ޅ.ނައިފަރު ކޮމިއުނިޓީ ސެންޓަރުގައި ރެސްޓޯރެންޓް ހިންގުމަށް ޚާއްޞަކޮށްގެން ހަދާފައިވާ ބައި ކުއްޔަށް ދޫކުމަށްޓަކައި 2009ވަނަ އަހަރުގެ ތެރޭގައި ކުރެވުނު އިޢުލާނާ ގުޅިގެން މަސައްކަތް ޙަވާލުކުރެވުނު ފަރާތަށް، އެސެންޓަރުގެ އިރުމަތީފަރާތުގައި އޮންނަ ހުސްބިން ޤަވާޢިދާ ޚިލާފަށް ދީފައިވާތީ، ޅ.ނައިފަރު އޭރުގެ ކައުންސިލަރ މުޙައްމަދު ޝާހިދު ޢަބްދުއްރައްޒާޤުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

28 Aug 2014

ޅ.ނައިފަރު ވައިޓް ބިލްޑީންގ ގައި ކެފޭއެއް ހިންގާނެ ފަރާތެއް ހޯދުމަށް 2009ވަނަ އަހަރުގެ ކުރީކޮޅުގައި އިޢުލާންކޮށްގެން ތަން ކުއްޔަށް ދިންއިރު، ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކުއްޔަށް ދޭންވީ ފަރާތެއް ހޮވާފައިވަނީ ބިޑަށް ޕޮއިންޓް ދިނުމުގެ ބަދަލުގައި އޭރުއޮތް ރ.ކ. ކޮމިޓީގައި ތިބި 14 ވަރަކަށް މެމްބަރުން ވޯޓުދީގެން ކަމަށާއި، އަދި ތަން ކުއްޔަށް ދިންއިރު، ޢިމާރާތާ އިންވެގެން އޮތް ގާތްގަނޑަކަށް 2000 އަކަފޫޓުގެ ބިންވެސް، ބިލްޑިންގ ކުއްޔަށްހިފި ފަރާތަށް ދީފައިވާ ކަމަށާއި، ނަމަވެސް މިބިމަކީ ބިލްޑިންގއާއެކު ކުއްޔަށްދޭގޮތަށް ހަމަޖެހިފައިވާ ބިމެއްނޫންކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގެ ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ނައިފަރު ކޮމިއުނިޓީ ސެންޓަރުގައި ރެސްޓޯރެންޓް ހިންގުމަށް ޚާއްޞަކޮށްގެން ހަދާފައިވާ ބައިގައި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ހިންގުމަށް ގަސްތުކުރާ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، ކުއްޔަށް ހިފަން ގަސްތުކޮށް އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިވަނީ ނައިފަރު ރ.ކ ކޮމެޓީންކަމަށްވާތީއާއި، މިމަސައްކަތް އެފަރާތާ ޙަވާލުކުރުމަށް ނިންމާފައިވަނީ އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތީ ކުލި ހުށަހެޅި ފަރާތް މިހާރުވެސް ހޮޓަލެއް ހިންގަމުންދާތީ، އެހެންމީހަކަށް އެފުރުޞަތު ދިނުމުގެ ގޮތުންކަމަށް ރކ.ކޮމިޓީގެ ޖަލްސާގެ ޔައުމިއްޔާގައި ބަޔާންކޮށްފައިވާތީ، ނައިފަރު ކޮމިއުނިޓީ ސެންޓަރުގައި ރެސްޓޯރެންޓް ހިންގުމަށް ޙާއްޞަކޮށް ހަދާފައިވާ ބައި ރކ.ކޮމިޓީން މިމަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވާ ފަރާތަށް ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަކަށް ނުބެލެވެއެވެ.

ނަމަވެސް، ފާދިއްޕޮޅު ނައިފަރު ކޮމިއުނިޓީ ސެންޓަރުގައި ރެސްޓޯރެންޓް ހިންގުމަށް ޙާއްޞަކޮށް ހަދާފައިވާ ބައިގައި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ހިންގުމަށް ކުއްޔަށް ހިފަން ގަސްތުކުރާ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ދިން މަޢުލޫމާތު ކަރުދާހުގެ 2 ވަނަ ނަންބަރުގައި، ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ބައިތައް ތަފްސީލްކޮށްފައިވާއިރު، މީގެތެރޭގައި ޢިމާރާތުގެ އިރުމަތީ ފަރާތުގައިވާ ހުސްބިން ހިމަނާފައިނުވާތީއާއި، މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވި ފަރާތްތަކުން ގްރައުންޑް ފްލޯރގައިވާ ހުސްބިން ލިބޭނެތޯ ސުވާލުކުރުމުން، ކައުންސިލަރގެ މަޝްވަރާ ހޯދުމަށްފަހު، އެބިން ލިބޭނެކަމަށް ނުބަލައި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެތިބި މީހުންނަށް މަޢުލޫމާތު ދީފައިވާނެކަމަށް މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިން ފަރާތުން ބުނެފައިވާތީއާއި، ކޮމިއުނިޓީ ސެންޓަރުގެ ކުރިމަތީ ގޯތިތެރޭގައި އޮތް ހުސްބިން ކަސްޓަމަރުން ޝައުޤުވެރިވާފަދަ ގޮތަކަށް ތަރައްޤީކުރުމުގެ ފުރުޞަތު ދިނުމަށާއި ޢިމާރާތުގެ ބޭރު ފާރު އައުކޮށް، ގޭޓް ހެދުމުގެ ހުއްދަ ދިނުމަށާއި، މިކަންތައް އެގްރިމެންޓްގައި ހިމަނައިދިނުމަށް، ކޮމިއުނިޓީ ސެންޓަރުގައި ރެސްޓޯރެންޓް ހިންގުމަށް ޙާއްޞަކޮށް ހަދާފައިވާ ބައި ކުއްޔަށްދިނުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެމަސައްކަތް ލިބުނު ފަރާތުން އެދުމުން އެ ކަންކަން އެގްރިމެންޓްގައި ހިމަނައިފިނަމަ، ކޮންޓްރެކްޓްގެ މަޢުލޫމާތު ދެވިފައިވާގޮތާ ޚިލާފުވާނެތީ އެކަންކަން އެގްރިމެންޓްގައި ހިމަނަން ރކ.ކޮމެޓީއަށް ނުފެންނަކަމަށް ރކ.ކޮމިޓީން ނިންމައި އެކަން މަސައްކަތް ޙަވާލުކުރެވުނު ފަރާތަށް އަންގާފައިވަނިކޮށް، އޭގެފަހުން އެ މައްސަލައާ ގުޅިގެން، އެކަން ހުށަހެޅިފަރާތް އޮފީހަށް ގެނެސް ވާހަކަ ދައްކައިގެން އޮފީހަށް ފެންނަ ރަނގަޅު ގޮތަކަށް އެކަންތައް ނިންމުމުގެ ފުރުޞަތު އޮފީހަށް ދިނުމަށް ރކ.ކޮމިޓީން ނިންމާފައިވީނަމަވެސް، ނައިފަރު އޮފީހުގެ ފަރާތުން އެކަން ކުރިއަށް ގެންދަންޖެހޭނީ ކަމާގުޅޭ ޤާނޫނާއި ގަވާއިދާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިންކަމަށް ޤަބޫލުކުރެވޭތީއާއި، ދިރި އުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާއި ބެހޭ ޤަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (i) ގައި، މީހުން ދިރިއުޅޭރަށްރަށުން އަމިއްލަ ފަރާތްތަކަށް ދިރިއުޅުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ބިން ދޫކުރާނީ ބީލަމުގެ އުޞޫލޫން ކަމަށް ބަޔާންކޮށްފައިވާއިރު، ކޮމިއުނިޓީ ސެންޓަރުގެ ގޯތިތެރޭގައި އޮތް ހުސްބިން ތަރައްޤީކޮށް ހިންގުމަށް ޅ.ނައިފަރު އޮފީހުން ހުއްދަ ދީފައިވަނީ މިމާއްދާއާ ޚިލާފަށް ބީލަމުގެ އުޞޫލުން ނޫންކަމަށް ފާހަގަކުރެވޭތީއާއި، ކޮމިއުނިޓީ ސެންޓަރުގެ ގޯތިތެރެ ކަސްޓަމަރުން ޝައުޤުވެރިވާފަދަ ގޮތަކަށް ތަރައްޤީކުރުމަށްޓަކައި އެބިން ޙަވާލުކުރެވުނު ފަރާތުން ހުށަހަޅާފައިވާ ކަންތައްތައް ކުރުމަށް ހުއްދަ ދީފައިވާކަން އެންގުމުގެގޮތުން ފާދިއްޕޮޅު ނައިފަރު އޮފީހުން އެބިން ޙަވާލުކުރެވުނު ފަރާތަށް ފޮނުވާފައިވާ ސިޓީގައި ނައިފަރު އޮފީހުގެ ފަރާތުން ސޮއިކޮށްފައިވަނީ ނައިފަރު އޮފީހުގެ އޭރުގެ ކައުންސިލަރ މުޙައްމަދު ޝާހިދު ޢަބްދުއްރައްޒާޤުކަމަށްވާތީ، މަސައްކަތް ޙަވާލުކުރެވުނު ފަރާތުން ހުށަހެޅި އަންދާސީހިސާބުގައި، މިމަސައްކަތް އެފަރާތާ ޙަވާލުކޮށްފިނަމަ، ނައިފަރުގައި މިވަގުތު ހުރި ދެ ޕްރީސްކޫލަށް، އެގްރިމެންޓް ހަމަވަންދެން ކޮންމެ އަހަރަކު 12,000.00 (ބާރަ ހާސް) ރުފިޔާގެ އެހީއެއް ދޭނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޢިމާރާތް ކުއްޔަށް ދޫކުރުމުގެ އެގްރިމެންޓް ހެދިއިރު މިއެހީގެ ވާހަކަ ހިމަނާފައި ނުވާތީއާއި، މަސައްކަތް ޙަވާލުކުރެވުނު ފަރާތުން ހުށަހެޅި އަންދާސީހިސާބުގައި، ޅ.ނައިފަރުގައި ހިންގަމުންގެންދާ 2 ޕްރީސްކޫލަކަށް ކޮންމެ އަހަރަކު 12,000.00 (ބާރަ ހާސް) ރުފިޔާ އެހީއެއްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާކަން އެނގޭކަމަށް ނައިފަރު އޮފީހުގެ އޭރުގެ ކައުންސިލަރ ޅ.ނައިފަރު /ދިލްޝާދުގެ، މުޙައްމަދު ޝާހިދު ޢަބްދުއްރައްޒާޤް މިކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައިވާތީ، ކޮމިއުނިޓީ ސެންޓަރުގެ ގޯތިތެރޭގައި އޮތް ހުސްބިން ދޫކުރުމުގައި ނައިފަރު އޮފީހުގެ އޭރުގެ ކައުންސިލަރ މުޙައްމަދު ޝާހިދު ޢަބްދުއްރައްޒާޤު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް އަމަލުކޮށްފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މުޙައްމަދު ޝާހިދު ދިލްޝާދު/ޅ.ނައިފަރު، ގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×