ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ އުޞޫލުން މަސްވެރިންގެ ޕާކްގައި ފެރީޓަރމިނަލެއް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން ކުރި އިޢުލާނާގުޅޭ ބިޑްތައް އިވެލުއޭޓްކުރުމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް އިވެލުއޭޝަން ހަދާފައިވާތީ، އެމިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުންގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

07 Sep 2014

ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ އުޞޫލުން ހެންވޭރު މަސްވެރިންގެ ޕާކްގައި ހުޅުލެ-މާލެ އާއި އަދި ޓްރާންސްޕޯޓް ނެޓްވޯރކްގެ ދަށުން އަތޮޅުތަކުން މާލެ އަންނަ ފެރީތަކަށް ޚިދުމަތްދޭނެ ދެބުރީގެ ފެރީ ޓަރމިނަލެއް ތަރައްޤީކޮށް ހިންގާދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން އިން ކުރި އިޢުލާނާގުޅިގެން އެ ޕްރޮޖެކްޓް ވަކި ފަރާތަކަށްދޭން މަސައްކަތްކުރަމުންދާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

 

ފުރަތަމަ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާޠިލުކޮށްފައިވަނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތަކެއް ފުރިހަމަ ނުވާތީކަމަށް ބަޔާންކޮށްފައިވާއިރު، ދެވަނަ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ ތެރެއިން ބިޑް ކޮމިޓީގެ އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތުން ހުށަހަޅާފައިވާ ބީލަމާއެކު މަޢުލޫމާތު ކަރުދާހުގައި ކުންފުންޏެއްނަމަ ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްސް ހުށަހަޅާފައިނުވާއިރު، މާލީ ޤާބިލުކަމަށް އެފަރާތަށް ފުރިހަމަ މާކްސް ދީފައިވާތީ އާއި؛

 

ބިޑް އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތުން ހުށަޅާފައިވާ ބިޑަކީ ޕްރައިވެޓް ކުންފުންޏަކާއި، އަމިއްލަ މީހަކާ ގުޅިގެން ހުށަހަޅާފައިވާ ބިޑަކަށްވެފައި، އެފަރާތުން ބީލަމާއެކު ހުށަހަޅާފައިވާ ރެފެރެންސް ލެޓަރތަކަކީ އެދެފަރާތުގެތެރެއިން ކުންފުނީގެ ލެޓަރތަކެއްކަމުން އެއީ އެދެފަރާތުގެ ތެރޭގައި ހިމެނޭ އަމިއްލަ މީހާގެ މާލީ ޤާބިލުކަން ދައްކައިދިނުމަށް ހުށަހަޅާފައި ރެފެރެންސް ލެޓަރ ތަކެއް ނޫންކަމާއި އެއީ ކުންފުނީގެ މާލީ ޤާބިލުކަން ދައްކައިދިނުމަށް ހުށަހަޅާފައިވާ ރެފެރެންސް ލެޓަރ ތަކެއްކަން އެނގޭތީއާއި، ގުޅިގެން ހުށަހަޅާފައިވާ މިބީލަމުގެ މާލީ ޤާބިލުކަމުގެ މިންގަނޑަށް މިނިސްޓްރީގެ ބިޑް ކޮމިޓީ އިން މާކްސްދީފައިވަނީ އެދެފަރާތުގެ ތެރެއިން ކުންފުނީގެ މާލީ ޤާބިލުކަމަށްވާއިރު، ކުންފުނީގެ މާލީ ޤާބިލުކަމަށް ފުރިހަމަ މާކްސް ދެވޭނީ، ކުންފުންޏެއްނަމަ ހުށަހަޅަންޖެހޭނެކަމަށް މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ 3 އަހަރުގެ އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްސް ހުށަހަޅާފައިވާނަމަ އެ ފައިނޭންޝަލް ސްޓޭޓްމަންޓްސް އަށް ބެލުމަށްފަހުގައިކަމަށް ވީނަމަވެސް، ބިޑް އިވެލުއޭޝަންގައި އެންމެމަތިން މާރކްސް ލިބުނު ފަރާތުން ހުށަހަޅާފައިވާ ބީލަމުގެ މާލީ ޤާބިލުކަމުގެ ކްރައިޓީރިއާ އަށް ފުރިހަމަ މާކްސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންގެ ބިޑް ކޮމިޓީ އިން ދީފައިވާތީއާއި،

 

ބީލަން ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުންވެސް ބިޑް ސެކިއުރިޓީ ހުށަހަޅާފައިވާއިރު، އެކިފަރާތްތަކަށް އެކިވަރަށް މާކްސް ދީފައި ހުރުމުންނާއި، ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 03 ފަރާތަކަށް އެއްވަރަކަށް މާކްސްދީފައިވުމާއި، ބިޑް އިވެލުއޭޝަނުން އެންމެ މަތީ މާރކްސް ލިބުނު ފަރާތުން ހުށަހަޅާފައިވާ ބީލަމާއެކު ފައިނޭންޝަލް ސްޓޭޓްމަންޓްސް ހުށަހަޅާފައިނުވާއިރު އެފަރާތަށް ކްރެޑިޓް ސްޓްރެންތް އަށް ފުރިހަމަ މާކްސް ދީފައިވުމުންނާއި؛

މާލީ ޤާބިލުކަން/ފައިނޭންޝަލް ކެޕޭސިޓީ އަށް މާކްސް ދިނުމުގައި ފަރުދުންގެ ގޮތުގައި ބީލަން ހުށަހަޅާފައިވާ ފަރާތްތަކަށް މާކްސްދިނުމުގައި އެ ފަރާތެއް ގުޅިފައިވާ ކުންފުނިތަކުގެ ފައިނޭންޝަލް ސްޓޭޓްމަންޓްތައް ހުށަހަޅާފައި ހުރުމުން، އެއަށް ބެލުމަށްފަހު މަދުން މާކްސް ދީފައިވާއިރު، ފައިނޭންޝަލް ސްޓޭޓްމަންޓްސް ހުށަހަޅާފައިނުވާއިރު، ބިޑް އިވެލުއޭޝަނުން އެންމެ މަތީ މާރކްސް ލިބުނު ފަރާތަށް އެބަޔަށް ފުރިހަމަ މާކްސް ދީފައިވާތީއާއި،

 

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް މާކްސްދޭން ޖެހޭގޮތަށް މި ކޮމިޝަނުން އިވެލުއޭޓްކުރުމުން، އެންމެ މަތިން މާކްސް ލިބިފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންގެ ބިޑް ކޮމިޓީއިން އިވެލުއޭޓް ކުރުމުން އެންމެ މަތިން މާކްސް ލިބިގެން ޕްރޮޖެކްޓް ހަވާލުކުރުމަށް ލަފާދީފައިވާ ފަރާތަށްކަމަށް ނުވާތީއާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލައިގެން އިވެލުއޭޝަން ހެދުމުން އެ ޕްރޮޖެކްޓަށް އެންމެ ޤާބިލު ފަރާތަކީ އެހެން ފަރާތެއްކަމުގައިވާއިރު، މިނިސްޓްރީގެ ބިޑް ކޮމިޓީ އިން މާލީ ޤާބިލުކަމަށް މާކްސް ދިނުމުގައި ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފައިނޭންޝަލް ސްޓޭޓްމަންޓްސް އަށް ބެލުމަށްފަހު މާކްސްދީފައިވާއިރު، ޕްރޮޖެކްޓް ޙަވާލުކުރުމަށް ބިޑް ކޮމިޓީން ލަފާދީފައިވާ ފަރާތުން ފައިނޭންޝަލް ސްޓޭޓްމަންޓް ހުށައަޅާފައި ނުވާއިރު އަދި 3 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭންކް ރެފެރެސް ލެޓަރ އެއް ހުށަހެޅުމުން ހަމައެކަނި އެއަށް ބެލުމަށްފަހު މާލީ ޤާބިލުކަމުގެ މިންގަނޑަށް ފުރިހަމަ މާކްސް ދީފައިވާތީ، އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށް ބަލާއިރު، މިނިސްޓްރީގެ ބިޑް ކޮމިޓީއިން އިވެލުއޭޓް ކުރުމުގައި ހަމަހަމަ މިންގަނޑަކުން އިވެލުއޭޓް ކޮށްފައިނުވާކަމާއި، ވަކިފަރާތަކަށް ފައިދާވާގޮތަށް އިވެލުއޭޝަން ކުރިޔަށް ގެންގޮސްފައިވާކަން ތަޙުޤީޤަށް ޘާބިތުވާތީ،

 

ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންގެ ބިޑް ކޮމިޓީގައި ހިމެނޭ ޏ.ފުވައްމުލަކު /އަޖްމީރު، ޢަބްދުއްނާޞިރު މުޙައްމަދު އާއި ގ.މާލެހިޔާ 2 (11-01) އާމިނަތު ވަޙީދާ އާއި ގ.މެހުރާ /މާލެ، އަޙްމަދު މަހްރީން އާއި ހ.ރަންގަލި /މާލެ، ސާމީ އަޤީލް އާއި ގ.ބްލޫވިންގ /މާލެ، އިލްޔާސް އަޙްމަދުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާއި، އަދި 23 ވަނަ މާއްދާގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×