މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން، އެކިއެކި ބޭނުންތަކަށް ދިގު މުއްދަތައް ދޫކުރާ ފަޅުރަށްތަކުގެ ތެރެއިން މިކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ގުޅުންހުރި ހުރިހާ ރަށެއްގެ މަސައްކަތް ހުއްޓާލުމަށް ކޯޓު އަމުރެއް ނެރެފި

13 Nov 2013

ދިގު މުއްދަތަށް ފަޅުރައްތައް ދޫކުރުމަށް އިޢުލާންކޮށް، އެ ޕްރޮސެސް ކުރިއަށްގެންދިއުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން އަމަލުކުރަމުންދާގޮތާ ގުޅޭގޮތުން ސީރިއަސް ޝަކުވާތަކެއް މިކޮމިޝަނަށް ވަނީ ހުށަހެޅިފައެވެ. އެގޮތުން ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ރަށްތަކަށް ޝައުޤުވެރިކަން ފާޅުކުރުމަށް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތު ދީފައިނުވާކަމާއި، ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުޞޫލުތަކާ ޚިލާފަށް ވަކިބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ރަށްތައް ދޫކުރަމުންދާކަމަށާއި، ރަށްތައް ދޫކުރުމުގައި މިނިސްޓްރީގެ ބައެއް އިސްވެރިންނާއި ރަށްތަކަށް ޝައުޤުވެރިކަން ފާޅުކުރާ ބައެއް ފަރާތްތަކާ ދެމެދު ރިޝްވަތުގެ މުޢާމަލާތްތައް ހިންގާފައިވާކަމުގެ ޝަކުވާ ހިމެނެއެވެ.

މިކޮމިޝަނަށް ހުށަހެޅިފައިވާ ބައެއް ޝަކުވާތައް މިކޮމިޝަނުން މިހާތަނަށް ބެލިބެލުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާތީ، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް ރަށެއް އެއްވެސް ފަރާތަކަށް ދޫނުކުރުމަށް        07 ނޮވެމްބަރު 2013 ގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ވާނީ އަންގާފައެވެ. އަދި ކޮމިޝަނުން ވަކިއެއްޗެއް އަންގަންދެން ފަޅުރައްތަށް ދޫކުރުމުގެ ކަންތައް ވަގުތީގޮތުން ހުއްޓުވައިދިނުމުގެ ކޯޓު އަމުރެއް ހޯއްދަވައިދެއްވުމަށް މިކޮމިޝަނުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދެންނެވުމާއި ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައި، މިކޮމިޝަނުން ވަކިގޮތެއް އަންގަންދެން އެކިއެކި ބޭނުންތަކަށް ދިގުމުއްދަތައް ދޫކުރާ ފަޅުރައްތަކުގެ ތެރެއިން މިކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ގުޅުންހުރި ހުރިހާ ރަށެއްގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ މައްޗަށް މިއަދު (08 ނޮވެމްބަރު 2013) ގެ 18:00 ގައި ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×