ދިވެހިރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ އިތުރުން ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގާ ތަފާތު މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިނާމަށް ނޮމިނޭޓުވެފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާއްމުންގެ ޚިޔާލުހޯދުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން އިނާމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިނާމަށް ނޮމިނޭޓުވެފައިވާ ފަރާތްތައް މިކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކުރެވިފައިވާނެއެވެ. އެގޮތުން އިނާމަށް ނޮމިނޭޓުވެފައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ ކެޓަގަރީއިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އާއި އޮޑިޓަރ ޖެނެރަލްސް އޮފީހެވެ. އަދި ޖަމިއްޔާ ޖަމާޢަތްތަކުގެ ކެޓަގަރީއިން ޓްރާންސްޕޭރެންސީ މޯލްޑިވްސްއެވެ. ވަކިވަކި ފަރުދުންގެ ކެޓަގަރީއިން އިނާމަށް ނޮމިނޭޓުވުމަށް ބޭނުންވާ މިންވަރަށް މާރކްސް ލިބިފައިނުވާތީ އެކެޓެގަރީއިން އެއްވެސް ފަރާތަކަށް އިނާމު ދިނުމަށް ހަމެޖެހިފައެއްނުވެއެވެ. ނޮމިނޭޓުވެފައިވާ ފަރާތްތަކާ ބެހޭގޮތުން ކޮމެންޓެއް ނުވަތަ ޚިޔާލެއް އޮތްނަމަ، މިކޮމިޝަނަށް ލިޔުމުން ނުވަތަ އީމެއިލް (enr@acc.gov.mv) މެދުވެރިކޮށް 26 ފެބްރުވަރީ 2015 ގެ 14:00 ކުރިން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވައިލެވިފައެވެ.