ދިވެހިރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމާއި އަދި މީގެ އިތުރުން ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގާ ތަފާތު މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު 30 އޮކްޓޫބަރު 2014ގައި ހަމަވިއިރު މި އިނާމަށް ކުރިމަތިލާފައިވަނީ ދައުލަތުގެ މުއައްސަސާ ކެޓަގަރީއިން 2 ފަރާތަކުންނާއި، ޖަމިއްޔާ ޖަމާޢަތްތަކުގެ ކެޓަގަރީއިން 1 ފަރާތުންނާއި، އަދި ވަކިވަކި ފަރުދުންގެ ކެޓަގަރީއިން 3 ފަރާތަކުނެވެ. ވިޔަފާރި ކެޓަގަރީއިން އެއްވެސް ފަރާތެއް އިނާމަށް ކުރިމަތިލާފައެއްނުވެއެވެ.
ހުށަހަޅާފައިވާ ފަރާތްތައް އިވެލުއޭޓްކުރުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތަށް %15، އެ ޙަރަކާތްތަކުގެ ނުވަތަ މަސައްކަތުގެ ނަތީޖާ ނެރެވިފައިވާ މިންވަރަށް %15، އެފަރާތަކުންކޮށްފައިވާ މަސައްކަތުގެ އިފެކްޓިވްނަސް ނުވަތަ އަސަރު ފޯރާފައިވާ މިންވަރަށް %20، އިޖާދީ މަސައްކަތްތަކަށް (އިނޮވޭޓިވްނަސްއަށް) %20 އެވެ. މީގެ އިތުރުން ހިންގާފައިވާ ޙަރަކާތަަކީ ނުވަތަ މަސައްކަތަކީ ނަމޫނާއެއްގެ ގޮތުގައި ބެލޭނަމަ %10، ޙަރަކާތުގެ މުއްދަތަށް %10، އަދި އިންޓަރވިޔުއަށް %10 އާއެކު ޖުމްލަ %100 އެވެ. މި ކަންތައްތައް ބެލުމުގައި ބަރޯސާވާނީ ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށެވެ. ވެރިފައިކުރުމުގެ ޕްރޮސެސްގައި ރިފަރެންސް ދީފައިވާ ފަރާތްތަކާއި ބައްދަލުކޮށް އިންޓަރވިޔު ކުރުމާއި މުއައްސަސާތަކުން ހަށަހަޅާފައިވާ ކަންތައްތައް ބެލުމަށް އެތަންތަނަށް ޒިޔާރަތްކުރުންވެސް ހިމެނެއެވެ.
އިނާމު ލިބޭނީ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެ ކެޓަގަރީއަކުން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތަކަށެވެ. އަދި އެ ފަރާތަކަށް މަދުވެގެން %70 ލިބިގެންނެވެ.
ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ހޮވޭ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 9 ޑިސެމްބަރު 2014 ގައި ބޭއްވޭ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޚާއްޞަ ޖަލްސާގައެވެ. މިޖަލްސާ އަދި އެދުވަހާއި ގުޅޭ ގިނަ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.