މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ކުރިންހުރި، ސ.ހިތަދޫ /އާޒާދީގޭ، ޢަލީ ޞާލިހުގެ މައްޗަށް، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި ފޮނުވައިފި

01 Dec 2014

ދަނޑުވެރިކަމާއި މަސްވެރިކަމާއި އަދި މިކަންކަމާ ގުޅުންހުރިކަންތައްތައް ކުރުމަށްޓަކައި، ގއ.ލޮނުދޫއާއި، ހއ.މުލިދޫއާއި، ނ.އޮރިމަސްވަރުއާއި، ނ.ކުރަމާދޫއާއި، ގދ.ކޮޑާނަހުއްޓާ މި 5 ރަށް 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދޫކުރުމަށް ބޭނުންވާތީ، އެކަމަށްއެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ކޮށްފައިވާ އިޢުލާނާ ގުޅިގެން، ބޭއްވުނު ނ.ކުރަމާދޫގެ ޕްރީބިޑް މީޓިންގގައި ބައިވެރިވި ފަރާތްތަކަށް ދޫކުރި މަޢުލޫމާތު ކަރުދާހުގެ 23 ވަނަ ޕޮއިންޓްގައި، ޕްރޮޕޯސަލާއެކު 3 މަސްދުވަހުގެ ބޭންކް ގެރެންޓީ ހުށަހަޅަންޖެހޭނެ ކަމަށާއި، އަދި އެގެރެންޓީގެ ޢަދަދަކަށްވާންވާނީ ހުށަހަޅާކުލީގެ އެވްރެޖްގެ 2 އަހަރަށްވާ އަދަދުކަމަށް ބުނެފައިވާކަމަށާއި، މިގޮތަށް އެ ޕޮއިންޓްގައި ލިޔެފައި އޮތްއިރު، ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑިއަކީ އެކަށީގެންވާ ވަރަށްވުރެ ކުރު މުއްދަތެއްކަން ފާހަގަކުރެވޭކަމަށާއި، އަދި މިކަން މިގޮތަށްކޮށްފައިއެވަނީ ކަނޑައެޅިގެން ވަކިބަޔަކަށް މިރަށް ދިނުމުގެ ބޭނުމުގައިކަމަށް ބުނެ ހުށަހެޅި މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު މައްސަލަ ނިންމި ގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައާގުޅިގެން މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ނ.ކުރަމާދޫ ކުއްޔަށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ކޮށްފައިވާ އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގެ 44 ވަނަ މާއްދާގެ ބ.1 ގައިވާ ގޮތުގެ މަތިންއެފަދަ ކަމަކަށްދެވޭނެ އެންމެ ކުރުމުއްދަތުކަމަށް ވުމާއެކު އެ އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތުއެއީ އެ ގަވާއިދާ އެއްގޮތަށް ދީފައިވާ މުއްދަތަކަށްވާތީ، މިކަމުގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތެވެ.

ނަމަވެސް މިމައްސަލައިގެ ތަޙްޤީޤަށް އިތުރަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ނ.ކުރަމާދޫ އަށް ހުށަހެޅުނު ޕްރޮޕޯސަލް ބަލައިގަތުމުގައި ޢަމަލުކުރުމަށް މަޢުލޫމާތު ކަރުދާހުގައި ބުނެފައިވާ އުޞޫލުތަކާ ޚިލާފަށް އެއް ޕްރޮޕޯސަލް ބަލައިގަނެފައިވާ ކަންފާހަގަކުރެވިފައިވާކަމާއި، އެގޮތުން އެޕްރޮޕޯސަލް ބަލައިގަނެ ޗެކްލިސްޓްގައި ސޮއިކޮށްފައިވަނީ، ޕްރޮޕޯސަލްއާއެކު ކުންފުނީގެ އަސާސީ ގަވާއިދު ހިމެނިފައިވާކަމަށާއި ކުންފުނި އުފެދުމުގެ މަޤްޞަދުގެ ތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތް ހިމެނިފައިވާކަމަށް، އޭރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޢަލީ ޞާލިޙް ބުނުމުންކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީއާއި،

ކުންފުނީގެ އަސާސީ ގަވާއިދު އެއީ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައެއްކަމުގައި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާއިރު، އިވެލުއޭޝަން ކޮމިޓީގައި އެ ޕްރޮޕޯސަލް އިވެލުއޭޓް ކުރި ގަޑީގައި އަސާސީ ގަވާއިދުގެ 1 އިން 7 ވަނަ މާއްދާއަށްވާ ބައި މަދުކަން ފާހަގަކުރެވިގެން އެކަން އޭރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި އޭރު ހުރި ޢަލީ ޞާލިޙްގެ ސަމާލުކަމަށް ގެނެސްފައިވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީއާއި،

ކުރިން ދެންނެވުނު ޕްރޮޕޯސަލްއާއެކު ހުށަހަޅާފައިވާ ކުންފުނީގެ އަސާސީ ގަވާއިދު އެއީ ޕްރޮޕޯސަލް ހުށަހެޅިއިރު އޭގައި އޮތް ލިޔުމެއް ނޫންކަމާއި، އެލިޔުން ހުށަހަޅާފައިނުވާކަން ފަހުން އެނގުނުހިނދު އެ ޕްރޮޕޯސަލް ބާޠިލް ކުރުމުގެ ބަދަލުގައި ކުންފުނީގެ އަސާސީ ގަވާއިދު އެޕްރޮޕޯސަލްގައި ފަހުން ހިމަނާފައިވަނީ، ޢަލީ ޞާލިޙު ޕްރޮޕޯސަލް ހުށަހެޅި ފަރާތާއި ބައްދަލު ކުރުމަށްފަހުގައިކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވުމާއި، ޕްރޮޕޯސަލް ބާޠިލްކުރުމުގެ ބަދަލުގައި އެ ލިޔުން ޕްރޮޕޯސަލްގައި ހިމަނާފައިއެވަނީ ޢަލީ ޞާލިޙު ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ގޮތުންކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 02ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި، މިމައްސަލައިގައި ސ.ހިތަދޫ /އާޒާދީގޭ، ޢަލީ ޞާލިހުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×