މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި މަސައްކަތް ކުރާ ކިޔަވައިދިނުމާ ސީދާ ގުޅުންހުރި މުވައްޒަފުންނަށް ސިވިލް ސަރވިސްގެ އޮނިގަނޑާ ޚިލާފަށް 12.3 މިލިއަން ރުފިޔާގެ ބޯނަސްގެ ގޮތުގައި ދީފައިވާކަމަށް ބުނެ 02 ފެބުރުވަރީ 2012 ގައި ނެރެފައިވާ 2010 ވަނަ އަހަރުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގެ ތަޙްޤީޤަށް ފަހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކިޔަވައިދިނުމާ ސީދާ ގުޅުންހުރި މުވައްޒަފުންނަށް 2009 ވަނަ އަހަރުގެ ފުރަތަމަ ޓާމްގައި ދީފައިވާ ބޯނަސް ފައިސާ ދީފައިވަނީ، 2008 ވަނަ ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިދިން އުޞޫލެއްގެ ދަށުން ކަމަށްވެފައި، 2008 ވަނަ އަހަރުގެ ދެވަނަ ޓާމުން ފެށިގެން އެފައިސާ ދެވިފައިވާކަމަށާއި، 2009 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު މުވައްޒަފުންގެ ބޯނަސް ފައިސާވެސް ބަޖެޓްގައި ހިމެނިފައިވާ ކަމަށާއި، 01 ފެބުރުވަރީ 2009 އިން ފެށިގެން ސިވިލް ސަރވިސްގެ އާ އޮނިގަނޑަށް ޢަމަލުކުރަން ފެށުމާ ގުޅިގެން މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އެހެނިހެން ޢިނާޔަތްތައް އަލުން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައެޅިކަމަށާއި، އެ އެލަވަންސްތަކުގެ ތެރޭގައި ބޯނަސް ފައިސާ ހިމެނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހުށަހަޅާފައިނުވަނީ ބޯނަސް ފައިސާއަކީ މަހުންމަހަށް ލިބޭ އެލަވަންސެއްގެ ގޮތުގައި މާނަނުކުރެވޭތީ ކަމަށާއި، އަދި އެއީ ހުރިހާ މުވައްޒަފުންނަށް ލިބޭ ޢިނާޔަތެއްކަމުގައި ނުވާތީ ކަމަށާއި، ނަމަވެސް 2009 ވަނަ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން އެއަހަރުގެ މެއިމަހުގެ ތެރޭގައި ނިމުމާ ގުޅިގެން ބޯނަސް ޙައްޤުވާ މުދައްރިސުންނަށް ގަވާއިދުން ބޯނަސް ފައިސާ ސްކޫލްތަކުން ދިނީ ބޯނަސް ފައިސާ ދިނުން ހުއްޓާލުމަށް އަންގާފައިނުވާތީކަމަށާއި، ސިވިލް ސަރވިސް މުވައްޒަފުންގެ އެލަވަންސްތައް ޢާންމުކޮށް ނެރުނުނަމަވެސް އެ މިނިސްޓްރީން ކުރިން ހުއްދަ ލިބިގެން ދެމުންއައި ބޯނަސް ނޫން ބައެއް ޢިނާޔަތްތައްވެސް ދެމުންދިޔަ ކަމަށާއި، ބޯނަސް ފައިސާއަކީ ކުރިން ސިވިލް ސަރވިސް ކޮމިޝަނުން ހުއްދަދީގެން ދެވެމުން ދިޔަ އެއްޗެއް ކަމަށްވާތީ އިތުރަށް ސިވިލް ސަރވިސްގެ ގަވާއިދެއް ނެރުމުން އޮޓޮމެޓިކުން ކެންސަލްވެގެން ދާނެކަމަށް ލަފާކުރެވިފައިނުވީތީކަމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 16 އޮގަސްޓް 2011 ގައި ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ރިޕޯޓުގައި ބުނެފައިވާތީއާއި، އެކަން ހިނގާފައިވަނީ އެގޮތަށް ކަމަށް މައްސަލައިގެ ތަޙްޤީޤުގައި ސުވާލުކުރެވުނު ފަރާތްތަކުންވެސް ބުނެފައިވާތީއާއި، ބޯނަސް ފައިސާ ދީފައިވަނީ ވަކި ސްކޫލެއްގެ ވަކި މުދައްރިސަކަށް ނުވަތަ ވަކި މުދައްރިސުންތަކަކަށް ކަމުގައި ނުވާތީ، މިކަމަކީ ވަކިފަރާތަކަށް ނުވަތަ ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްޓަކައި ކޮށްފައިވާ ކަމެއްކަމަށް ބެލެވެން ނެތަތީ، މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ.