ރ.މަޑުއްވަރީ ކުރީގެ ކުޑަކަތީބު، އިސްމާޢީލް ރަޝީދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި ފޮނުވައިފި

02 Dec 2014

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ޤަބްރުސްތާނުގެ ވަށާފާރުގައި ސިމެންތިޖެހުމާއި ކުލަލުމާއި ގޭޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މަޑުއްވަރީ އޮފީހުން 3 ފަހަރެއްގެ މަތިން އިޢުލާން ކޮށް، އޭގެތެރެއިން އެންމެފަހުން ކުރި އިޢުލާނާ ގުޅިގެން، އެސްޓިމޭޓް ހުށަހަޅާފައިވަނީ 3 ފަރާތަކުން ކަމަށާއި، މިފަހަރުވެސް މަޑުއްވަރީ އޮފީހުން އިޢުލާނު ބާޠިލްކުރި ކަމަށާއި، އަދި ކްލަބް ޖަމިޢިއްޔާ ޖަމާޢައްތަކާއި މަޝްވަރާކޮށްގެން އެފަރާތްތަކުގެ ބައިވެރިވުމާއި އެކު މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށާއި، އެއީ ފަންޑުދިން ފަރާތްތަކުން އެގޮތަށް އެމަސައްކަތް ކުރުވުމަށް ހުށަހަޅައި ފަންޑު ދެއްވާފައިވާތީ ކަމަށާއި، މިފަދަގޮތަކަށް ފަންޑު ލިބިފައި އޮތްއިރު މި ހުރިހައި އިޢުލާނެއްކޮށް އެސްޓިމޭޓްތައް ހޯދައިގެން އެންމެފަހުން މިގޮތަށް ޖަވާބު ދިނުމުން ދޭހަވަނީ، އެސްޓިމޭޓްލީ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ވަކި ޖަމްޢިއްޔާއަކަށް، މި މަސައްކަތް ދޭންނިންމީ ކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

 1. މިމަސައްލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ޤަބްރުސްތާނުގެ ވަށާފާރުގައި ސިމެންތިޖެހުމާއި ކުލަލުމާއި ގޭޓް ހެދުމުގެ މަސައްކަތް (ތިންވަނަ ފިޔަވަހި) އަށް ފަންޑުދިން ފަރާތުން އެރަށުގެ ކުލަބު ޖަމްޢިއްޔާ ޖަމާއަތަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރުމަށް ޝަރުތުކޮށްފައިވާކަމަށް ރ.މަޑުއްވަރީ އޮފީހުން ބުނިނަމަވެސް، އެމަސައްކަތަށް ފަންޑު ދީފައިވާ އުތުރު ޕްރޮވިންސް އޮފީހުން އެރަށުގެ ކުލަބު ޖަމްޢިއްޔާ ޖަމާއަތަކާ އެމަސައްކަތް އިޢުލާންކުރުމަކާނުލާ ޙަވާލުކުރުމަށް އަންގާފައިނުވާތީ އާއި،

2. ތިންވަނަ ފިޔަވަހީގެ މަސައްކަތް ޙަވާލުކުރުމަށް ހަތަރުފަހަރުމަތިން އިޢުލާން ކުރުމަށްފަހު އެ އިޢުލާންތައް ބާޠިލުކޮށް، އިތުރު އިޢުލާނަކާނުލާ އެ މަސައްކަތް ރ.މަޑުއްވަރީ ޖަމްޢިއްޔާ އަކާ ޙަވާލުކޮށްފައިވަނީ، ފުރަތަމަ ފިޔަވަހީގެ މަސައްކަތްކުރީ އެހެން ފަރާތަކުން ކަމަށްވެފައި، ދެވަނަ ފިޔަވަހީގެ މަސައްކަތް ކޮށްފައިވަނީ ފުރަތަމަ ފިޔަވަހީގައި ޙަވާލުކުރެވުނު ފަރާތާއި، 03 ވަނަ ފިޔަވަހީގައި ޙަވާލުކުރެވުނު ފަރާތާ ގުޅިގެން ކަމަށްވަތީ އެދެފަރާތް ހަމަހަމަ ކުރުމުގެ ގޮތުން ކަމަށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ބުނެފައިވީނަމަވެސް، ކައުންސިލްގެ އިދާރާގެ އެ ނިންމުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.15 ގެ (ށ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމަކަށް ވާތީއާއި،

3. ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ކުރި ތިންވަނަ އިޢުލާނުގައި ގޭޓް ހެދުމާއި ޤަބުރުސްތާނުގެ ވަށާފާރުގައި ސިމެންތިޖެހުމާއި ކުލަލުމުގެ މަސައްކަތް ވަކިވަކިން ހަވާލުކުރެވޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައި ނުވާއިރު މިދެ މަސައްކަތް ވަކި ދެފަރާތަކާ ހަވާލުކޮށްފައި ވާތީއާއި، އޭގެރެތެއިން ވަށާފާރުގައި ސިމެންތިޖެހުމާއި ކުލަލުމުގެ މަސައްކަތަށް މަސައްކަތް ޙަވާލުކުރެވުނު ފަރާތުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާއިރު އެ ޖަމްޢިއްޔާއާއި އެ މަސައްކަތް ހަވާލުކުރުމަށް އެއްބަސްވުން ހަދާފައިވާތީއާއި،

4. ހަތަރުވަނަ އިޢުލާނުގެ ދަށުން އަންދާސީ ހިސާބު ހުށަހަޅާފައިވާ ތިންފަރާތުގެ ތެރެއިން ދެފަރާތަކުން މަސައްކަތް ޙަވާލުކުރެވުނު ފަރާތަށްވުރެ ކުޑަ އެގެއް ހުށަހަޅާފައިވަނިކޮށް، އޮފީހުން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާކަމަށް އެފަރާތްތަކަށް އެންގުމަށްފަހު، އެ އިޢުލާންވެސް ބާތިލުކޮށް އެންމެ ބޮޑު އަގު ހަށަހަޅާފައިވާ ފަރާތާ މަސައްކަތް ހަވާލުކޮށްފައިވާތީއާއި،

5. އެފަރާތާ މަސައްކަތް ޙަވާލުކޮށްފައިވަނީ އެރަށުގެ އެހެން ޖަމްޢިއްޔާ ޖަމާއަތްތަކާއި މަޝްވަރާކުރުމަށް ފަހު ކަމަށް މަޑުއްވަރީ އޮފީހުން ބުނެފައިވީނަމަވެސް، މަސައްކަތް ޙަވާލުކުރެވުނު ފަރާތް ފިޔަވައި އެހެން އެއްވެސް ފަރާތަކާ މަޑުއްވަރީ އޮފީހުގައި ބައްދަލުކޮށްފައިނުވާކަމަށް އޭރު މަޑުއްވަރީ އޮފީސް ހިންގުމުގެ އިތުރުން ޤަބުރުސްތާނުގެ މަސައްކަތާވެސް ޙަވާލުވެހުރި އެންމެ އިސްފަރާތުން ބުނެފައިވާތީއާއި، ތަޙުޤީގަށް ހޯދާފައިވާ ލިޔުންތަކުންނާއި ބަޔާންދީފައިވާ ފަރާތްތަކުގެ ބަޔާންތަކުން މަސައްކަތް ޙަވާލުކުރެވުނު ފަރާތް ފިޔަވައި އެހެން ފަރާތަކާ މަޝްވަރާކޮށްފައި ނުވާތީ، އެކަމަކީ އެފަރާތާ އެ މަސައްކަތް ހަވާލުކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަމަށް ތަހުޤީޤަށް ގަބޫލުކުރެވޭތީ،

6. މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ޤަބްރުސްތާނުގެ ތިންވަނަ ފިޔަވަހީގެ ދަށުން އެތަނުގެ ވަށާފާރުގައި ސިމެންތިޖެހުމާއި ކުލަލުމާއި ގޭޓް ހެދުމުގެ މަސައްކަތް ފަރާތަކާ ޙަވާލުކުރުމަށް ކުރި ހަތަރު އިޢުލާންވެސް ބާތިލުކުރުމަށްފަހު، އިތުރު އިޢުލާނަކާ ނުލައި އެންމެ ބޮޑު އަގު ހުށަހެޅި ފަރާތާ އެމަސައްކަތް ހަވާލުކޮށްފައިވަނީ އޭރުގެ ކުޑަކަތީބު، އިސްމާއިލް ރަޝީދު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް އެނގޭ މިންވަރަށް ތަހުޤީޤަށް ހެކިލިބިފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ރ.މަޑުއްވަރީ /ރިޔާޒު، އިސްމާއިލް ރަޝީދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނޫ ނަންބަރު 2000/2) ގެ 12 ވަނަމާއްދާގެ (ހ) ގެދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށާއި،

7. ޤަބްރުސްތާނުގެ ވަށާފާރުގައި ސިމެންތިޖެހުމާއި ކުލަލުމުގެ މަސައްކަތް ކުރުމަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް އެމަސައްކަތް ޙަވާލުކޮށްފައިވަނީ، ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެ ފައިދާ ނުލިބޭ ގޮތަށް ކަމަށްވާތީ، މިމައްސަލައިގައި ރ.މަޑުއްވަރީ /ރިޔާޒު، އިސްމާއިލް ރަޝީދުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާކުރުމަށްޓަކައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

8. އަދި މީގެއިތުރުން، ޤަބްރުސްތާނުގެ ވަށާފާރުގައި ސިމެންތިޖެހުމާއި ކުލަލުމުގެ މަސައްކަތް ކުރުމަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތާ އެ މަސައްކަތް ހަވާލުކޮށްފައިވުމުގެ ސަބަބުން ދައުލަތަށް މާލީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ރ.މަޑުއްވަރީ /ރިޔާޒު، އިސްމާޢީލް ރަޝީދުގެ އަތުން ހޯދުމުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×