ލ.ގާދޫ ދޯންޏަކަށް ޤަވާޢިދާ ޚިލާފަށް މަސްކިރުމުގެ ލައިސަންސެއް ހަދައިދީފައިވާތީ، ލ.ގާދޫ ކައުންސިލްގެ ކުރީގެ ނާއިބުރައީސް، ލ.ގާދޫ /ދެކުނުގެ، ނަފީޒު އަބޫބަކުރުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފ

04 Sep 2014

ލ.ގާދޫ ކައުންސިލްގެ ނާއިބުރައީސް ނަފީޒު އަބޫބަކުރު (ދެކުނުގެ، ލ.ގާދޫ)، އޭނާއާ ގުޅުންހުރި ފަރާތަކަށް މަސްކިރުމުގެ ލައިސަންސެއް ޤަވާއިދާ ޚިލާފަށް ހައްދާދީފައިވާކަމަށާއި، މަސްކިރުމަށް ދޫކުރާ ލައިސަންސަކީ އަހަރެއްގެ މައްޗަށް 1,800/- (އެއްހާސް އަށްސަތޭކަ) ރުފިޔާ ގެ ފީއެއް ދައްކައިގެން ހަދައިދޭ އެއްޗަކަށްވާއިރު، ފައިސާ ނުދައްކަނީސް ނަފީޒު އަބޫބަކުރު ވަނީ އެފައިސާ ގާދޫ ކައުންސިލްގެ އިދާރާއަށް ދެއްކިކަމަށް ހަދައި، ފިޝަރީޒް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިގެން ލައިސަންސެއް ހައްދާފައިކަމަށް ބުނާ މައްސަލަ މިކޮމިޝަނު ތަޙްޤީޤްކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

 

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، ލ.ގާދޫ އަމިއްލަ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މަސްދޯންޏަކަށް ލ.ގާދޫ ކައުންސިލްގެ ކުރީގެ ނާއިބުރައީސް، ނަފީޒް އަބޫބަކުރު (ދެކުނުގެ/ލ.ގާދޫ) ސޮއިކޮށް، މަސްވެރިކަން ކުރުމުގެ ލައިސަންސް ހެއްދުމަށް ބޭނުންވާ ފީ ނުނަގައި، ޞައްޙަނޫން ލައިސަންސް ނަންބަރެއްދީ، ލ.ގާދޫ ކައުންސިލްގެ އިދާރާގެ ސިއްކަ ބޭނުންކޮށްގެން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމުގެ ލައިސަންސެއް ހައްދާދީފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭތީ އާއި،

 

ލ.ގާދޫ ކައުންސިލްގެ އިދާރާއިން ޞައްޙަ ނޫން ލައިސަންސެއް ދޯންޏަށް ދީފައިވާކަން ފިޝަރީޒް މިނިސްޓްރީއަށް އެނގުމުން އެކަމާ ގުޅޭ މަޢުލޫމާތު ފޮނުވައި ދިނުމަށް އެމިނިސްޓްރީން ގާދޫ ކައުންސިލްގެ އިދާރާގައި އެދުމުން، ލ.ގާދޫ ކައުންސިލްގެ އިދާރާގެ ރަސްމީ ލެޓަރ ހެޑްގައި އެ އިދާރާގެ ސިއްކަ ބޭނުންކޮށްގެން ނަފީޒް އަބޫބަކުރު ސޮއިކޮށް ފޮނުވާފައިވާ މެސެޖުގައި އެދޯންޏަށް މަސްވެރިކަން ކުރުމުގެ ލައިސަންސް ހެއްދުމަށް ބޭނުންވާ ފީ އެ އިދާރާއަށް ލިބިފައިވާކަމަށް ބަޔާންކޮށް ދޮގު މަޢުލޫމާތު ދީފައިވާއިރު، އެފައިސާ ކައުންސިލްގެ އިދާރާއަށް ލިބިފައިނުވާތީއާއި، ނަފީޒް އަބޫބަކުރު ފިޝަރީޒް މިނިސްޓްރީއަށް ފޮނުވާފައިވާ މެސެޖުގެ މައްޗަށް ބިނާކޮށް އެދޯންޏަށް މަސްވެރިކަން ކުރުމުގެ ޞައްޙަ ލައިސަންސެއް ދޫކޮށްފައިވާތީއާއި،

 

މިދެންނެވުނު ދޯނީގެ ވެރިފަރާތުން އެ ދޯންޏަށް ލައިސަންސް ހެއްދުމުގެ ފީ ދެއްކުމަށް ގާދޫ ކައުންސިލްގެ އިދާރާއަށް ފަހުން ދިއުމުން، އެ ދޯންޏަށް މަސްވެރިކަން ކުރުމުގެ ޞައްޙަ ލައިސަންސް ދޫކުރިތާ 1 މަސްފަހުން އެ ލައިސަންސް ހެއްދުމަށް ބޭނުންވާ ފީ އެ އިދާރާއަށް ބަލައިގަނެފައި އޮތްނަމަވެސް، ލ.ގާދޫ ކައުންސިލްގެ ކުރީގެ ނާއިބުރައީސް ނަފީޒް އަބޫބަކުރު (ދެކުނުގެ، ލ.ގާދޫ) މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަމުގައި މަސްވެރިކަން ކުރުމުގެ ޞައްޙަނޫން ލައިސަންސެއް ގަވާއިދާ ޚިލާފަށް ހަދާދީފައިވާތީ، މިއީ ނަފީޒް އަބޫބަކުރު (ދެކުނުގެ، ލ.ގާދޫ) އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށް ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ހިންގާފައިވާ ޢަމަލެއްކަން މި ކޮމިޝަންގެ ތަޙްޤީޤަށް ފެންނާތީ، ޤާނޫނު ނަންބަރު 2008/13 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ލ.ގާދޫ ކައުންސިލްގެ ކުރީގެ ނާއިބުރައީސް ނަފީޒް އަބޫބަކުރު (ދެކުނުގެ، ލ.ގާދޫ) ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×