ގދ.ތިނަދޫ ކައުންސިލްގެ އިދާރާއިން ފާސްކޮށްފައިވާ “ގދ.ތިނަދޫ ކައުންސިލްގެ އިދާރާގެ ތަކެއްޗާއި، ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތި ދޫކުރުމާއި، ކުއްޔަށް ދިނުމުގެ އުސޫލް” އާ ޚިލާފަށް، އެއިދާރާގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ، ގދ.ތިނަދޫ/ އަބުހަރީގޭ، ސައުދު ޢަލީ، ގދ.ތިނަދޫގެ އަމިއްލަ ފަރާތަކުން ޙުށަހެޅި ސިޓީއަކާ ގުޅިގެން އެފަރާތަށް 50 ގޮނޑި ދޫކޮށްފައިވަނީ އެއިދާރާގެ އެއްވެސް ވެރިއެއްގެ ހުއްދަނެތި ކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، “ގދ.ތިނަދޫ ކައުންސިލްގެ އިދާރާގެ ތަކެއްޗާއި، ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާ ތަކެތި ދޫކުރުމާއި ކުއްޔަށް ދިނުމުގެ އުޞޫލް”އެއް 09 އޮގަސްޓް 2012 ގައި ގދ.ތިނަދޫ ކައުންސިލްގެ އިދާރާއިން ފާސްކޮށްފައިވާއިރު، މިއުޞޫލަކީ ކައުންސިލް އިދާރާގެ ތަކެއްޗާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަކެތި ދޫކުރުމާއި ކުއްޔަށް ދިނުމުގައި ގދ.ތިނަދޫ ކައުންސިލްގެ އިދާރާއިން އަމަލުކުރުމަށް ކަޑައެޅިފައިވާ އުޞޫލެއް ކަމަށްވާތީއާއި، ތިނަދޫ ކައުންސިލްގެ އިދާރާއިން ކުއްޔަށް އަދި އަގުނުނަގައި ދޫކުރަން ހަމަޖެހިފައިވާ ތަންތަނާއި ތަކެތީގެ ލިސްޓު މިއުޞޫލުގެ ތިންވަނަ މާއްދާގެ އެނެކްސް 1 ގައި ބަޔާންކޮށްފައިވާއިރު، މިލިސްޓުގައި ގޮނޑި ހިމަނާފައި ނުވާތީއާއި، ގދ.ތިނަދޫ އާބާދީ މަރުކަޒުގައި ބޭނުންކުރާ އެއްވެސް ކަހަލަ ގޮނޑިއެއް ކުއްޔަށް ނުވަތަ ހިލޭ އެއްވެސް ފަރާތަކަށް ދެވިދާނެ ކަމަށް މި އުޞޫލުގައި ބަޔާންކޮށްފައި ނުވާތީއާއި،މި އުޞޫލުގައި ބަޔާންކޮށްފައިނުވާ ތަކެތި ދޫކުރެވޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެންކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބަޔާންދީފައިވާ ތިނަދޫ ކައުންސިލް އިދާރާގެ ބައެއް ފަރާތްތަކުން ބުނެފައިވާތީއާއި، ގދ.ތިނަދޫ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ގޮނޑި ތަކުގެ ތެރެއިން 50 ގޮނޑި ހޯދުމަށް އެދި ގދ.ތިނަދޫގެ އަމިއްލަ ފަރާތަކުން ގދ.ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅި ސިޓީއަކާ ގުޅިގެން އެފަރާތަށް 50 ގޮނޑި ދޫކުރީ ސަޢުދު ޢަލީ ކަމަށް އޭނާ ބުނެފައިވާތީއާއި، 09 އޮގަސްޓް 2012 ގައި ފާސްކޮށްފައިވާ “ގދ.ތިނަދޫ ކައުންސިލްގެ އިދާރާގެ ތަކެއްޗާއި، ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާ ތަކެތި ދޫކުރުމާއި ކުއްޔަށް ދިނުމުގެ އުޞޫލް” ގެ އެއްވަނަ މާއްދާގެ ދަށުން، އަނބުރާދައްކާގޮތަށް ނުވަތަ ކުއްޔަށްވިޔަސް ދޫކުރެވޭނީ “ތަކެއްޗާއި ތަންތަނަށް ކުއްޔަށް ދިނުމަށް ކައުންސިލްގެ އިދާރާއިން ހަދާފައިވާ ފޯމްފުރުމަށްފަހު އެފޯމް”ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައިވާއިރު، ގދ.ތިނަދޫކައުންސިލްގެ އިދާރާއިން ހަދާފައިވާ ފޯމް ފުރިހަމަކޮށް އެފޯމާއި އެކު ހުށަހަޅަން ޖެހޭ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅާފައިނުވާއިރު، ގދ.ތިނަދޫ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ގޮނޑި ތަކުގެ ތެރެއިން 50 ގޮނޑި ހޯދުމަށް އެދި ގދ.ތިނަދޫގެ އަމިއްލަ ފަރާތަކުން ގދ.ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅި ސިޓީއަކާ ގުޅިގެން އެފަރާތަށް 50 ގޮނޑި ދޫކޮށްފައިވަނީ 09 އޮގަސްޓް 2012 ގައި ފާސްކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށް ވާތީއާއި،އެގޮނޑިތައް ދޫކޮށްފައިވަނީ ގދ.ތިނަދޫ ކައުންސިލް އިދާރާގެ ވެރިންނަށް އެނގިގެން ނޫންކަމަށް އެފަރާތްތަކުން ދިން ބަޔާންތަކުން ސާބިތުވާތީއާއި، އެގޮނޑިތައް ދޫކުރީ ސަޢުދު ޢަލީ ކަމަށް ސަޢުދު ޢަލީ މިކޮމިޝަނަށް ދީފައިވާ ބަޔާނުގައި އިއުތިރާފްވެފައިވާތީ، މިކަމަކީ ސަޢުދު ޢަލީގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަން ދަލީލުކޮށްދޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން،ގދ.ތިނަދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ،ގދ.ތިނަދޫ /އަބުހަރީއާގެ، ސަޢުދު ޢަލީގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމައްސަލަ ވަނީ ފޮނުވިފައެވެ.