2009 ވަނަ އަހަރުގެ ތެރޭގައި ތ.ކަނޑޫދޫ ރައްޔިތުންގެ އިންޖީނުގެއަށް އެލުމިނިއަމް ދޮރުތަކަކާއި ދޮރުފަތްތަކެއް ޖެހުމުގެ މަސައްކަތް 90,000.00 (ނުވަދިހަހާސް) ރުފިޔާއަށް ޙަވާލުކޮށްގެން ކުރުވިއިރު، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނެއް ނުކުރާކަމަށާއި، މަސައްކަތް ފެށުމުގެ ކުރިން މަސައްކަތް ޙަވާލުކުރި ފަރާތަށް އެއްފަހަރާ ފައިސާ ދީފައިވާކަމަށް ބުނެ ހުށަހެޅި މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ތ.ކަނޑޫދޫ ރައްޔިތުންގެ މާލިއްޔާއިން ޚަރަދުކޮށްގެން އެރަށު ރައްޔިތުންގެ އިންޖީނުގެއަށް އެލުމިނިއަމް ދޮރުތަކަކާއި ދޮރުފަތްތަކެއް ޖެހުމުގެ މަސައްކަތް، ދެފަރާތަކުން ކޯޓޭޝަން ހޯދުމަށްފަހު ކޯޓޭޝަން ހުށަހެޅި ދެފަރާތުގެ ތެރެއިން ކުޑަ އަގު ހުށަހެޅި ފަރާތާ އެމަސައްކަތް ޙަވާލުކޮށްފައިވަނީ ރ.ކ. ކޮމިޓީގެ ލަފާގެ މަތިން ކަމުގައިވިޔަސް، އެ ދޮރުތަކުގެ އަގަށްވާ ފައިސާ ދެއްކުމުން 14 (ސާދަ) ދުވަހުގެ ތެރޭގައި ދޮރުތައް ނިންމައި ތ.ކަނޑޫދޫ އޮފީހާ ޙަވާލުކުރެވޭނެކަމަށް މަސައްކަތް ޙަވާލުކުރެވުނު ފަރާތުން 09 ޖޫން 2009 ގައި ތ.ކަނޑޫދޫ އޮފީހަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާއިރު، އެސިޓީ ތ.ކަނޑޫދޫ އޮފީހަށް ލިބިފައިވަނީ 10 ޖޫން 2009 ދުވަހު ކަމަށްވީއިރު، އެފައިސާ މަސައްކަތް ޙަވާލުކުރެވުނު ފަރާތުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް، ރ.ކ. ކޮމިޓީގެ ރައީސަކަށް އޭރުހުރި އަދި ތ.ކަނޑޫދޫ ކައުންސިލަރުގެ މަގާމުގައި ތ.ކަނޑޫދޫ އޮފީސް ހިންގުމާ އޭރު ޙަވާލުވެހުރި ޔޫސުފު ނިޒާރު ސޮއިކޮށް ހަމަ އެދުވަހު ކޮޅުމަޑުލު އަތޮޅު އޮފީހަށް މެސެޖް ފޮނުވާފައިވުމާއި، އެމެސެޖާ ގުޅިގެން 14 ޖޫން 2009 ވަނަ ދުވަހު މަސައްކަތް ޙަވާލުކުރެވުނު ފަރާތުގެ އެކައުންޓަށް އަތޮޅު އޮފީހުން އެފައިސާ ޖަމާކޮށްދީފައިވުމާއެކު، މަސައްކަތް ޙަވާލުކުރެވުނު ފަރާތާއި ތ.ކަނޑޫދޫ އޮފީހާ ދެމެދު ވެފައިވާ އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ 21 ޖޫން 2009 ގައި ކަމުގައިވާއިރު، އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިން (14 ޖޫން 2009 ގައި) އެގްރިމެންޓްގައިވާ ޖުމްލަ އަގު އެފަރާތަށް ދީފައިވަނީ ޔޫސުފް ނިޒާރު އަންގައިގެން އަތޮޅު އޮފީހުންކަން ލިޔެކިޔުންތަކުން އެނގޭތީއާއި، މިފައިސާ ޚަރަދުކުރަން ރ.ކ. ކޮމިޓީން ހުއްދަ ދީފައިވިޔަސް، މަސައްކަތް ނުފަށަނީސް އަދި އެގްރިމެންޓްގައި ސޮއިވެސް ނުކުރަނީސް މިފައިސާ ދޫކުރުމަށް ރ.ކ. ކޮމިޓީން ނިންމާފައިނުވާތީއާއި، މަސައްކަތް ޙަވާލުކުރި ފަރާތަކީ ޔޫސުފް ނިޒާރު ކުރިން ވަޒީފާ އަދާކުރި ތަނެއްކަމަށް ތަޙްޤީޤުގައި އޭނާ ބުނެފައިވާތީއާއި، މިމަސައްކަތް ކޮށްފައިވަނީ ރ.ކ. ކޮމިޓީގެ މާލިއްޔަތުން ކަމަށްވާއިރު މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް އިޢުލާން ކޮށްފައިނުވާތީއާއި، މިމަސައްކަތުގެ ފައިސާ ދީފައިވަނީ މަސައްކަތް ފެށުމުގެ ކުރިންކަން ލިޔެކިޔުންތަކުން އެނގެން އޮންނާތީ، މިފައިސާ ދީފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކަމަށްވުމާއެކު، މިކަމަކީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ޔޫސުފު ނިޒާރު ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު)ގެ 25ވަނަ މާއްދާގެ (ހ)ގެ 02 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިމައްސަލައިގައި ތ.ކަނޑޫދޫ އޯކިޑްމާގޭ ޔޫސުފް ނިޒާރުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.