މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް ބޭނުންވާ ލައިބްރަރީ ފޮތްތައް ހޯދުމުގެ މަސައްކަތް ޙަވާލުކުރުމުގައި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ޢަމަލުކޮށްފައިވާތީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރޖެނެރަލް، މއ.އިސްޕަންޖުގެ ޢަބްދުއްސަމީޢު ޙަސަންގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

17 Sep 2014

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ސްކޫލުތަކަށް ބޭނުންވާ ލައިބްރަރީ ފޮތްތައް ހޯދުމަށް އިޢުލާނުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ ޚިލާފަށް ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤު ކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގެ ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ ބާބު 8ގެ 8.15 ވަނަ މާއްދާގެ (ހ) ގައި، އެއްފަހަރާ ގަންނަންޖެހޭ ތަކެތީގެ ޖުމުލަ އަގު 25,000/- (ފަންސަވީސްހާސް) ރުފިޔާއަށްވުރެ ބޮޑުވާނަމަ އެތަކެތި ގަންނަންވާނީ ޢާންމުކޮށް ޢިއުލާނުކޮށްގެން ލިބޭ އަންދާސީ ހިސާބުތައް ބަލައިގެންކަމަށް ބަޔާން ކޮށްފައިވާއިރު، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 15 ގެ 40 ވަނަ މާއްދާގެ (ށ) ގައި، ޓެންޑަރަށް ހުޅުވާލާ އިޢުލާނުތައް ކުރަންވާނީ ސަރުކާރުން ޕްރޮކިއުމެންޓްގެ އިޢުލާނުތައް ކުރުމަށް ހަމަޖައްސާ ވެބްސައިޓެއްގައި ހިމަނައިގެން؛ އަދި ޚިދުމަތް ލިބިގަންނަ ސަރުކާރުގެ އިދާރާގެ ނޯޓިސް ބޯޑުގައި ނުވަތަ އެފަދަ އިޢުލާނުތައް ކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓައިގެންކަމަށް ބަޔާންކޮށްފައިވާއިރު،

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކަށް ބޭނުންވާ ލައިބްރަރީ ފޮތްތައް ހޯދުމަށް 23 އޮކްޓޯބަރ 2011 ގައި ކުރި އިޢުލާނުގައިވާ ތަކެއްޗަކީ، 25,000.00 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ ގިނަޢަދަދެއްގެ ތަކެތިކަމަށް ވީ ނަމަވެސް، އެ އިޢުލާނު ގެޒެޓްގައި ޝާއިޢުނުކޮށް، އިޢުލާނު އާއްމުކޮށްފައިވަނީ ހަމައެކަނި މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ބަހައްޓައިގެންކަމަށް ތަޙްޤީޤަށް ސާބިތުވާތީއާއި،

ސަރުކާރުގެ އިދާރާތަކުން އާއްމުކޮށް ޢަމަލުކުރަމުން ގެންދާ އުޞޫލް (General Rule/ Best Practice) އަކީ އެއްފަހަރާ ގަންނަންޖެހޭ ތަކެތީގެ ޖުމުލަ އަގު 25,000/- (ފަންސަވީސްހާސް) ރުފިޔާއަށްވުރެ ބޮޑުވާނަމަ އެތަކެތި ގަތުމަށްޓަކައި ކުރާ އިޢުލާނު، އާއްމުކޮށް ފެންނާނޭހެން ގެޒެޓްގައި ޝާއިއުކުރުންކަމަށް ވާތީއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކަށް ބޭނުންވާ ލައިބްރަރީ ފޮތްތައް ހޯދުމަށް 23 އޮކްޓޯބަރ 2011 ގައި ކުރި އިޢުލާނު ގެޒެޓްގައި ޝާޢިއުކޮށްފައި ނުވާތީ، ދައުލަތުން ޢާއްމުކޮށް އިޢުލާންތައް ޝާއިޢުކުރަމުންދާ ސަރުކާރުގެ ގެޒެޓް ބަލައިގެން އެކިފަރާތްތަކަށް ބިޑުހުށަހަޅާފަރާތްތަކަށް، އެ ޢިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވާތީއާއި،

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކަށް ބޭނުންވާ ލައިބްރަރީ ފޮތްތައް ހޯދުމަށް 23 އޮކްޓޯބަރ 2011 ގައި ކުރި އިޢުލާނާ ގުޅިގެން ބިޑުހުށަހެޅިފަރާތްތަކަށް ބަލާއިރު، ބިޑުހުށަހެޅި ތިންފަރާތަކީ، ގުޅިގެން އެއްފަރާތަކަށް ބިޑުކާމިޔާބުކޮށްދިނުމަށް ބިޑުހުށަހެޅި ފަރާތްތަކެއްކަމާއި، ބިޑުހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްފަރާތަކީ އަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރޮކިޔުމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލް އަބްދުއްސަމީޢު ޙަސަންގެ ޝެއަރއެއް ކުރިންއޮތް ކުންފުންޏެއްކަމުންނާއި، ބިޑް ކާމިޔާބުކުރި ފަރާތާ ނުވަތަ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ ގުޅުމެއް ނެތްކަމަށް އެ ދެފަރާތުން ތަޙްޤީޤުގައި ބުނެފައިވީނަމަވެސް، ބިޑް ކާމިޔާބުކުރި ފަރާތުގެ މެއިލިންގ އެޑްރެހަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދީފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރޮކިޔުމެންޓް ޑިޕާޓްމަންޓްގެ އިސްވެރިޔަކަށް މިހާރު ހުރި، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަބްދުއް ސަމީޢު ޙަސަންގެ ދާއިމީ އެޑްރެސްކަމަށްވާ މއ.އިސްޕަންޖުގެކަމާއި، ބިޑް ކާމިޔާބުކުރި ފަރާތުގެ ދެ ޗެކަކުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުއްސަމީޢު ޙަސަންއަށް ދެ ފަހަރެއްގެ މަތިން ފައިސާ ދީފައިވާކަން ތަޙްޤީޤަށް ސާބިތުވާތީ،

މި މައްސަލާގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މި މައްސަލާގައި ޢަމަލުކޮށްފައިވާގޮތުން ޢަބްދުއްސަމީޢު ޙަސަން ކަނޑައެޅިގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭތީއާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ ޚިލާފަށް ބިޑަށް ހުޅުވާލައި އަދި ގުޅިފައިވާ ކުންފުނިތަކުން ބިޑް ހުށަހެޅުމުން ޢަބްދުއްސަމީޢު ޙަސަންއާ ގުޅުންހުރިފަރާތަކަށް މަސައްކަތް ޙަވާލުކޮށްފައިވާކަން އެނގޭތީ، ޤާނޫނު ނަންބަރު 2008/13 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 02ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރޮކިޔުމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލް، މއ.އިސްޕަންޖުގެ އަބްދުއްސަމީޢު ޙަސަންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލުތަކަށް ބޭނުންވާ ލައިބްރަރީ ފޮތްތައް ހޯދުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ކުރި އިޢުލާނާ ގުޅިގެން އެކަމަށް ކުރިމަތިލި ތިންފަރާތުގެތެރެއިން ބިޑް ކާމިޔާބުކުރި ކުންފުނި ފިޔަވައި އަނެއް ދެފަރާތުގެ ތެރެއިން އެއްފަރާތަކުން ބިޑް ހުށަހެޅުމަށް ޙާޟިރުވެފައިވަނީ ބިޑް ކާމިޔާބުކުރި ކުންފުނީގެ އެއްހިއްސާދާރަށްވެފައި، އަދި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ އަންހެނުން ކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ސާބިތުވާތީއާއި، ބިޑްހުށަހެޅި ތިންވަނަ ފަރާތުން ބިޑް ހުށަހެޅީ ބިޑް ކާމިޔާބުކުރި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބުނެގެންކަމަށާއި، އެގޮތަށް އޭނާ ބުނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.19 (ބ) ގައި މަދުވެގެން ތިން ފަރާތަކުން އަންދާސީ ހިސާބު ހުށަނާޅާނަމަ، ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް އަލުން އިޢުލާނުކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީކަމަށާއި އެހެންކަމުން މިކަމަކީ ތިން ފަރާތް ހަމަކުރުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއްކަމަށް ތަޙްޤީޤަށް ސާބިތުވާތީ، މިއީ މިތިންފަރާތް ގުޅިގެން ވަކި ފަރާތަކަށް މަސައްކަތް ލިބޭނެގޮތަށް ރާވައިގެން އެއިން ކޮންމެފަރާތަކުން ހުށަހަޅާ ބިޑަކީ، އެއްފަރާތް އަނެއްފަރާތާއި ނުގުޅި ހުށަހެޅި ސައްހަ ބިޑެއްގެ ގޮތުގައި ޤަބޫލުކުރުވުމަށް ހިންގައިފައިވާ އަމަލެއްކަމަށް ބެލެވޭތީ، މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 8 ގެ 8.46 އާއި، ބާބު 15 ގެ 67 ވަނަ މާއްދާ ގައިވާގޮތުގެމަތީން، ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށްވާތީ އެފަރާތްތަކާމެދު މާއްލިޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވަނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×