އެމް.ޓީ.ސީ.ސީގެ ބިޒްނަސް ޑިވެލޮޕްމަނޓް ޑިޕާޓްމަންޓްގެ ކުރީގެ އިސްވެރިޔާ އަޙްމަދު ނަސީމް މުޙައްމަދު އާއި އެކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ކުރީގެ އިސްވެރިޔާ އާބިދާ ރަޝީދުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

29 Dec 2014

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ބިޒްނަސް ޑިވެލޮޕްމެންޓްގެ “ގްރެފިކްސް ޑިޒައިނަރ”ގެ މަޤާމަށް 2013 ވަނަ އަހަރު ޖުލައި މަސް ހިސާބުގައި ވައްދާފައިވާ ފަރާތް އެ މަޤާމަށް ވައްދާފައިވަނީ އޭނާ އާއި ކުރެވުނު އިންޓަވިއުއިން ފެއިލްވެފައި ވަނިކޮށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އޭނާގެ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށާއި، އާއްމު އުސޫލުން އެމް.ޓީ.ސީ.ސީގެ ވަޒީފާއަށް މީހުން ވައްދަނީ މަޤާމެއް ހުސްވުމުން، ނުވަތަ ހުސް މަޤާމެއް އޮވެފައި، އާއްމުކޮށް އިޢުލާންކޮށްގެން އިންޓަރވިއުއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކަށް ކަމުގައި ވީނަމަވެސް، މި ވަޒީފާ ދިނުމުގައި މި ޕްރޮސެސްގެ އެއްވެސް ކަމެއް ފުރިހަމަކޮށްފައި ނުވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުން ތަޙްޤީޤްކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މިމައްސަލައިގެ ޝަކުވާގައި ބުނާ ފަރާތް އެމް.ޓީ.ސީ.ސީގެ “ގްރެފިކްސް ޑިޒައިނަރ”ގެ މަޤާމަށް ހަމަޖައްސައިދީފައިވާކަމަށް މިމައްސަލައިގެ ޝަކުވާގައި ބުނެފައި ވީނަމަވެސް، އެމް.ޓީ.ސީ.ސީގެ ވަޒީފާއާބެހޭ އެއްވެސް ކަމެއްގައި އެކުންފުނީގެ ސީ.އީ.އޯ ބައިވެރިވެފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ. އަދި ތަޙްޤީޤަށް އެކަން ސާބިތުކުރެވޭވަރަށް ހެކި ލިބިފައެއް ނުވެއެވެ.

އެހެންނަމަވެސް، އެމް.ޓީ.ސީ.ސީގެ އެސިސްޓެންޓް ގްރެފިކް ޑިޒައިނަރއަކަށް ހަމަޖައްސާފައިވާ ކަމަށް މިމައްސަލައިގެ ޝަކުވާގައި ބުނާ ފަރާތް އެމަޤާމަށް ހަމަޖައްސަން ހުއްދަދިންކަމަށް އިންޓަވިއު ސިލެކްޝަން އެޕްރޫވަލް ޝީޓްގައި ސޮއިކޮށްފައިވަނީ ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ އިސްވެރިޔާގެ ހައިސިއްޔަތުން ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓްގެ ކުރީގެ އިސްވެރިޔާ އަޙްމަދު ނަސީމް މުޙައްމަދު އާއި ހިއުމަން ރިސޯސް ޑިޕާރޓްމަންޓްގެ އިސްވެރިޔާ އާބިދާ ރަޝީދު ކަން މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާއިރު،

އެމް.ޓީ.ސީ.ސީގެ ވަޒީފާތަކަށް މުވައްޒަފުން ވެއްދުމުގެ ހުރިހާ މަސައްކަތެއް ކުރަނީ އެމް.ޓީ.ސީ.ސީގެ ހިއުމަން ރިސޯސް ޑިޕާރޓްމަންޓުން ކަމަށްވެފައި، މިމަޤާމަށް ހަމަޖައްސާފައިވާ ފަރާތް މަޤާމަށް ހަމަޖައްސާފައިވަނީ، އެމަޤާމަށް މުވައްޒަފުން ހޯދަން އިޢުލާން ނުކޮށް އަދި އިންޓަވިއުވެސް ނުކޮށް ކަމަށްވާއިރު، އެފަރާތަށް އެމަޤާމް ހަމަޖެއްސުމަށް ނިންމައި ގްރެފިކް ޑިޒައިނަރގެ ‘އިންޓަވިއު ސިލެކްޝަން އެޕްރޫވަލް ޝީޓް’ ގައި އެމް.ޓީ.ސީ.ސީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ކުރީގެ އިސްވެރިޔާ އާބިދާ ރަޝީދު އާއި، އެކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓްގެ ކުރީގެ އިސްވެރިޔާ އަޙްމަދު ނަސީމް މުޙައްމަދު ސޮއިކޮށްފައިވާތީ، މިއީ އަޙްމަދު ނަސީމް މުޙައްމަދު އާއި އާބިދާ ރަޝީދު އެދެފަރާތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެސިސްޓެންޓް ގްރެފިކް ޑިޒައިނަރގެ މަޤާމަށް ވަކިފަރާތެއް ހަމަޖައްސުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ތަޙްޤީޤަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 02 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިމައްސަލައިގައި އަޙްމަދު ނަސީމް (މ.ސަނދު، ކ.މާލެ) އާއި އާބިދާ ރަޝީދު (ހ.ހަހިފާ، ކ.މާލެ) ގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަމާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×