްތަރުގައި ވެފައިވާ މުއްދަތަށް ޕޮއިންޓް ނުދެވޭނެކަމަށް މިކޮމިޝަނުން ފޮނުވާފައިވާ ޑްރާފްޓް ރިޕޯޓުގެ އެނެކްސްގައި ބަޔާންކުރެވިފައިވަނީ ލިޔުމުގެ ކުށަކުންކަން ފާހަގަކުރަމެވެ.

މިކޮމިޝަނުން ބަލާ މައްސަލަތައް ބެލުމުގައި ޢަމަލުކުރަމުންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި       އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން، ނަޒާހަތްތެރިކަމާއި ތެދުވެރިކަމާއެކު، އަމިއްލަ މަޞްލަޙަތާއި ޒާތީ ތަޢައްޞުބުން އެއްކިބާވެތިބެކަން ދިވެހި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަމެވެ. އެގޮތުން މިމައްސަލަ ތަޙުޤީޤުކުރިކުރުމުގައި މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއްގައި މިކޮމިޝަނުގެ މެމްބަރަކު އަދި މުވައްޒަފަކުވެސް ބައިވެރިވެފައިނުވާކަން ފާހަގަކުރަމެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ “ސީ” ކެޓަގަރީގެ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް އެކުލަވާލާފައިވާ ޑްރާފްޓް ރިޕޯޓާ ގުޅޭގޮތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒުއާއި، ހައުސިން މިނިސްޓަރުގެ ނައިބު ޢަބްދުﷲ މުއްޠަލިބުއާ ޙަވާލާދީ ބަޔާންކޮށްފައިވާ ވާހަކަތަކުގައި ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފު އަދި ސާބިތުނުހިފޭ ދޮގު ވާހަކަތަކެއް ދައްކާފައިވާތީ، އެކަންކަމުގެ ޙަޤީޤަތް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން މިކޮމިޝަނުން ތަޙުޤީޤުކުރަމުންގެންދާ މައްސަލައިގެ ތަޙުޤީޤު ނިންމައި ރިޕޯޓް ފައިނަލްކުރުމާއެކު ކަމުގެ ޙަޤީޤަތް ދިވެހި ރައްޔިތުންނާ ޙިއްޞާކުރާނެ ވާހަކަ މިފުރުޞަތުގައި ފާހަގަކުރަމެވެ. އަދި ޙަޤީޤަތާއި ޚިލާފު އެފަދަ ވާހަކަތައް އާންމުނުކުރުމަށާއި، އެފަދަ މަޢުލޫމާތު އެހެން ފަރާތްތަކަށް ނުދިނުމަށާއި، އެފަދަ ވާހަކަތަކެއް އާންމުކުރުމުގެ ކުރިން ކަމުގެ ޙަޤީޤަތް ލިބެންހުރި މިންވަރަށް ހޯދައި، ނަޒާހަތްތެރިކަމާއެކު ޒިންމާއަދާކުރުމަށް ކަމާގުޅުންހުރި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×