2006 ވަނަ އަހަރުގެ މެދުތެރޭގައި ސ.މަރަދޫ އިން މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްގެ ބޮޑުބައެއް ސ.މަރަދޫ އެހެން މީހަކަށް ދީފައިވާކަމަށާއި ފަހުން އެގޯތިން ބައެއް ދީފައިވާ ފަރާތުން މިމައްސަލަ މަރަދޫ ކޯޓަށް ހުށަހަޅައިގެން 2010 ނޮވެމްބަރ ހިސާބުގައި އޭނާއަށް އެބިންކޮޅު ލިބޭގޮތަށް މައްސަލަ ނިމިފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤު ކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގެ ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 2002/1 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު އާއި މިޤާނޫނާއި މިޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް ބަލާއިރު، ޝަރުޢީ ކޯޓެއް މެދުވެރިނުކޮށް ބަންޑާރަ ބިމެއް އެއްވެސް ފަރާތަކަށް ހިބައިގެ ގޮތުގައިވެސް އަދި ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއްވެސް ދެވޭނެތަނެއް ނެތުމުންނާއި، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައިވެސް އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވެސް، މީހަކަށް ދޫކޮށްފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް، ނުވަތަ އެގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް، ޢާއިލީގޮތުން އެމީހަކާ ގުޅުމެއް ނެތް ފަރާތަކަށް ދެވޭނެ އެއްވެސް ގޮތެއް ބަޔާންކޮށްފައި ނުވުމުން، މިމައްސަލައިގައި ސ.މަރަދޫ އިން އަމިއްލަ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯތިން ބައެއް އެހެން މީހަކަށް ރަޖިސްޓްރީ ކޮށްދީފައިވާއިރު، މިދެފަރާތަކީ ޢާއިލީގޮތުން ގުޅުމެއް ހުރި ފަރާތެއް ނޫންކަމަށް މިމައްސަލައާގުޅޭ ލިޔުންތަކުން ފާހަގަކުރެވޭތީ، މިމައްސަލައިގައި ބުނާ، ސ.މަރަދޫ އިން އަމިއްލަ މީހަކަށް ރަޖިސްޓްރީކޮށްދީފައިވާ ގޯތިން ބައެއް އެހެން ފަރާތަކަށް ރަޖިސްޓަރީ ކޮށްދެވޭނެ ގޮތެއް އޮތްކަމަށް ނުފެންނާތީއާއި، ކުރިން މިދެންނެވުނު ގޯތިން، ފަހުން ރަޖިސްޓްރީކޮށްދީފައިވާ ބަޔަކީ އެއްވެސް އިމާރާތެއް ނެތް ބައެއްކަމަށް ވެފައި، އެއީ ބަންޑާރަ ބިމެއް ކަމުގައި ވުމާއެކު، ހިބައިން ނުވަތަ ވަޞިއްޔަތުންވެސް އެބިމުން ބައެއް ފަހުން ރަޖިސްޓްރީކޮށްދީފައިވާ ފަރާތަށް ދެވޭނެ އެއްވެސް ގޮތެއް އޮތްކަމަށް ނުފެންނާތީ، ފަހުން ރަޖިސްޓްރީކޮށްދީފައިވާ ފަރާތަށް ރަޖިސްޓްރީކޮށްދީފައިވާ ބައި ހަމަޖައްސާފައިވަނީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާ ޚިލާފަށްކަން ފާހަގަކުރެވިފައިވާތީއާއި، ފަހުން ރަޖިސްޓްރީކޮށްދީފައިވާ ފަރާތަށް ރަޖިސްޓްރީކޮށްދީފައިވާ ބައި، 29 ނޮވެމްބަރ 2006 ވަނަ ދުވަހު އޭނާއާ ޙަވާލުކޮށްފައިވަނީ ސ.އަތޮޅު އޮފީހުގެ މެސެޖަކާ ގުޅިގެންކަމަށް ގޯތި ޙަވާލުކުރި ލިޔުމުގައާއި އޭނާއަށް ހަމަޖައްސާފައިވާ ބަޔަށް ވަކިނަމެއް ކިޔައި، އެނަމުގައި ހަދާފައިވާ ގޯތީގެ ރަޖިސްޓްރީގައި ބަޔާންކޮށްފައިވީނަމަވެސް، އެމެސެޖުގެ ކޮޕީއެއް ހޯދުމަށް މިކޮމިޝަނުގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ (ކުރީގެ ސ.އަތޮޅު އޮފީސް) އަށާއި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޑިޕާޓްމެންޓް އޮފް ސޯޝަލް ސަރވިސްގެ ޖެނެރަލް ސަރވިސް ސެކްޝަން (ކުރީގެ ސ.މަރަދޫ އޮފީސް) އަށް ތަކުރާރުކޮށް ހުށަހަޅައިގެންވެސް އެމެސެޖުގެ ކޮޕީއެއް މިކޮމިޝަނަށް ލިބިފައި ނުވާތީއާއި، މި މެސެޖަކީ ސ.އަތޮޅުއޮފީހުން ފޮނުވާފައިވާ މެސެޖެއްކަން ސ.އަތޮޅު އޮފީހުގެ ލިޔުންތަކުން ފެނިފައިނުވާތީއާއި، އަދި މިމެސެޖަކީ ސ.މަރަދޫ އޮފީހަށް ލިބިފައިވާ މެސެޖެއްކަން ސ.މަރަދޫ އޮފީހުގެ ލިޔުންތަކުންވެސް ފެނިފައިނުވާތީއާއި، އަތޮޅުއޮފީސް ހިންގުމާ އޭނާ ޙަވާލުވެހުރި ދުވަސްވަރު މި މައްސަލައާގުޅިގެން އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި، ގޯތި ގޯއްޗާ ބެހޭގޮތުން އަތޮޅުއޮފީހުން ނިންމާ ނިންމުންތައް އަތޮޅުގެ އެހެން ރަށްރަށަށް އާންމުގޮތެއްގައި އަންގާފައި ހުންނާނީ ސިޓީ މެދުވެރިކޮށް ކަމަށާއި އަތޮޅުގެ ރަށްރަށުން ގޯތި ގޯއްޗާ ބެހޭ މައްސަލަތައް އާންމުގޮތެއްގައި އަތޮޅުއޮފީހަށް ހުށަހަޅާނީވެސް ސިޓީ މެދުވެރިކޮށް ކަމަށާއި އައްޑުއަތޮޅު އޮފީހާ ޙަވާލުވެ ހުރި ދުވަސްވަރު މެސެޖް މެދުވެރިކޮށް ގޯތި ގޯއްޗާ ބެހޭ ގޮތުން ނިންމުމެއް ނިންމައި އެފަދަ ކަމަކާބެހޭ އެއްވެސް އެންގުމެއް އެއްވެސް ރަށަކަށް ސޮއިކޮށްފައި އަންގާފައި ނުވާނެކަމަށް، އެމެސެޖް ފޮނުވިކަމަށް ބަޔާންކޮށްފައިވާ ތާރީޚުގައި އައްޑުއަތޮޅު އޮފީސް ހިންގުމާ ޙަވާލުވެ ހުރި ފަރާތުން މިކޮމިޝަނަށް މަޢުލޫމާތު ދީފައިވާތީ، މިބިން ހަމަޖައްސައިދިނުމަށް އަތޮޅުއޮފީހުން އަންގާފައިވާކަން އެނގެން ނެތުމާއި، އެގޯތިން ބައެއް ފަހުން ރަޖިސްޓްރީކޮށްދީފައިވާ ފަރާތަށް، އެގޯތިން 3000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދިނުމަށް ފެންނަކަމަށް ބަޔާންކޮށް ސ.މަރަދޫ އޮފީހުން ސ.އަތޮޅު އޮފީހަށް ފޮނުވާފައިވާ ސިޓީގައި ސޮއިކޮށްފައިވަނީ، ސ.މަރަދޫ އޮފީހުގެ އޭރުގެ ބޮޑުކަތީބު މުޙައްމަދު މޫސާ ދީދީ ކަމަށްވާތީއާއި، އެ ބައިގެ ރަޖިސްޓަރީގެ ކަންތައް ނިންމައިދިނުމަށް ސ.މަރަދޫ އޮފީހުން ސ.އަތޮޅު އޮފީހަށް ފޮނުވާފައިވާ ސިޓީގައި ސޮއިކޮށްފައިވަނީވެސް ސ.މަރަދޫ އޮފީހުގެ އޭރުގެ ބޮޑުކަތީބު މުޙައްމަދު މޫސާދީދީ ކަމަށްވާތީ، އެގޯތިން ބައެއް ފަހުން ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތަށް، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާ ޚިލާފަށް ބިމެއް ހަމަޖައްސައިދިނުމަށް ސ.މަރަދޫ އޮފީހުގެ އޭރުގެ ބޮޑުކަތީބު މުޙައްމަދު މޫސާ ދީދީ މަސައްކަތްކޮށްފައިވާކަން ދަލީލުކޮށްދޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިމައްސަލައިގައި ސ.މަރަދޫ އޮފީހުގެ އޭރުގެ ބޮޑުކަތީބު، ސ.މަރަދޫ /މާވެލް، މުޙައްމަދު މޫސާދީދީގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.