ގދ.ތިނަދޫ އިން 2000 އަކަފޫޓުގެ ގޯއްޗެއް، 3340 އަކަފޫޓުގެ ގޯއްޗަކަށް ޤަވާޢިދާ ޚިލާފަށް ބަދަލުކޮށްފައިވާ މައްސަލައަކާ ގުޅިގެން ގދ.ތިނަދޫ “ވިންސެންޓް” އަޙްމަދު ނަޞީރާއި ގދ.ތިނަދޫ “ވިލުފަސް” މުޙައްމަދު އިލްޔާސްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

07 Sep 2014

ގދ.ތިނަދޫން ގޯތި ދޫކުރިއިރު، ގދ.ތިނަދޫ މީހަކަށް ތިނަދޫން 2000 އަކަފޫޓުގެ ގޯއްޗެއް ލިބުމުން، މަޤާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން 3700 އަކަފޫޓްގެ ބޮޑު ގޯއްޗަކަށް ބަދަލުކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގެ ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ގދ.ތިނަދޫ “ގާކުރަލި” އިބްރާހީމް ރަޝީދަށް 2012 ވަނަ އަހަރު ގދ.ތިނަދޫން ދޫކޮށްފައިވާ 2000 (ދެހާސް) އަކަފޫޓުގެ ގޯއްޗެއް އެ ބޮޑުމިނުގެ އެހެން ގޯއްޗަކާ ލައިޖައްސާފައިވަނިކޮށް އެގޯތި، ހުސްކޮށް އޮތް 3340 (ތިންހާސް ތިންސަތޭކަ ސާޅީސް) އަކަފޫޓްގެ ގޯއްޗަކަށް ބަދަލުކޮށްދީފައިވަނީ، ގދ.ތިނަދޫ ކައުންސިލްގެ ރައީސަކަށް ހުރި ގދ.ތިނަދޫ “ވިންސެންޓް” އަޙްމަދު ނަޞީރުކަމާއި، ގޯތި ބަދަލުކޮށްދިނުމަށްފަހު ބަދަލުކޮށްދިން ގޯއްޗަށް ހަދައިދީފައިވާ ގޯތީގެ ރަޖިސްޓަރީގައި ސޮއިކޮށްފައިވަނީ ތިނަދޫ ކައުންސިލްގެ އިދާރާގެ ބިމާބެހޭ ސެކްޝަން ބެލެހެއްޓުމާ ޙަވާލުވެހުރި އެންމެ އިސް ފަރާތްކަމަށްވާ ގދ.ތިނަދޫ ކައުންސިލަރ ގދ.ތިނަދޫ “ވިލުފަސް” މުޙައްމަދު އިލްޔާސްކަން ލިޔުންތަކުން އެނގެން އޮތުމާއި، މިކަމަކީ ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދުގެ އެނެކްސް 1 ގެ 1.1.2 ވަނަ މާއްދާއާއި އެ ޤަވާޢިދުގެ 1.1.3 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ކަމަކަށްވުމާއެކު، މިކަމަކީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ގދ.ތިނަދޫ “ވިންސެންޓް” އަޙްމަދު ނަޞީރާއި ގދ.ތިނަދޫ “ވިލުފަސް” މުޙައްމަދު އިލްޔާސްގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×