ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އާދަމް މުޙައްމަދު ޢަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލައެއް އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެޖެންޑާ ނުކުރިކަމަށް ބުނާ މައްސަލައާގުޅޭ

23 Oct 2014

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އާދަމް މުޙައްމަދު ޢަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަ އެ ކޮމިޝަންގެ މެމްބަރަކު ހުށަހެޅުއްވުމުން، އެ ކޮމިޝަނުގެ ރައީސް އާދަމް މުޙައްމަދު ޢަބްދުﷲގެ ބާރާއި ނުފޫޒް ނާޖާއިޒް ގޮތުގައި ބޭނުންކޮށް އެ މައްސަލަ އެޖެންޑާނުކުރިކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ނިންމިގޮތް ތިރީގައި މިވަނީއެވެ.

 

މިމައްސަލައިގައި މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމު ހުސްވެއްޖެކަމަށް ބެލެވޭނީ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ހުސްވެއްޖެކަމަށް ބެލެވޭ ޙާލަތެއް ކުރިމަތިވުމުން ނުވަތަ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަމިއްލައަށް އެމަޤާމުން އިސްތިޢުފާދިނުމުންކަމަށް ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ އެއްވެސް މާއްދާއެއްގައި މުސްތަޤިއްލު އެހެނިހެން ކޮމިޝަންތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް އެކޮމިޝަންގެ މެމްބަރުންގެ އަޢްލަބިއްޔަތުން ފާސްކޮށްގެން ކޮމިޝަންގެ ރައީސް ނުވަތަ ނާއިބުރައީސްގެ މަޤާމުން ވަކިކުރެވޭނެކަމަށް ބަޔާންކޮށްފާއިނުވާތީއާއި،

 

ވަކި މަޤާމެއްގައި ހުރި ފަރާތެއް ވަކިކުރެވޭނެގޮތް އެމުއައްސަސާއެއްގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތުގައި ޢަމަލުކުރަންޖެހޭނީ އެ ޤާނޫނަށްކަމުގައިވާތީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެޖެންޑާކޮށްދިނުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރ ޝުޢައިބް ޢަބްދުއްރަޙްމާން ހުށަހަޅާފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ނ) އާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ށ) ން ތަންނުދޭކަމަކަށް ވީހިނދު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އެ މައްސަލަ އެޖެންޑާކޮށްނުދިނުމަކީ މައްސަލައެއްކަމަށް ނުބެލެވޭތީ، މިމައްސަލައިގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ދަށުން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×