މާލޭ ސިޓީ ކައުންސިލުން “ރަމަޟާން ފްރެޝް މާކެޓް” ގެ ނަމުގައި މާރކެޓެއް ބޭއްވުމަށް އިޢުލާނުކުރުމުން ހުށަހެޅުނު ޕްރޮޕޯސަލްތައް ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފަށް އަދި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް އިވެލުއޭޓްކޮށްފައިވާތީ، މިޕްރޮޕޯސަލްތައް އިވެލުއޭޓްކުރި ފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި

25 Jun 2014

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން “ފްރެޝް މާރކެޓް” (ރަމަޟާން މާރކެޓް) ގެ ނަމުގައި މާރުކޭޓެއް ބޭއްވުމަށް “ގޯ މީޑިއާ” އާއި ޙަވާލުކޮށްފައިވަނީ ގަވާއިދާ ޚިލާފަށްކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، “މާލޭ ސިޓީ ރަމަޟާން މާރކެޓް” ގެ ނަމުގައި މާރކެޓެއް ހިންގުމަށް ބޭނުންވެގެން މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނުގައިވެސް، އަދި އެ އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޒިރުވި ފަރާތަތަކަށް ދީފައިވާ މައުލޫމާތު ކަރުދާހުގައިވެސް ޕްރޮޕޯސަލް އާއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމައަށް ހުށަނާޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެކަމަށް ބަޔާންކޮށްފައިނުވިނަމަވެސް، އަންދާސީ ހިސާބުތައް ބަލައިގަތުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އަސާސް ކަމުގައި ފެންނަންއޮތް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2009) ގެ ބާބު 8 ގެ 8.17 ވަނަ މާއްދާގެ (ށ) ގައި “އަންދާސީ ހިސާބުތައް ބަލައިގަންނަ އިރު، “އަންދާސީ ހިސާބު ހުށަހަޅާ ފޯމު” ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ އަންދާސީ ހިސާބުތައް ޤަބޫލެއް ނުކުރެވޭނެއެވެ” މި ފަދައިން ބަޔާންކޮށްފައި އޮތުމުން، ޕްރޮޕޯސަލް ހުށަހަޅާއިރު ފުރިހަމަކޮށް ހުށަހަޅާފައިނުވާ ޕްރޮޕޯސަލްތައް ބަލއިނުގަނެވޭނެކަން އެނގޭކަމާއި، ޕްރޮޕޯސަލް ފުރިހަމަވީކަމުގައި ބެލެވޭނީ، ޕްރޮޕޯސަލްއާ އެކު ހުށަހަޅަންޖެހޭ ތަކެތިކަމަށް މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ތަކެތި ފުރިހަމައަށް ހުށަހެޅުހުށަހެޅުމުން، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް ހުށަނޭޅޭފަދަ މަޤްބޫލު ޙާލަތެއްގައިނަމަ އެ ސަބަބެއް ލިޔުމުން ބަޔާންކުރުމުންކަމާއި، އަދި “މާލޭ ސިޓީ ރަމަޟާން މާރކެޓް” އަމިއްލަ ހަތަރު ކުންފުންޏެއްގެ ނަމުގައި ހުށަހަޅާފައިވާ ޕްރޯސަލްތަކުގައި އެ ކުންފުނިތަކުގެ ލޯގޯއާއި ލެޓަރ ހެޑް ހިމެނިފައި ވީނަމަވެސް، ހުށަހަޅާފައިވާ އެއްވެސް ޕްރޮޕޯސަލްއެއްގައި، އެ ޕްރޮޕޯސަލް އެއް ހުށަހެޅި ކުންފުނީގެ ފަރާތުން އެއްވެސް މީހަކު ސޮއިކޮށްފައި ނުވާތީއާއި، އަދި ސޮއިކޮށްފައިވާ “ކަވަރ ލެޓަރ” އެއްވެސް ނެތަތީ، އެ ޕްރޮޕޯސަލްތައް ބަލައިގަނެ އިވެލުއޭޓްކޮށްފައިވަނީ އިސްވެ ބަޔާންކުރި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 8 ގެ 8.17 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަން އެނގޭތީއާއި، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2009) ގެ ބާބު 8 ގެ 8.19 ވަނަ މާއްދާގައި އަންދާސީ ހިސާބު ބަލާކޮމެޓީން ބަލަންޖެހޭ ކަންތައްތަކެއް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، “މާލޭ ސިޓީ ރަމަޟާން ފްރެޝް މާރކެޓް” ބޭއްވުމަށް ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ އިވެލުއޭޝަން ޝީޓްގައި ސޮއިކޮށްފައިވާ ފަރާތްތަކުން، ހުށަހެޅިފައިވާ ޕްރޮޕޯސަލްތައް ދިރާސާކޮށް، އެ މާއްދާގައި ބުނެފައިވާ ކަންތައްތައް ބަލާފައިނުވާކަން އެ ފަރާތްތަކުގެ އިޢުތިރާފުން އެނގޭކަމާއި، އަދި އެކަމުގެ ނަތީޖާއަކީ،ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ބާބު 8 ގެ 8.46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ދެފަރާތެއް ނުވަތަ އެއަށްވުރެ ގިނަފަރާތްތަކެއް ގުޅިގެން އެމީހުން އެއްބަސްވާ ވަކިފަރާތަކަށް ލިބޭނެގޮތަށް ރާވައިގެން، ވާދަވެރި ބީލަމެއްކަން ދެއްކުމުގެ ގޮތުން ތަފާތު ކުންފުނިތަކުގެ ނަމުގައި ހުށަހެޅި ޕްރޮޕޯސަލްތަކެއް، އެއީ ޞައްޙަ ޕްރޮޕޯސަލްތަކެއްގެ ގޮތުގައި ބަލައިގަނެ، އެ ޕްރޮޕޯސަލްތަކުގެ ތެރެއިން، މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅިގެންދިޔުންކަމަށްވާތީއާއި، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2009) ގެ ބާބު 8 ގެ 8.19 ވަނަ މާއްދާގައި އަންދާސީ ހިސާބު ބަލާކޮމެޓީން ބަލަންޖެހޭ ކަންތައްތަކެއް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ހުށަހެޅިފައިވާ ޕްރޮޕޯސަލްތައް ދިރާސާކޮށް އެ މާއްދާގައި ބުނެފައިވާ ކަންތައްތައްބެލުމަކީ، ބިޑްކޮމެޓީގެ ކޮންމެ މެންބަރެއްގެވެސް ޒިންމާއެއްކަން އެނގޭތީ، މިކަމަކީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއްކަމަށްވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން، “މާލޭ ސިޓީ ރަމަޟާން މާރކެޓް” ހިންގާނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރި ފަރާތްތައްކަމަށްވާ؛ އޭރު މާލޭ ސިޓީ ކައުންސިލްގެ ކައުންސިލް މެންބަރު، އިބްރާހީމްޝުޖާޢު، ގ.ޗާންދަނީމާގެ/ މާލެ، އާއި، މާލޭ ސީޓީ ކައުންސިލްގެ ކައުންސިލް މެންބަރު، އަޙްމަދު ޙަމީދު، މ.ސީކްއީން/މާލެ، އާއި، މާލޭ ސިޓީކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ، އަހްމަދު މިޒުހަތު ނަޢީމް، ފަތިސް /ގދ.ތިނަދޫ، އާއި، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ރަމީޒު ޙަސަން، ހ. އޮރިއޮން /މާލެ، ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×