ލ.ގާދޫ ކައުންސިލްގެ ރައީސްއަކަށް ކުރިން ހުރި، ދ.ވާނި، ބްލޫހެވަން، އިބްރާހީމް އަޙްމަދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

31 Aug 2014

ލ.ގާދޫ ކައުންސިލްގެ އިދާރާގެ ލެޓަރހެޑްގައި، 25 ސެޕްޓެމްބަރ 2012 ގައި އެކައުންސިލްގެ ރައީސް އިބްރާހީމް އަޙްމަދު އެކައުންސިލްގެ އެހެން މެމްބަރުންނަށް ނާންގާ އަމިއްލައަށް ސިޓީއެއް ލިޔެ އަމިއްލަ ކުންފުންޏަކަށް ފޮނުވާފައިވާ ކަމަށާއި، އެ ސިޓީގައި ގާދޫއާއި ފޮނަދޫއާ ދެމެދު ފާލަމަކުން ގުޅާލުމަށް ގާދޫ ކައުންސިލުން ބޭނުންވާ ކަމަށާއި، މިކަން ކޮށްދޭން ބޭނުންވާ ފަރާތަކަށް، ގާނޫނާ އެއްގޮތްވާގޮތުގެ މަތިން އިންވެސްޓް ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް ދެވެންއޮތް އެންމެ ދިގު މުއްދަތަކަށް، ގާދޫއިން މީހުން ދިރިނޫޅޭ ސަރަޙައްދުން ބަޔަކާއި، އަދި ފަޅުތެރެއިންވެސް ދެވެންއޮތް އެންމެ ބޮޑު މިނަކަށް، ބަދަލެއްގެ ގޮތުގައި އިންވެސްޓަރަށް ދޭނެ ކަމުގެ ޔަޤީންކަން ގާދޫ ކައުންސިލުން ދޭކަމަށާއި، އެހެންކަމުން އެކަން ކޮށްދިނުން އެދޭކަމަށް ބަޔާންކޮށްފައިވާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

 

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، ލ.ގާދޫ ކައުންސިލްގެ ލެޓަރ ހެޑްގައި އެކައުންސިލްގެ އޭރުގެ ރައީސް ދ.ވާނި، ބްލޫހެވަން، އިބްރާހީމް އަޙްމަދު ސޮއިކޮށް އަމިއްލަ ކުންފުންޏަކަށް 23 ސެޕްޓެމްބަރ 2012 ގައި ސިޓީއެއް ފޮނުވާފައިވާއިރު،އެސިޓީގައި ލ.ގާދޫއާއި ލ.ފޮނަދޫއާ ދެމެދު ފާލަމަކުން ގުޅައިދޭ ފަރާތަކަށް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންވެސްޓް ކުރުމަށް ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް ދެވެން އޮތް އެންމެ ދިގު މުއްދަތަކަށް ގާދޫއިން މީހުން ނޫޅޭ ސަރަޙައްދުން ބަޔަކާއި، އަދި ފަޅުތެރެއިންވެސް ދެވެން އޮތް އެންމެ ބޮޑު މިނަކަށް، ބަދަލެއްގެ ގޮތުގައި އިންވެސްޓަރަށް ދޭނެ ކަމުގެ ޔަޤީންކަން ގާދޫ ކައުންސިލުން ދޭކަމަށާއި، އެހެންކަމުން އެކަން ކޮށްދިނުން އެދޭކަމަށް ބަޔާންކޮށްފައިވެއެވެ. އެފަދަ ސިޓީއެއް ލިބިފައިވާތީ، އެކަން ކުރުމުގެ ޝައުޤުވެރިކަން ހުރިކަން ގާދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާކަމަށް ސިޓީ ފޮނުވުނު ފަރާތުން ބުނެފައިވާއިރު، ގާދޫ ކައުންސިލްގެ އިދާރާގެ ލެޓަރ ހެޑްގައި އެކައުންސިލްގެ ރައީސް ސޮއިކޮށް ފޮނުވާފައިވާ ސިޓީއަކީ ގާދޫ ކައުންސިލަށް ހުށަހެޅި މަޝްވަރާ ކުރެވި ވޯޓަކަށް އެހިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަން ފާހަގަކުރެވިފައިވާއިރު، އެސިޓީގައިވާ ނަންބަރުގައި ދައުލަތުގެ އެހެން އިދާރާއަކަށް ގާދޫ ކައުންސިލްގެ އިދާރާއިން ސިޓީއެއް ފޮނުވާފައިވާކަން ލ.ގާދޫ ކައުންސިލްގެ އިދާރާގެ ”ސިޓީ ނަންބަރު ޖަހާ” ފޮތުން އެންގޭކަމާއި،

 

ލ.ގާދޫ ކައުންސިލްގެ އިދާރާއިން ފޮނުވަންޖެހޭ އެފަދަ ސިޓީތައް ފޮނުވުމުގެ މަސައްކަތް ކުރަނީ އެކައުންސިލްގެ އިދާރާގެ އިދާރީ މުވައްޒަފުންކަމަށް ކައުންސިލްގެ އޭރުގެ ރައީސް ބުނެފައިވާއިރު، އެސިޓީ ފޮނުވިކަން އެއިދާރާގެ އިދާރީ މަސައްކަތްކުރާ މުވައްޒަފުންނަށް އެނގިފައިނުވާކަމާއި، ގާދޫ ކައުންސިލްގެ އިދާރާގެ ލެޓަރ ހެޑްގައި ކައުންސިލްގެ ރައީސް ފޮނުވާފައިވާ ސިޓީއަކީ ގާދޫއާއި ފޮނަދޫއާއި ދެމެދު ކޯޒްވޭއަކުން ގުޅާލަދޭނެ ފަރާތެއް ހޯދުމަށް ކުރެވެމުންދިޔަ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު އިދާރީ ކަމެއް ކަމަށް ކައުންސިލްގެ ރައީސް ބުނާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައާއި، ހައްދުންމަތީ ގާދޫ ކައުންސިލްގެ ހިންގާ ގަވާއިދު 2011 ގައިވެސް ކައުންސިލަށް ހުށަހެޅުމަކާ ނުލާ އެފަދަ ކަންކަން ނިންމުމުގެ ބާރު ކައުންސިލްގެ ރައީސަށް ލިބިދީފައިނުވާތީއާއި، ކައުންސިލުން ކަމެއް ނިންމޭނީ ކައުންސިލްގެ ބައްދަލުވުމަކަށް ހުށަހެޅި އެބައްދަލުވުމަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުގެ 114 ވަނަ މާއްދާގައާއި، ހައްދުންމަތީ ގާދޫ ކައުންސިލްގެ ހިންގާ ގަވާއިދު 2011 ގެ 33 ވަނަ (ހ) ގައި ބަޔާންކޮށްފައިވާތީއާއި،

 

ގާދޫއާއި ފޮނަދޫއާއި ދެމެދު ކޯޒްވޭއަކުން ގުޅާލުމާ ގުޅޭގޮތުން ޢާއްމުކޮށް އިޢުލާނެއް ކޮށްފައިނުވާއިރު، 23 ސެޕްޓެމްބަރ 2012 ވަނަ ދުވަހުގެ ތާރީޚުގައި ހައްދުންމަތީ ގާދޫ ކައުންސިލްގެ އިދާރާގެ ލެޓަރހެޑްގައި، އެކައުންސިލްގެ އޭރުގެ ރައީސް އިބްރާހީމް އަޙްމަދު ސޮއިކޮށް އަމިއްލަ ފަރާތަކަށް ފޮނުވާފައިވާ ސިޓީއަކީ އެފަދަ ކަންކަން ކުރުމަށް ޤާނޫންތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 02ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވާ މަނާކުރުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެޤާނޫނުގެ 12ވަނަ މާއްދާގެ ދަށުން،ހައްދުންމަތީ ގާދޫ ކައުންސިލުގެ އޭރުގެ ރައީސް، ދ.ވާނި، ބްލޫހެވަން، އިބްރާހީމް އަޙްމަދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×