ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މަސްތަކެއް ލ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ބަދަލުކޮށްފައިވާކަމަށް ބުނާ މައްސަލައާގުޅޭ

09 Nov 2014

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ މަސްތަކެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ލ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ބަދަލުކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި، އެގޮތުން އެކަން ކޮށްފައިވަނީ، އެމަސްތައް ހަލާކުވެފައިވާތީކަމަށް ހަދައިގެން ކަމަށާއި، މާންދޫގައި އެ މަސްތައް ރައްކާކުރުމަށް 8 ދުވަހަށް 120,000/- ޔޫ.އެސް ޑޮލަރު ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއިން މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ދީފައިވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގައި މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް އަށް 2012 ވަނަ އަހަރުގެ ތެރޭގައި ގަނެފައިވާ ރޯމަހުގެ ތެރެއިން 1100 ޓަނުގެ މަސް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް ގެ ދަށުން ލ.މާންދޫގައި ހިންގާ މަސް ފެކްޓަރީގެ ކޯލްޑްސްޓޯރަށް ބަދަލުކޮށްފައިވަނީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް ބޯޑުން ރިޒޮލިއުޝަނެއް ފާސްކުރުމަށްފަހު، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއެކު އެގްރިމެންޓެއްގައި ސޮއިކުރުމަށްފަހުގައި ކަމަށްވާތީއާއި،

2012 ވަނަ އަހަރުގެ އެދުވަސްވަރަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ރަނގަޅުވި ދުވަސްވަރަކަށް ވެފައި، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގައި މަސް ސްޓޯކުރާ ކެޕޭސިޓީ ފުރި އިތުރަށް މަސް ނުގަނެވުމުގެ ފުރުސަތު އޮތުމުންނާއި، މަސްބޭރުކުރާ ކެރިއަރ ބޯޓުތަކަށް ޑިމާންޑް ބޮޑުވެ ރާއްޖެއިން ބޭރުން ބޯޓެއް ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީއާއި، ކުންފުނީގެ ވިސްނުމަކީ ސަރުކާރުގެ މަސްކުންފުނީގެ ހައިސިއްޔަތުން ކޮންމެ ހާލަތެއް މެދުވެރިވިނަމަވެސް ރާއްޖޭގެ މަސްވެރިން ގެންނަ ހުރިހާ މަހެއް އެ ކުންފުންޏަށް ގަތުންކަމުގައިވާތީއާއި، ކުންފުންޏަށް އިތުރަށް ގަންނަންޖެހުނު މަސް ރައްކާކުރެވޭނެ އެންމެ ރަގަޅު އޮފްޝަން ތައް ކުންފުނީގެ މެނޭޖްމެންޓުން ބަލާފައިވާތީއާއި،

އެގްރިމެންޓްގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ އިތުރަށް 400 ޓަނުގެ މަސް ލ.މާންދޫއަށް ގެންގޮސްފައިވަނީ މަސްވެރިކަން ރަނގަޅުވެ ކުރިން ލަފާކުރި އަދަދަށްވުރެ އިތުރަށް ގއ.ކޫއްޑޫއަށް މަސްގަންނަންޖެހުމުގެ ސަބަބުން ކަމަށްވާތީއާއި، އެއްބަސްވެފައިވާ މުއްދަތަށްވުރެ އިތުރަށް ލ.މާންދޫގެ ކޯލްޑްސްޓޯރު ބޭނުންކުރި ދުވަސްތަކަށް ޖޫރިމަނާއި ކޯލްޑްސްޓޯރު ކުލި ދައްކަންޖެހުނީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުން ޗާޓަރުކޮށްގެން ގެނައި ކެރިއަރ ބޯޓްގެ އިންޖީނު ހަލާކުވެގެން ރާއްޖެއައުން ލަސްވުމުން ކަމަށްވެފައި، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުން ދައްކަންޖެހުނު އަދަދަށްވުރެ ބޮޑު އަދަދައެއް ބޯޓް ޗާޓަރުކުރި ކުންފުނިން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑަށް ލިބިފައިވާތީއާއި،

މީގެކުރިން، މިފްކޯގެ ދަށުން ގއ.ކޫއްޑޫ ހިނގަމުންއައި އިރުވެސް ރާއްޖެއަށް މަސްވެރިކަން ރަގަނޅުވާ ދުވަސްވަރު އެ ކުންފުންޏަށް ގަންނަ މަސް އެހެން ކުންފުނިތަކުގެ ސްޓޯރޭޖްތަކުގައި ރައްކާކޮށްފައިވާތީ، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުން ލ.މާންދޫއަށް މަސް ބަދަލުކުރަން ނިންމާފައިވަނީ ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭތީ، މިމައްސަލައިގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިމައްސަލަ ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×