“ކޮރަޕްޝަން” މަށަށް ކީއް!؟

21 Feb 2015

“ކޮރަޕްޝަން”މިއީ ޢާންމު ބަހެކެވެ. ނަމަވެސް ކޮރަޕްޝަނަކީ ކޮބައިކަމެއް، އެއީ ކިހިނެއް ކޮން ގޮތަކަށް ހިނގާ ކަމެއްކަން ބައެއް މީހުންނަކަށް ނޭނގެއެވެ. ނޭނގި ތިބެނަމަވެސް ބައެއް މީހުން ކޮރަޕްޝަނަށް އަމިއްލައަށް ހުށަހެޅިގެންދެއެވެ. ގިނަ ބަޔަކު “ ކޮރަޕްޝަން” މާނަކުރަނީ ފައިސާގެ ކޮންމެވެސް ނުރަނގަޅު ނުވަތަ ނުހައްގު މުޢާމަލާތެއް ހިންގުމަށެވެ. އާންމުގޮތެއްގައި އަޅުގަނޑުމެންގެ ވިސްނުން މިހުންނަނީ މިހެންނެވެ. އެހެންނަމަވެސް، ކޮރަޕްޝަންގެ ކޮންމެ ކަމެއްގައި ފައިސާ ޝާމިލުވާކަށް ނުޖެހެއެވެ، ނުވަތަ ޝާމިލްނުވެދާނެއެވެ. ކޮރަޕްޝަނަކީ ފައިސާ ނޫނަސް މީހަކަށް ލިބިފައި އޮންނަ ބާރެއް، އިޚްތިޔާރުތައް ބޭނުންކޮށްގެން އޭނަ އަމިއްލައަށް ނުވަތަ އެހެން ބަޔަކަށް މަންފާއެއް ލިބޭގޮތަށް އުސޫލުން ބޭރުން ކަންތައްތަކެއްކުރުމެވެ.

ކޮންމެ މަގާމެއްގައި ހުއްޓަސް، ވަޒީފާގެ ސަބަބުން ލިބިފައިވާ ކޮންމެސް ކަހަލަ އިޚްތިޔާރުތަކަކާއި ބާރުތަކެއް ކޮންމެ މީހަކަށްވެސް ލިބިފައިވާނެއެވެ. އެމީހެއްގެ ފެންވަރުގައި، އެމީހަކަށް ލިބިފައި އޮންނަ ބާރާއި އިޚްތިޔާރުތައް ނުހަމަ ގޮތުގައި ބޭނުން ކޮށްގެން އޭނާ އަމިއްލައަށް ނުހައްގުން ފައިދާ އެއް ނޫނީ އެހެންމީހަކަށް ފައިދާއެއް ހޯދައިދިނުމަކީ އެކަމަށް އެދިތިބި އެހެން ފަރާތްތަކަށް ކުރެވޭ ބޭއިންސާފެކެވެ. ޙައްޤުން އެއްކިބާވެހުރެ އެހެން މީހަކަށް އެހޯދައިދެވުނު މަންފާއަކީ ކޮރަޕްޝަންގެ ޢަމަލެކެވެ. ކޮރަޕްޝަންގެ ހުތުރު ޢަމަލު ހިންގޭނީ ނުވަތަ ހިންގަނީ ދައުލަތުގެ އިސްވެރިންގެ ފެންވަރުގައެއް ނުވަތަ އޮފީސް އޮފީހުގެ ވެރިން އެކަންޏެއް ނޫނެވެ. އެންމެ މަތީ ފަންތިން ފެށިގެން އެންމެ ދަށް ފަންތީގެ މަސައްކަތްކުރާ ފަރާތްތަކުންވެސް ކޮރަޕްޝަންގެ މިއަމަލުގައި ބައިވެރިވެދާނެއެވެ.

މިސާލަކަށް ، އޮފީހުގެ ވެރިއަކަށް ހުންނަ މީހަކަށް އޭނާއަށް ލިބިފައި އޮންނަ އިޚްތިޔާރުތައް ބޭނުންކޮށްގެން އޭނާ އަމިއްލައަށް މަންފާއެއް ލިބޭގޮތަށް ކަންތައް ކުރުމަކީ ކޮރަޕްޝަންގެ ޢަމަލެކެވެ. ނޫނީ އޭނާގެ ގާތް ރައްޓެއްސަކަށް ނޫނީ ތިމާގެ މީހަކަށް ކަމެއް ކޮށްދިނުމަކީ ކޮރަޕްޝަނެވެ. ތަންކޮޅެއް ތިރިއަށް ޖެހިލާނަމެވެ. އޮފީހުގެ ސެކެޓްރީއަކަށް ހުންނަ މީހަކަށްވެސް މުވައްޒަފުގެ ފެންވަރުގައި ބާރުތަކެއް އޮވެއެވެ. މިސާލަކަށް ސެކެޓްރީއަކަށް ހުންނަ މީހެއްގެ އަތަށް ލިބޭ އޮފީހުގެ ސިއްރު ލިޔުމެއް އެމުވައްޒަފު ގޮސް އެހެން މީހަކަށް ދީގެން އޭނައަށް ފައިދާއެއް ނުވަތަ އެހެން މީހަކަށް ނުހައްގުން ފައިދާއެއް ލިބޭކަހަލަ ކަމެއް ކުރުން އެއީވެސް ކޮރަޕްޝަނެވެ. ކޮންމެ ފަންތިއެއްގައިވެސް ހުންނަ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ކޮރަޕްޝަނެވެ.

ކޮރަޕްޝަންގެ ސަބަބުން ޖުމްލަކޮށް މި ގެއްލުންވަނީ ކޮންބަޔަކަށް؟

ކޮރޮޕްޝަންގެ ސަބަބުން އާޚިިރު ނަތީޖާއަކަށް ވަނީ މުޅި ރައްޔިތުންނަށް ގެއްލުންވުމެވެ. ޢާާންމު ވިސްނުމުގައި ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ، “ ކޮރަޕްޝަން” ގެސަބަބުން ދައުލަތުގެ އިދާރާގައި ހުންނަ ފައިސާ ނުހައްގު ގޮތުގައި ގެއްލިގެން ދިޔުމަކުން ރައްޔިތު މީހާއަށް ގެއްލޭނެ އެއްޗެއް ނެތްކަމަށެވެ. އެވިސްނުމުގައި ތިބޭ ފަރާތްތަކުން ޤަބޫލުކުރަނީ އެފައިސާ ގެއްލިގެން އެދިޔައީ ދައުލަތުގެ އިދާރާގެ ބަޖެޓުންކަމުން، އެއީ ތިމަންނާގެ ޖީބުން މަދުވާ ފައިސާއެއް ނޫންކަމަށެވެ. ނަމަވެސް މިގޮތަށް ވިސްނާލަމާތޯއެވެ! ދައުލަތުގައި ހުރީ އަޅުގަނޑުމެން އެންމެންގެ ފައިސާއެވެ. އަޅުގަނޑުމެން ދައްކާ ޓެކުހުގެ ފައިސާއެވެ. އެނިޒާމުން ބަލާއިރު، ދައުލަތުގެ މުއައްސަސާތަކުން އިދާރާތަކަށް ފައިސާ އެދެނީ އަޅުގަނޑުމެންނެވެ. އެފައިސާ އެމުއައްސަސާތަކާއި ހަވާލު އެކުރެވެނީ ރައްޔިތުންނަށް ޚިދުމަތްދިނުމަށެވެ. އެޚިދުމަތް ދިނުމަށްޓަކައި ކޮންމެ އަހަރަކު އެފާސްކުރަނީ ދައުލަތުގެ ބަޖެޓެވެ. ދައުލަތަށް ދިވެހި ރައްޔިތުން ދިން ފައިސާއެވެ. ރައްޔިތުން ކަނޑައަޅާ މަންދޫބުން، ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސް ކުރަނީ ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހުއެވެ. ރަށުގެ ބަނދަރާއި، ސިއްހީ މަރުކަޒާއި، ފެނާއި ނަރުދަމާއަށް ކަނޑައެޅި ފައިސާ ނުހައްގު ގޮތުގައި، ނުހައްގުން ދިޔުމުން އެކަމުގެ އާޚިރު ދެރަ ލިބެނީ ކޮން ބަޔަކަށްތޯއެވެ. އަޅުގަނޑުމެން ދައުލަތަށް ދިން ފައިސާ ނުހަމައިން ބޭނުންކޮށް، އަޅުގަނޑުމެން ރަށުގެ އިޖްތިމާޢީ ތަރައްޤީއަށް ކުރަން ބޭނުންވި ކަންކަން ނުވުމުން އެކަމުން ގެއްލުންވަނީ ހަމަ އަޅުގަނޑުމެންނަށެވެ. މިފުޅާ ވިސްނުމުން ބަލާއިރު، ދައުލަތުގައި ހުރި ފައިސާއަކީ އަޅުގަނޑުމެން ދައުލަތަށް ދެއްކި ފައިސާއެވެ. ކޮރަޕްޝަންގެތެރެއިން އެކަމަށް އިހުމާލުވުމުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ޖުމްލަކޮށް މުޅި ރައްޔިތުންނަށެވެ. މުޅި މުޖްތަމައުއަށެވެ.

ކޮރަޕްޝަންގެ އިދިކޮޅަކީ ކޮބާ؟

ކޮރަޕްޝަންގެ އިދިކޮޅު އަދި އެންމެ މާތް ސިފައަކީ ނަޒާހާތްތެރިކަމެވެ. ނަޒާހަތްތެރިކަމަކީ، މީހުންގެ ފަރާތުން އަންނަ ނުފޫޒާއި މީހުންގެ ފަރާތުން ދިމާވާ ނުރަނގަޅު ނުފޫޒުން އެއްކިބާވެހުރެ، ހުރިހާ ހާލަތްތަކެއްގައިވެސް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އޭނާގެ ނަޒާހަތްތެރިކަން (އިންޓަރގްރިޓީ) ހިފަހައްޓާ، ވަކިކޮޅަކަށް ނުޖެހި ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން އަމަލުކުރުންމަތީ ދެމިހުރުމެވެ.

ނަޒާހަތްތެރިކަމުން ދައްކައިދެނީ މީހެއްގެ އަސްލު ސޫރައެވެ. އޭނާ އަމިއްލަ ނަފްސަށްކުރާ އިޙްތިރާމާއި ނަފްސުގެ އަގެވެ. އަޅުގަނޑުމެންގެތެރެއިން ގިނަ ފަރާތްތަކުން ކަމެއް ރަނގަޅަށް ކުރަން މި ވިސްނަނީ ޤާނޫނެއްގައިި އަދި ގަވާއިދެއްގައި އެކަމެއް އެގޮތަށް ކުރުމަށް ލިޔެފައި އޮތުމުންނެވެ. މިސާލަކަށް ސައިކަލު ނުބައި ތަނެއްގައި ބެހެއްޓުމަކީ މަނާކަމެއްކަމަށާއި، އެކަމުގެ ޖޫރިމަނާއެއްގެގޮތުގައި 750 ރުފިޔާ ދައްކަން ޖެހޭނެކަމަށް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައި އޮތުމުން، އެކަމުގެ ބިރަށްޓަކާ އަޅުގަނޑުމެން ސައިކަލު ރަނގަޅުތަނުގައި އަބަދުވެސް ޕާކްކުރަނީއެވެ. ނުވަތަ ޕާކިންގ ޒޯން ނޫން ތަނެއްގައި ޕާކްކުރުމަށް އަބަދުވެސް މަސައްކަތްކުރަނީއެވެ. މިއީ ޢާންމު ވިސްނުމެއްގައި މިކަން ކުރާ ގޮތެވެ. ނަމަވެސް ނަޒާހާތްތެރި މީހާ އެކަން ކުރަނީ ކިހިނެއްތޯއެވެ. ނަޒާހަތްތެރި މީހާ މި މަސައްކަތްކުރަނީ ޤާނޫނެއް ގަވާއިދެއްގައި އަދަބެއް ކަނޑައަޅާ ލިޔެފައި ނެތަސް އޭނަ ޤަބޫލުކުރާ އުޞޫލުތަކުގެ މަތިން ޕާކިންގ ޒޯނެއްގައި މެނުވީ ޕާކް ނުކުރުމަށެވެ. ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިއްސަށް ތިމާގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ވިސްނައިގެންނެވެ. ޤާނޫނެއްގައި އަދި ލިޔެފައި ނެތަސް ތިމާއަށް ޙައްޤު ނޫން އެއްޗެއްގައި ތިމާ ނުޖެހޭނެކަމަށް ނަޒާހާތްތެރި މީހާ ވިސްނާނެއެވެ. އެހެންމީހެއްގެެ ޙައްޤުތަކަށް އަރައިގެން ނުވާނޭކަމާއި ތިމާ ކުރާ ކަމެއްގެ ސަބަބުން އެހެންމީހަކަށް ގެއްލުން ވެގެންނުވާނޭކަމާއި، އެހެންމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި އަމިއްލައަށް ވިސްނައިގެން މަސައްކަތްކުރާނެއެވެ. އެއީ މާތް އަޚްލާޤެވެ.

ކޮރަޕްޝަންގެ ކުށުގެ ތެރެއިން ދައުލަތުން ގެއްލިގެންދާ ފައިސާއެއް ހޯދުން އެއީ ފަސޭހަކަމެއްތަ؟

ދައުލަތަށް ގެއްލިގެންދާ ފައިސާއަކީ ޤައުމުގެ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ އަދި ކަންބޮޑުވާނޭ ފައިސާއެވެ. އެއީ ރައްޔިތުންގެ ފައިސާއެވެ. ރައްޔިތުންގެ ސުވާލަކީ ދައުލަތުގެ ފައިސާއިން ކޮރަޕްޝަނަށް މަގުފަހިވެ، ގެއްލި ގެންދާ ފައިސާ ހޯދާނީ ކިހިނެއްހެއްޔެވެ؟ އެފައިސާ ހޯދޭނެހެއްޔެވެ؟ ހަޤީީގަތަކީ ކޮރަޕަޝަންގެ ތެރެއިން ދައުލަތަށް ގެއްލޭ ފައިސާއަކީ ދުނިޔޭގެ އެއްވެސް ޤަައުމެއްގައި ހޯދަން ފަސޭހަ ފައިސާއެއް ނޫނެވެ. ސަބަބަކީ، މިގޮތަށް ދައުލަތުން ގެއްލޭ ފައިސާ އަލުން އަނބުރާ ހޯދުމުގެ މަރުޙަލާތަކުގެތެރެއިން ހިނގާ ޖިނާއީ ޢަަދުލުގެ ނިޒާމްތެރޭގައި މައްސަލަ ދިގުލައި، ހެކި ހޯދުމަށް ދަތިވެ، އެކަމުގެތެރޭގައި ފޯރުވާ އަނެއް ނުރަނގަޅު ނުފޫޒެވެ. އަނެއްކަމަކީ ކޮރަޕްޝަނަކީީ ކްރައިމްއަށް ބަލާކަމަށްވާނަމަ “ވައިޓް ކޯލަރ ކްރައިމް” އެވެ. ޢާާންމުގޮތެއްގައި ކޮރަޕްޝަންގެތެރެއިން ދައުލަތުން ގެއްލޭ ފައިސާ ހޯދުމަށްބޭނުންވާ ހެކި ހޯދުމުގައި ހޭދަވާ ވަޤުތާއި، އެކަމުގެ ބުރަ ބޮޑުވުމެވެ. މިފަދަ ޢަަމަލުތައް ހިންގާފައި ހުންނަނީ ހެކިތައް އެހާ ފަސޭހައިން ފެންނާނެ ގޮތަކަަށް ނޫނެވެ. މި ޕްރޮސެސް ދިގުލައިގެން ދިއުމުން ފައިސާ ހޯދަން ބަލާއިރު މިކަންތައްތައް ކުރާމީހުން މި ކުރާ ޤައުމު ފަހަނަ އަޅާ އެހެން ގައުމަކުން މުޢާމަލާތްތައް ހިންގާފައި ހުރުމަކީ މިކަންކުރާ މީހުން އަތުލައިގަނެ، އެފައިސާ އަލުން އަނބުރާ ހޯދުމަށް ދިމާވާ އަނެއް ދައްޗެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، މިފައިސާ “ރިކަވަރ” ކުރަން ނަގާ މުއްދަތު ދިގުވެ، އެފައިސާ ދައުލަތަށް ވައްދަން ކުރަންޖެހޭ މަސައްކަތް ވަރަށްވެސް ބޮޑެވެ.

ޤައުމަށް ލިބޭ ގެއްލުން އިޢާދަ ކުރެވޭނެތަ؟

މިސުވާލުގެ ކުރު ޖަވާބަކީ، ރިކަވަރ ނުވަތަ އިއާދަ ކުރެވޭނެއެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާނަމަ ރިކަވަރ ކުރެވޭ ނިސްބަތް ވަރަށް ދަށެވެ. ރާއްޖޭގައިވެސް މިނިސްބަތުގެ ހިސާބު އުޅެނީ މިހެންނެވެ. އޭސީސީ އިން ތަހުގީގުކޮށްފައި ފޮނުވާފައި ހުރި މައްސަލަ ތަކުގެ ތެރެއިން ކޯޓުތަކުގައި ހިގަމުންދާ މައްސަލަތަކުން ކޯޓު މަރުހަލާ ތަކުގެ ތެރެއިން އަދި ނިމިފައިހުރީ ވަރަށް މަދު މައްސަލައެކެވެ. މިހާތަނަށް ނިމިފައި ހުރި މައްސަލަތަކުގެ ތެރެއިންވެސް ރިކަވަރ ކުރެވޭވަރަކަށް އަދި ޕްރޮސެސްއެއް ނިމިފައެއް ނެތެވެ.

ފިޔަވަޅުއެޅުމަށްވުރެ(އެންފޯރސްމެންޓް) ވިޔަނުދިނުން (ޕްރިވެންޝަން) މުހިއްމުވަނީ ކީއްވެ؟

ރޭވިގެން ހިންގާ މިކަހަލަ ކުށްކުށުގައި، ކުށްވެރިން ފަހަތުން އަބަދުމެ ދުވާނަމަ މައްސަލައިގެ އަޞްލަށް ދުވަހަކުވެސް ޙައްލެއް ނުލިބޭނެއެވެ. ބަދަލުގައި އަބަދުވެސް ޖެހޭނީ ކުށްވެރިން ފަހާ ދުވާށެވެ. މައްސަލަ އޮންނާނީ އޮންނަ ތަނުގައެވެ. ކުށް ކުރާ މީހާއަށް އަދަބު ދެވުނު ނަމަވެސް، ސިސްޓަމް ރަނގަޅު ނުވާހާ ހިނދަކު ކޮރަޕްޝަންގެ ޢަމަލު ހިންގާ ކުށްވެރިންގެ ޢަދަދު ދުވަހެއް ދުވަހަކަށް ދާނީ އިތުރުވަމުންނެވެ. މީހާއަށްވުރެ ބޮޑަށް މައްސަލަ އުޅެނީ ސިސްޓަމްގައެވެ، ރަނގަޅު ކުރަންވީ ސިސްޓަމެވެ. ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހަނިކުރެވުނުވަރަކަށް ކޮރަޕްޝަންގެ ޢަމަލު ހިންގާ ފަރާތްތަކަށް އެފުރުޞަތު ހަނިވެގެންދެއެވެ. އެހެންކަމުން މި ޕްރޮސެސްތެރޭގައި އެންމެ މުހިންމު ކަމަކީ ޕްރިވެންޝަންއެވެ.

ކޮރަޕްޝަންގެ ހަޤީޤީ ގެއްލުން ތިބާއަށް އިހްސާސް ކުރެވޭބާ؟

ކޮރަޕްޝަންގެ ގެއްލުން ތިބާއަށް އިހުސާސް ކުރެވޭތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ. އެކި މީހުންނަށް މިކަމުގެ ގެއްލުން އެކިވަރަަށް އިހުސާސްކުރެވުނުނަމަވެސް، ގެއްލުން އެންމެންނަށްވެސް ފޯރަނީ އެއްވަރަކަށެވެ. ސަބަބަކީ ފައިސާ ގެއްލެނީ ދައުލަތަށެވެ. ގެއްލެނީ ރަށުގެ ނަރުދަމާއެވެ. ގެއްލެނީ ރަށުގައި މި އަހަރަށް އަޅަން ހުރި ޕްރީ ސްކޫލާއި ބޭސް ފިހާރައެވެ. ދެ ލައްކަ ރުފިޔާއަށް ބޭސް ފިހާރައަށް ގެނެވެން ހުރި ބޭހަށް ކޮރަޕްޝަންގެ ތެރެއިން ދެ މިނިއަން ރުފިޔާ ހަރަދުކުރުމުން ރައްޔިތުންނަށް އެ ގެއްލެނީ 10 މަސް ދުވަހުގެ ބޭހެވެ. ބޭހާއި ނުލާ 10 މަސް ދުވަހު އުޅެން ޖެހޭ ދަތި ހާލެވެ. މި މިންވަރަށް މިކަން އިހްސާސް ކުރެވޭބާވައެވެ. އިހްސާސްކުރެވޭނަމަ ފަރުދީ ޒިންމާ ނަގައިގެން ކޮރަޕްޝަނާއި ދެކޮޅަށް ތެދުވާށެވެ. ދައުލަތުގެ މުއައްސަސާތަކަށް ކޮރަޕްޝަން ހުއްޓުވުމަށް އެއްބާރުލުންދީ އެހީތެރިވާށެވެ. ރިޕޯޓްކުރާށެވެ. ކޮރަޕްޝަނަށް ހުރަސް އެޅެން އޮތް ކޮންމެ ގޮތަކުން، ޤާނޫން ތަންދިން އެންމެ ފުން މިނަށް ހުރަސް އަޅާށެވެ. ޒިންމާ އޮތީކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެކަންޏެއް ނޫނެވެ. މިތަނުގައި މިދިރިއުޅެނީ އަޅުގަނޑުމެންނެވެ. ޚިދުމަތް ލިބިގަންނަނީ އަޅުގަނޑުމެންނެވެ. ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.medium_40188



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×