އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކުރިއަށް އޮތް 5 އަހަރުގެ މުއްދަތުގައި ތަންފީޒުކުރުމަށްޓަކައި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ ވޯކްޝޮޕެއް ކޮމިޝަނުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިއަދު ކުރިއަށްދަނީ

27 Jan 2015

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފުރަތަމަ ސްޓްރެޓެޖީ (2009-2013) އެކުލަވާލެވިފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު ނަންބަރު 2008/13 ތަސްދީޤުކުރުމާއި ގުޅިގެން، މިނިވަން އެންޓި-ކޮރަޕްޝަން ކޮމިޝަނެއް ވުޖޫދަށް ގެނައުމުގެ މަރުޙަލާގެ އިންތިޤާލީ ކޮމިޝަންގެ މުއްދަތުގެ ތެރޭގައެވެ.

މިހާރު އެކުލަވާލަމުން މިދާ ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (2015-2019) އަކީ ހިނގަމުންމިދާ ކޮމިޝަނުގެ ދެވަނަ ދައުރުގެ ސިޔާސަތުތަކަށް އަމާޒުކޮށް، 2015ވަނަ އަހަރުން 2019ވަނަ އަހަރާ ދެމެދު ތަންފީޒުކުރުމަށްޓަކައި އެކުލަވާލެވިފައިވާ ޕްލޭނެކެވެ. މިސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްތައް ފަންނީގޮތުން ކުރިއަށްގެންދެވިފައިވަނީ ކޮމިޝަނުގެ ތެރެއިން ސްޓްރެޓީޖިކް އެކްޝަން ޕްލޭނިންގް ކޮމިޓީއެއް އެކުލަވާލެވި، އެކޮމިޓީގެ ފަންނީ އެހީތެރިކަމާއި އެކުގައެވެ.

IMG_0034

އެގޮތުން ސްޓްރެޓެޖީ ފަރުމާކުރުމުގައި މައިގަނޑު 3 ދިރާސާއެއް ތަޙުލީލް ކުރެވުނެވެ. އެއީ،” އޯގަނައިޒޭޝަނަލް އެސެސްމަންޓް އެންޓި-ކޮރަޕްޝަން ކޮމިޝަން- ރިޕަބްލިކް އޮފް މޯލްޑިވްސް، އައި.އެފް.އީ.އެސް ރިޕޯޓް”، ސެޕްޓެމްބަރ 2014 އާއި، “އެން އެސެސްމަންޓް އޮފް ދަ އެންޓި-ކޮރަޕްޝަން ކޮމިޝަން- މޯލްޑިވްސް، ޔޫ.އެން.އޯ،ޑީ.ސީ ރިޕޯޓް”، ޖޫން 2014 އަދި “ނެޝަނަލް އިންޓަރގްރިޓީ ސިސްޓަމް އެސެސްމަންޓް” – މޯލްޑިވްސް 2014، ޓްރާންސްޕޭރެންސީ އިންޓަރނެޝަނަލް ރިޕޯޓް އެވެ.

IMG_0034

މި ދިރާސާތަކުގައި ފާހަގަކޮށް ލަފާދީފައިވާ މުހިއްމު ކަންތައްތައް ސްޓްރެޓީޖިކް އެކްޝަން ޕްލޭންފައި ހިމަނާފައި ވާނެއެވެ. މީގެތެރޭގައި ކޮމިޝަންގެ ހިންގުމުގެ ސިޔާސަތާއި، ނިޒާމްތަކާއި އުޞޫލުތަކާއި އަދި އިޖުރާޢަތްތައް އުފައްދައި ތަރައްޤީކޮށް ހަރުދަނާކުރުން ހިމެނެއެވެ. މިދެންނެވުނު ދިރާސާ ރިޕޯރޓްތަކުގެ އިތުރުން، ކޮމިޝަންގެ ފުރަތަމަ ސްޓްރެޓެޖީ (2009-2013)ގައިވާ ކަންތައްތަކަށްވެސް ރިއާޔަތްކުރެވުނެވެ.
މިހާރު ތައްޔާރުކުރެވިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ބިނާވެގެންވަނީ މައިގަނޑު 8 ސިޔާސަތެއްގެ މައްޗަށެވެ. އެއީ؛
ސިޔާސަތު 1. ކޮމިޝަންގެ އިދާރީ ހިންގުން ހަރުދަނާކޮށް ތަރައްޤީކުރުން.
ސިޔާސަތު 2. ކޮމިޝަންގެ އިންސާނީ ވަޞީލަތް ތަރައްޤީކޮށް ދެމެހެއްޓުން.
ސިޔާސަތު 3. ކޮމިޝަންގެ މަސައްކަތުގައި ޒަމާނީ ޓެކްނޮލޮޖީއާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުން.
ސިޔާސަތު 4. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން.
ސިޔާސަތު 5. ކޮރަޕްޝަންގެ ޢަމަލު ހިންގުމުގެ ކުރިން ވިޔަނުދިނުމުގެ ނިޒާމެއް ޤާއިމްކޮށް ހަރުދަނާކުރުން.
ސިޔާސަތު 6. ނަޒާހަތްތެރި އަދި ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުން.
ސިޔާސަތު 7. ތަޙްޤީޤާ ގުޅުންހުރި މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކޮށް ނަތީޖާ ހާސިލްކުރުން.
ސިޔާސަތު 8. ބައިނަލްއަޤްވާމީ ފަރާތްތަކާއި ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމާޢަތްތަކާއި ގުޅިގެން ކޮރަޕްޝަނާދެކޮޅަށް މަސައްކަތްކުރުން.
މިއަދު ކުރިއަށް މިގެންދާ ވޯކްޝޮޕަކީ ކޮމިޓީން އެކުލަވާލެވިފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (2015-2019) އަށް ކޮމިޝަނުގެ ހުރިހާ މުވައްޒަފުންގެ ޚިޔާލު ހޯދުމަށްޓަކައި ބޭއްވޭ ވޯކްޝޮޕެކެވެ. އަދި މިސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއްކޮށް ފުރިހަމަވެގެން ދާނީ ކޮމިޝަންގެ މަސައްކަތާ ގުޅުންހުރި ސްޓޭކްހޯލްޑަރުންނާ އިތުރަށް މަޝްވަރާކުރެވި، އެފަރާތްތަކުގެ ޚިޔާލުތައް ހޯދުމަށް ފަހުގައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×