ކޮރަޕްޝަންގެ ސަބަބުން ޢާންމު ޚިދުމަތުގެ ފެންވަރު ދަށަށް

21 Feb 2015

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮލަރު ބޭނުންވެގެން ރައްޓެއްސެއްގާތު ހާހެއްހާ ޑޮލަރު ގަންނަން ލިބިދާނެތޯ އެހީމެވެ. ލިބުނު ޖަވާބަކީ، ބޭނުން ޢަދަދަކަށް ޑޮލަރު ލިބިދާނެކަމަށާއި ނަމަވެސް ލިބޭނީ 16:15 ރުފިޔާގެ ރޭޓުންކަމަށެވެ. ބޭނުން އަދަދަކަށް ޑޮލަރު އެރޭޓުގައި ލިބެނީ ކޮންތާކުންތޯ އެހުމުން ބުނީ، “ހާދަ ފަހަތުގައޭ ތިއުޅެނީ، ބޭންކުގަ ތިބޭނެ އަހަރެމެންގެ މީހުން. 16:15 އަށް ބޭނުން ވަރަކަށް ޑޮލަރު ލިބޭނެ. ބޮޑު ސަޔެއް ވައްޓާލިޔަސް ޑޮލަރު ކަންތައް ބޭންކުތެރެއިން ހަމަޖެހޭނެ” ކަމަށެވެ. އެދުވަހު އަޅުގަނޑަށް ވިސްނުނީ ރަސްމީ ވަޒީފާގެ އިތުރުން، ޢާއްމު ޚިދުމަތުގެތެރެއިން “ނުސީދާ އަމިއްލަ ވިޔަފާރި”އެއް ކުރަމުން އަންނަކަމެވެ. ބޮޑު މަންފާއެއް ހޯދަމުން އަންނަކަމެވެ. ބޭންކުގެ އިތުރުން ސިއްޙީ ޚިދުމަތް ދޭ ތަންތަނުން ވެސް ރައްޓެހިން މެދުވެރިވެގެން ކިތަންމެ ލުއި ފަސޭހައެއް ލިބެއެވެ. ޑޮކްޓަރަށް ދައްކާ ނަންބަރުތަކާއި، އެޕޮއިންޓްމެންޓްތައް ވެސް ކިޔުގައި ނުޖެހި، ގޭގައި ތިބެގެންވެސް އޯކޭކޮށްލެވެއެވެ. މިދެއްކެނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާއެއް ބަޔަކަށް ހޯދައިދެވޭ ވާހަކައެވެ. ޢާއްމު ޚިދުމަތުގެ ތެރެއަށްވެސް ކޮރަޕްޝަން ވަދެފައިވާ ވާހަކައެވެ. މިއީ ޤާނޫނުގައިވާ ގޮތަށް ބަލާނަމަ ހަމަ ކުށެވެ. ޚިދުމަތެއް އަވަސްކުރުމަށް ރިޝްވަތު ދިނުމާއި ރިޝްވަތު ޤަބޫލުކުރުމަކީ ޤާނޫނީ ކުށެއް ނަމަވެސް، ނިޒާމުގައި ހުރި ސީރިއަސް މައްސަލަތަކެއްގެ ސަބަބުން ގިނަ ފަހަރަށް އެފަދަ ކުށަކަށް އަރައިގަންނަން މަޖުބޫރުވަނީއެވެ.

“ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު” ބުނަނީ، ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދަދިނުމާއި، ވަކި ފަރާތަކަށް ލުޔެއް ހޯދައިދިނުމާއި ނުވަތަ ފަސޭހަ އެއް ހޯދައިދިނުމާއި އެހެންބަޔަކަށް ބުރައެއް ޖެއްސުމާއި އެއްވެސް ބާވަތެއްގެ އުނދަގުލެއް ކުރިމަތި ކުރުމާއި ނުވަތަ ގެއްލުމެއް ދިނުމާއި ނުވަތަ އެއިންކަމެއް ކުރުވުމަށްޓަކައި އިނާމެއް ދިނުންމާއި ނުވަތަ އިނާމެއް ހޯދުންފަދަ ކަންކަންކަމަކީ ކޮރަޕްޝަނެވެ. އެފަދަ ނާޖާއިޒު މަންފާއެއް ލިބިގަތުމަށް ނުވަތަ ހޯދައިދުމަށް އެއްބަސްވުމަކީ ކުށެކެވެ.

ކޮރަޕްޝަންގެ ބައެއް ވާހަކަތައް ރިޕޯޓް ނުކުރެވުނަސް ނުވަތަ ސީރިއަސް ޓޯނެއްގައި އެވާހަކަ ނުދެއްކިނަމަވެސް ރާއްޖޭގައި ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ދައުލަތުގެ ތެރެއިން ކަމެއް ކުރުމަށް ރައްޓެހިންގެ މުހިއްމުކަން ދިވެހިރާއްޖޭގެ 64 އިންސައްތަ މީހުން ޤަބޫލުކުރެއެވެ. މިގޮތުން ރިޝްވަތު ނުވަތަ “ހަދިޔާ” މިފަރާތްތަކުން ދީފައި ހުންނަނީ ޚިދުމަތް އަވަސްކުރުމަށް ނުވަތަ ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާއެއް ފަސްކޮށް ނުވަތަ ހިފަހައްޓާފައި ބެހެއްޓުމަށްކަމަށެވެ.

އަވަސް ޚިދުމަތަކަށް ސަޔެއް:

ޚިދުމަތް އަވަސްކުރުމަށް ރިޝްވަތުދިނުން ހުއްޓުވޭނީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުން ޒިންމާދާރުވެގެންނެވެ. އަދި ޚިދުމަތް ދިނުމަށާއި ޚިދުމަތް އަވަސްކުރުމަށް ހެދިފައިވާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް (އެސްއޯޕީ) ނުވަތަ އިޖުރާއާތުތަކަށް ޢަމަލުކޮށްގެންނެވެ. ބައެއް އޮފީސްތަކުގައި ޚިދުމަތް ދިނުމުގައި އެސް.އޯ.ޕީ ހެދިފައި ނެތުމުގެ ސަބަބުން ޚިދުމަތް ދޭ މުވައްޒަފު ތަފާތުވުމުން، ޚިދުމަތް ދޭގޮތާއި ފެންވަރަށް ތަފާތު އާދެއެވެ. ނުވަތަ އިދާރާއިން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ނޭނގުމުގެ ސަބަބުންވެސް ވަރަށް ގިނަ ވަގުތު ބޭކާރުވެއެވެ. އަދި ބައެއް އިދާރާތަކުގެ ވެބްސައިޓްތައް އަޕްޑޭޓްނުވުމާއި ބޭނުންކުރުމުގައި އުނދަގޫ ގޮތްތައް ހުރުމުގެ ސަބަބުން ޚިދުމަތް ލިބިގަތުމަށް ބުރޫ އަރައި، ޚިދުމަތް ހޯދުމަށް އޮފީހަށް ކޮންމެހެން ދާންޖެހެއެވެ. ކަމެއް އޮޅުން ފިލުވުމަށް އޮފީހަކަށް ގުޅުމަކީ މިއަދު ވަރަށް އުނދަގޫ ކަމަށްވަނީ ވެފައެވެ. ފޯނު ނުނަގާތީއެވެ. ނުވަތަ ފޯނު ނެގިއަސް ކަމާބެހޭ މީހަކާ ބައްދަލު ނުވާތީއެވެ. ނުވަތަ މަޢުލޫމާތު ދިނުމަށް ފަސްޖެހޭތީއެވެ. މަޢުލޫމާތު ފޯރުކޮށް ދިނުމުގައި ފަސޭހަ ޘަޤާފަތެއް އަށަގަނނަވަން މިވަނީ ޖެހިފައެވެ.

ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ސަރުކާރުގެ މުއައްސަސާތަކުން ޚިދުމަތްހޯދުންވަނީ ބޮޑު ދައްޗަކަށްވެފައެވެ. އެތަންތަނުގެ މަސައްކަތުގެ ސްޕީޑް އަވަސް ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މަޢުލޫމާތު ސާފުކުރުމަށް އިދާރާއަކަށް 20 ފަހަރު ގުޅާއިރުވެސް މައުލޫމާތު ސާފު ނުވެ، އެއް ނަންބަރުން އަނެއް ނަންބަރަށް ފޯން ޕާސްކުރަމުންދާނަމަ، މަޢުލޫމާތު ސާފުކުރުމަށް އެއިދާރާއަކަށް ފޯނުކުރާ މީހާއަށް “މަޖުބޫރު” ވަނީ އެތަނުގައި މަސައްކަތްކުރާ އޭނާގެ ރަހްމަތްތެރިއެއް މެދުވެރިކޮށް ޚިދުމަތެއް ހޯދަން ނުވަތަ މަޢުލޫމާތެއް ހޯދާށެވެ. ރަހްމަތްތެރި މީހާއަށް ގުޅާތަނުން ވަގުތުން އެ ޚިދުމަތް ލިބޭ ހިސާބުން ކޮރަޕްޝަންގެ ނުބައި ޢަމަލުގެ އެންމެ ފުރަތަމަ މަރުހަލާ އެފެށުނީއެވެ. ދެވަނަ ދުވަހުވެސް އެމީހާ އެއިދާރާއަކުން ޚިދުމަތް ހޯދުމަށް ކައުންޓަރަށް ގުޅުމުގެ ބަދަލުގައި ސީދާ ގުޅާލަނީ ރަހްމަތްތެރިޔާއަށެވެ. ޚިދުމަތް އަވަސްވީމައެވެ. ވަގުތު ސަލާމަތް ކުރެވޭތީއެވެ. 20 ފޯން ކޯލްގެ ވަގުތު އެއް ފޯން ކޯލަށް ކުޑަކޮށްލެވޭތީއެވެ. ސަރުކާރު ވަޒީފާތަކުގައި އުޅޭމީހުންގެ މަސައްކަތުގެ އަޚްލާގު މޮނީޓަރކޮށް ފިޔަވަޅުއަޅަންޖެހެނީ މިސަބަބުތަކާހެދިއެވެ. ޚާއްސަކޮށް ފޯނަށް ޖަވާބު ދިނުމުގެ މައްސަލައާއި، ޚިދުމަތަށް އެދޭ ފަރާތަށް ބޭނުންވާ ޚިދުމަތުގެ މަޢުލޫމާތު އަވަހަށް ފުރިހަމައަށް ދިނުމަށެވެ.

ޚިދުމަތެއް ހޯދުމަށް ނުވަތަ އަވަސްކުރުމަށް ރިޝްވަތު ދޭ ނަމަ މުއައްސަސާތަކުގެ ތެރޭގައި ފަސާދަ އުފެދި، އެ މުއައްސަސާތަކާ ދޭތެރޭ ރައްޔިތުން ކުރާ އިތުބާރު ގެއްލިގެން ދާނެއެވެ. އެކަން ހުއްޓުވޭނީ ޚިދުމަތް ދޭ ނިޒާމު އިސްލާހުކޮށް، ހަލުއިކޮށްގެންނެވެ.

ސަޔަކަށްވުރެ ބޮޑެތި ކޮރަޕްޝަން:

ދިވެހިރާއްޖެ މިއޮތް ސައުތު އޭޝިއާ ބައްރަކީ ކޮރަޕްޝަން ބޮޑު ހިސާބެއްކަމީ ދިރާސާތަކުން އެނގޭ ކަމެކެވެ. އެންމެ އާދައިގެ ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތައް މިސަރަހައްދުން ފެނުނުނަމަވެސް ޢާއްމު ޚިދުމަތް ހޯދުމުގައި ކޮރަޕްޝަންގެ ނިސްބަތް ރާއްޖޭގައި ކުޑަކަންވެސް ދިރާސާތަކުން ދައްކައެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ޝާއިޢުކުރައްވާފައިވާ ތަފާތު ރިޕޯޓުތަކުން އެނގޭގޮތުގައި މި ހިސާބުގެ ބައެއް ޤައުމުތަކުގައި 50 އިންސައްތައަށް ވުރެ މަތީގައި ޚިދުމަތް ހޯދުމަށް ރިޝްވަތު ދޭ ނިސްބަތް އުޅޭއިރު، ދިވެހިރާއްޖޭގައި ޚިދުމަތް ހޯދުމަށް ރިޝްވަތު ދޭ މިންވަރު އުޅެނީ 3-6 އިންސައްތައާއި ދޭތެރޭގައެވެ. ޢާއްމު އަސާސީ ޚިދުމަތް ހޯމަށް މުއައްސަސާތަކަށް ދާދިޔުމުގައި ކޮރަޕްޝަންގެ ނިސްބަތް ރާއްޖޭގައި ކުޑަނަމަވެސް، އާއްމު ޚިދުމަތް ދިނުމުގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ރާއްޖޭގައިވެސް ފާހަގަކުރެވެއެވެ.

ރަށު ރައްޔިތުންގެ ތެޔޮ ފިހާރަ ތަރައްޤީކުރުމަށް އަތޮޅު މާލިއްޔަތުން ދީފައިވާ 450,000.00 (ހަތަރުލައްކަ ފަންސާސްހާސް) ރުފިޔާ ލޯނު ފައިސާ، ރަށްކުރިއަރުވާ ކޮމިޓީގެ ހުއްދައަކާ ނުލައި، ކައުންސިލަރަކާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކާ ޙަވާލުކޮށްގެން ބަނދަރު ސަރަޙައްދު އިމާރާތްކޮށްފައިވާ މައްސަލައެއް މީޑިއާގައި ފެންމަތިވިއެވެ. ނަމަވެސް އެ އިމާރާތުގެ މަސައްކަތް ނުނިމި ލަސްވުމުން އެވޭން ތަޙައްމަލް ކުރަން އެޖެހެނީ އެރަށުގެ ރައްޔިތުންނަށެވެ. ތެޔޮ ފިހާރައެއް ތަރައްޤީކުރުމަށް ދޫކުރާ ފައިސާއަކުން ބަނދަރުގެ މަސައްކަތްކުރުމުން އެފައިސާ ދޫކުރި މަޤްޞަދުވެސް ގެއްލުނީއެވެ. ކޮރަޕްޝަންގެ އެ ޢަމަލުގެ ސަބަބުން ތެޔޮ ފިހާރަ ތަރައްގީވުން ހުއްޓި، ބަނދަރުގެ މަސައްކަތް ނުނިމި ރައްޔިތުންގެ އެތައް ލައްކަ ފައިސާއެއް އިސްރާފުވީއެވެ.

ޔުޓިލިޓީޒް ކުންފުނިތައް އުފެދުމުގެ ކުރިން ރަށްރަށުގެ އިންޖީޏުގެތައް ހިންގަމުން އައީ ރައްޔިތުންނެވެ. ރައްޔިތުންގެ އިންޖީނުގޭގެ ނަމުގައެވެ. ކައުންސިލްތައް އުފެދި އިންޖީނުގެތައް ކައުންސިލްގެ ބެލުމުގެ ދަށަށް ޔުޓިލިޓީޒް ކުންފިނުތަކުގެ ތެރެއަށް ވަދެގެން ދިޔައިރު ރައްޔިތުން ވަރަށް ބޮޑު އުއްމީދެއް ކުރިއެވެ. ކައުންސިލްތަކުން ހިންގިނަމަވެސް އަދި ޔުޓިލިޓީޒް ކުންފުނިތަކުން ހިންގިނަމަވެސް ޚިދުމަތް ދެވެން ވާނީ ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެދަށުންނެވެ. ޝައްކާއި ވަހުމުން ދުރުވުމަށެވެ. ރައްޔިތުންގެ މާލިއްޔަތުން ހިންގަމުންއައިއިރު އިންޖީނުގޭގެ ޚަރަދުތަކާބެހޭ މަޢުލޫމާތު ރައްޔިތުންނަށް އެނގުނު ނަމަވެސް، ކައުންސިލްތައް އުފެދުނުފަހުން، އިންޖީނުގޭގެ ކަންތައް ކައުންސިލްގެ އިދާރާގެ ބެލުމުގެދަށުން ކުރާގޮތަށް ހަމަޖެހުނުފަހުން އިންޖީނުގޭގެ ހިސާބުތަކާ ބެހޭ މަޢުލޫމާތު ނޭނގޭ ކަމަށްވާނަމަ ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އުފެދޭނެއެވެ. ބައިނަލް އަގްވާމީ ތެލުގެ ބާޒަރަށް ބަދަލެއް ނައިސް، ރާއްޖޭގެ ތެލުގެ ބާޒަރަށް ބަދަލެއް ނައިސް، ކައިރި އަތޮޅުތަކާއި ކައިރި ރަށްރަށުގެ ކަރަންޓް ޔުނިޓްގެ އަގަށް ބަދަލު ނާންނަނީސް ވަކި ރަށެއްގައި ކަރަންޓް ޔުނިޓްގެ އަގު ބޮޑުތަނުން ބޮޑުވެއްޖެނަމަ ރައްޔިތުން ސުވާލުކުރާނެއެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބޭއިރު ކައުންސިލް އިދާރާއިންނާއި ޔުޓިލިޓީޒް ކުންފުނިން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބް ދޭން ޖެހޭނެއެވެ. ދެފުށް ފެންނަ ޝައްކާއި ވަހުމް ނެތް މިންވަރަކަށް ކަންކަން ސާފުކޮށްދޭން ވާނެއެވެ.

ދެފުށް ފެންނަ ގޮތަށް ކަންކަން އިންތިމާޒްކުރެވިފައިހުރުން ވަރަށްވެސް މުހިއްމެވެ. ހިސާބު އަދަދުން މަކަރު ހަދައިގެން ނުވާނެއެވެ. ލިޔެކިޔުންތައް ހުރިހާކަމެއްގައި ވަރަށް ފުރިހަމައަށް ބަހައްޓަންވާނެއެވެ. ކައުންސިލްގެ އިދާރާއަކަށް ދައްކާ ފައިސާ ބަލައިގެންފައި، އެފައިސާ ބަލައިގަތްކަމުގެ އެއްވެސް ލިޔުމެއް ދޫނުކޮށް އެފައިސާ “ޖީބަށް” ދާކަމަށްވާނަމަ އެކުރެވުނީ ވައްކަމެކެވެ. ދައުލަތުން ވައްކަން ކުރެވުނީއެވެ. ލިޔެކިޔުން ބަރާބަރަށް ނުބަލައްޓާނަމަ ކޮރަޕްޝަނަށް އެހުޅުވެނީ އިތުރު ދޮރެކެވެ. ލިޔެކިޔުންތައް ބަރާބަރަށް ބަލަހައްޓާތޯ ޒިންމާދާރު އިދާރާތަކުން ބަލަމުންގެންދަންވާނެއެވެ.

ސަރުކާރުގެ ބައެއް އިދާރާތަކުގައި ކެންޓީން ހެދިފައި ހުންނަނީ ވަރަށް މުހިއްމު ބޭނުމެއްގައެވެ. ރައްޔިތުންގެ ފަސޭހައަކަށެވެ. މުވައްޒަފުންނަށް ލުޔެއް ދިނުމަށެވެ. ސައި ގަޑީގައި ނުވަތަ މެންދުރު ކެއުމަށް ދުރު ތަންތަނަށް ގޮސް ވަގުތު ބޭކާރު ވާތީއެވެ. އަދި މުވައްޒަފުންނަށް ހެޔޮ އަގުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. މިނިސްޓްރީއެއްގައި ކެންޓީނެއް ހަދައި، އެތަނަށް ބޭނުންވާ ހުރިހާ ސާމާނެއް އެމިނިސްޓްރީން ހޯދައިދީ އަދި މިކެންޓީން ކުއްޔެއްނެތި ކަރަންޓާ ފެނުގެ ޚަރަދު ސަރުކާރުން ދައްކާގޮތަށް ބަޔަކާ ޙަވާލުކޮށްފައި ޝަރުތުކުރަނީ ވަރަށް މަދު ކަމެކެވެ. ކެންޓީނުން ތަކެތި ވިއްކުމުގައި ވަކި އަގުތަކެއްގައި އެއްޗެހި ވިއްކުމަށެވެ. ނަމަވެސް މިހުރިހާ ލުއި ފަސޭހައެއް ފޯރުކޮށްދިނުމުންވެސް ފެނިގެންދަނީ ނުކިއްސަރު ކަމެއް ކޮށްލާތަނެވެ. ކޮރަޕްޝަނާ ދިމާލަށް އަތްދާތަނެވެ. މިނިސްޓްރީއާއި އެކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް ބޮޑު އަގުގައި ތަކެތި ވިއްކާ ހިސާބުން އެދިޔައީ ކޮރަޕްޝަންގެތެރެއަށެވެ. މަގްސަދުވެސް ގެއްލުނީއެވެ.

“ބޮޑު ވަރިހަމައެއް”

ޤައުމުތަކުގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރު ބަލާ ބައިނަލްއަޤުވާމީ މިންގަނޑު ކަމަށްވާ، ޓްރާންސްޕޭރެންސީ އިންޓަނޭޝަލްގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި) ގައި މިފަހަރު ވެސް ރާއްޖެ ނުހިމެނެ އެވެ. އޭގެ މާނަ އަކީ ރާއްޖޭގައި ކޮރަޕްޝަން ނެތުމެއް ނޫނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން 2013 ވަނަ އަހަރު ކުރީކޮޅު ނެރުނު ބަޔާނެއްގައި ބުނަނީ 2012 ވަނަ އަހަރު ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް 906 މިލިއަން ރުފިޔާ ގެއްލުންވިކަމަށެވެ. ބައިނަލްއަޤުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި 2013 ވަނަ އަހަރު އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބަޔާންކޮށްފައިވަނީ ކޮރަޕްޝަނާއި ޚިޔާނާތުގެ ޢަމަލުތަކުގެ ސަބަބުން 2012 ވަނަ އަހަރު 906،450،805.51 ރުފިޔާ ދައުލަތަށް ގެއްލުންވިކަމަށެވެ. އެ ފައިސާ އަކީ ތަރައްޤީގެ އެތައް މަޝްރޫޢެއް ހިންގިދާނެ ބޮޑު އަދަދެއް ނަމަވެސް ފެންނަ ފެނުމަށް ރައްޔިތުން އެކަން ތަޙައްމަލް ކުރަނީ “ބޮޑު ވަރިހަމައެއް”ގެ ގޮތުގައެވެ.

ކޮރަޕްޝަންގެ ސަބަބުން ސިޔާސީ، އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް ހުރަސްއެޅުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާމުގެ ފެންވަރު ދަށްވެ، ފަޤީރުކަން އިތުރުވެ، ތަޢުލީމީ އަދި ސިއްޙީ ޚިދުމަތުގެ ފެންވަރު ދަށަށް ގޮސް އަސާސީ ހައްޤުތަކުން ވެސް ރައްޔިތުން މަޙްރޫމް ކޮށްލައެވެ. ރައްޔިތުން މިއަދު ނިންމަންވީ އަޅުގަނޑުމެން “ބޮޑު ވަރިހަމައިގަ” ތިބޭނީތޯ؟ ނުވަތަ ކޮރަޕްޝަނާއި ދެކޮޅަށް ނުކުމެ ކޮރަޕްޝަން ފޮހެލަން މަސައްކަތްކުރާނީތޯއެވެ؟



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×