ގދ.ކެރަމިއްތާ އާއި ގދ.މާރެހާ ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށްޓަކައި ކުރެވުނު އިޢުލާނާގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގައި، ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ޢަމަލުކޮށްފައިވާތީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އޭރުގެ ބިޑްކޮމިޓީގެ މެމްބަރުންގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވައިފި

03 Dec 2014

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ގދ. ކެރަމިއްތާ އާއި، ގދ. މާރެހާ އަދި ބ. އުނޑޫދޫ ކުއްޔަށް ދިނުމަށް ކުރި އިޢުލާނާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މިނިސްޓްރީން އަމަލުކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ގދ.ކެރަމިއްތާ އާއި ގ.މާރެހާ އަދި ބ.އުނޑޫދޫ ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް އިޢުލާން ކޮށްފައިވަނީ އެއް އިޢުލާނެއްގެ ދަށުންކަމާއި، ގދ.މާރެހާ އާއި ގދ.ކެރަމިއްތާ ކުއްޔަށްދީފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ އިދާރީ އޮނިގަނޑު (2010) ގެ 10 ވަނަ ނަންބަރުގައިވާ ފަދައިން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެންކަން އެނގޭކަމާއި،

ގދ.މާރެހާ ކުއްޔަށް ދިނުމަށް ކުރި އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ 03 ފަރާތަކުން ކަމާއި، އިވެލުއޭޝަން ކޮމިޓީން މިތިން ފަރާތަށް މާކުސް ދީފައިވީނަމަވެސް، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ބައިތަކަށް ރިޔާޢަތްކޮށް މިކޮމިޝަނުން ޕްރޮޕޯސަލްތަކުގެ ޝަރުތު ފުރިހަމަވޭތޯ ބެލިބެލުމުން، ގދ.މާރެހާއަށް ހުށަހަޅާފައިވާ 03 ޕްރޮޕޯސަލްވެސް ޝަރުތު ހަމަނުވާކަމާއި،

ގދ.ކެރަމިއްތާ ކުއްޔަށް ދިނުމަށް ކުރި އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ 05 ފަރާތަކުން ކަމާއި، އިވެލުއޭޝަން ކޮމިޓީން ޝަރުތު ހަމަވާކަމަށް ނިންމައި މާކުސް ދީފައިވަނީ އެންމެ ފަރާތަކަށްކަމަށް ވީނަމަވެސް، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ބައިތަކަށް ރިޔާޢަތްކޮށް މިކޮމިޝަނުން ޕްރޮޕޯސަލްތަކުގެ ޝަރުތު ފުރިހަމަވޭތޯ ބެލިބެލުމުން، ގދ.ކެރަމިއްތާއަށް ހުށަހަޅާފައިވާ 05 ޕްރޮޕޯސަލްވެސް ޝަރުތު ހަމަނުވާކަމާއި،

ގދ. ކެރަމިއްތާ އާއި ގދ. މާރެހާގެ ބިޑް ކާމިޔާބުކުރި ދެފަރާތާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވީނަމަވެސް، މިދެފަރާތުންވެސް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަކީ، މިކޮމިޝަނުން ބެލިބެލުމުން ޝަރުތު ފުރިހަމަނުވާ ދެޕްރޮޕޯސަލްކަމާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އިވެލުއޭޝަން ކޮމިޓީން މި ކަމުގައި ޢަމަލުކުރައްވާފައިވާގޮތުން ވަކިފަރާތްތަކަކަށް ނާޖާއިޒް ފައިދާއެއް ލިބިފައިވާކަން މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2008/13 އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ (ހ) ގެ 2 ވަނަ ނަންބަރުގައި ވާފަދައިން މިމައްސަލަ އަކީ ކޮރަޕްޝަމްގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ކަމުގައިވާ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، އާދަމް މަނިކު (މ.ސަމަރުބްލޫ /މާލެ) އާއި، އެމިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ، ޢަލީ ޢާމިރު (ދުނގެތިމާގެ ށ.ފޭދޫ) އާއި، އެމިނިސްޓްރީގެ އޭރުގެ ސީނިއަރ ލީގަލް އޮފިސަރ، ފަރީޝާ އާދަމް (ގ.ވަޒަންވެހި/މާލެ) އާއި، އެމިނިސްޓްރީގެ ސީނިއަރ ފީލްޑް އޮފިސަރ ޚާލިދު ޔޫސުފް (ދޮންދުނބުރިގެ/ބ.އޭދަފުށި) ގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×