ލ.އިސްދޫކަލައިދޫ އޮފީހުގެ ކުރީގެ ދެކަތީބުން ކަމުގައިވާ، ލ.އިސްދޫ /ހިޔާވަހި، މުޙައްމަދު ރަފީޢުއާއި ލ.އިސްދޫ /ކޯޒީހައުސް، ޢަލީ ޔޫސުފް ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި ފޮނުވައިފި

16 Sep 2014

01 އޯގަސްޓް 2008ން 1 ފެބްރުއަރީ 2009ގެ ނިޔަލަށް ލ.އިސްދޫކަލައިދޫ އިންޖީނުގެއަށް ޑީސަލް ވިއްކި ފަރާތުން އެއްބަސްވެ ހުށަހަޅައިފައިވާ ގޮތާ ޚިލާފުވެ، މާބޮޑު އަގެއް ޖަހައިގެން ފައިސާ ނަގާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

 

މިމައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ލ. އިސްދޫ އަމިއްލަ ފަރާތަކުން ލ.އިސްދޫކަލައިދޫ އިންޖީނުގެއަށް ބޭނުންވާ ޑީސަލް ސަޕްލައިކުރުމުގައި އެފަރާތުން ހުށަހަޅާފައިވާ އެސްޓިމޭޓްގައިވާ ގޮތާ ޚިލާފަށް، އެސް.ޓީ.އޯ އިން ޑީސަލް ލީޓަރެއް ވިއްކާ އަގަށް 0.50 (ފަންސާސް ލާރި) އަށް ވުރެ ބޮޑުކޮށް އިތުރުކޮށްގެން ޑީސަލް ވިއްކާފައިވާކަން އެސް.ޓީ.އޯއިން ހޯދި މަޢުލޫމާތުންނާއި ޑީސަލް ސަޕްލައިކުރި ފަރާތުން ހުށަހަޅާފައިވާ ބިލްތަކުން އެނގޭތީއާއި، ޑިސަލް ސަޕްލައިކުރި ފަރާތުން ހުށަހަޅާފައިވާ އެސްޓިމޭޓަކީ އެފަރާތުން އެއަގުގައި އިންޖީނުގެއަށް ޑީސަލް ސަޕްލައިކޮށްދިނުމަށް ހުށަހެޅި ހުށަހެޅުމެއްކަމުން އިންޖީނުގެއިން އެ ހުށަހެޅުން ޤަބޫލުކުރުމުން، އެއީ ދެފަރާތުންވާ އެއްބަސްވުމެއްކަމުގައި ޤަބޫލުކުރެވުމުގެ ޖާގަ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ)ގެ ދަށުން ލިބިދޭތީ، އެދުވަސްވަރު ލ.އިސްދޫކަލައިދޫ އޮފީސް ހިންގުމާ ޙަވާލުވެހުރި ލ.އިސްދޫ /ހިޔާވަހި، މުޙައްމަދު ރަފީޢުއާއި ލ.އިސްދޫކަލައިދޫ ކުރީގެ ކަތީބު ލ.އިސްދޫ /ކޯޒީހައުސް، ޢަލީ ޔޫސުފް، އޮފީސް ހިންގުމާ ޙަވާލުވެހުރި ވެރިއެއްގެ ގޮތުން އަދި ރކ.ކޮމެޓީގެ ރައީސްގެ ހައިސިއްޔަތުން ލ.އިސްދޫކަލައިދޫ އިންޖީނުގެއަށް ބޭނުންވާ ޑީސަލް ސަޕްލައިކުރި ފަރާތުން ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދެއްކުމުގައި، ޑީސަލް ސަޕްލައިކުރި ފަރާތުން އެސް.ޓީ.އޯއިން ތެޔޮ ގަތް ބިލްތައް އޮފީހަށް ގެނެސްގެން، ތެޔޮ ގަނެފައިވަނީ ކިހާ ވަރަކަށްކަން ޔަޤީން ނުކޮށް، ފައިސާ ދޫކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަމަށް ފެންނާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ލ.އިސްދޫކަލައިދޫ އޮފީހުގެ ކުރީގެ ކަތީބު ލ.އިސްދޫ /ހިޔާވަހި، މުޙައްމަދު ރަފީޢުއާއި ލ.އިސްދޫކަލައިދޫ ކުރީގެ ކަތީބު ލ.އިސްދޫ /ކޯޒީހައުސް، ޢަލީ ޔޫސުފް ގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×