މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މުސާރައާއި ޢިނާޔަތްތައް ނަގައި ބޭނުންކޮށްފައިވާ މައްސަލައާ ގުޅިގެން، އަޕަރ ނޯތު ޔުޓިލިޓީޒްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ވަޙީދު (ބޮކަރުމާގެ، ހއ.ދިއްދޫ) އާއި، އެކުންފުނީގެ ކުރީގެ ޗެއަރމަން އަޙްމަދު ޝަފީޤު (ފިޔާތޮށިގެ، ހއ.ކެލާ) އާއި، އެކުންފުނީގެ ކުރީގެ ބޯޑު މެމްބަރުން ކަމުގައިވާ ޢަލީ ރަޝީދު (ޗާނދަނީގެ، ށ.މިލަންދޫ) އާއި، ޢަލީ މުޙައްމަދު (ދެރަހަ، ހދ.ކުޅުދުއްފުށި) އާއި، ޝާހިދު ސަލީމް (ކޮމެޓް، ހދ.ހަނިމާދޫ) ގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި ފޮނުވައިފި

25 Feb 2015

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަޕަރ ނޯތު ޔުޓިލިޓީޒްއަށް ފޮނުވި ނަންބަރ 12/2010 (19 ޖުލައި 2010) ސިޓީއާއި، ނަންބަރ 13-M/UNUL/2010/1000 (09 ނޮވެމްބަރ 2010) ސިޓީ އެކުންފުންޏަށް ނުލިބޭކަމަށް ހަދައި އެކުންފުނީގެ އެންޓްރީ ރެކޯޑު ސިސްޓަމުން ގެއްލުވާލާފައިވާ ކަމަށާއި، މިކަން މިގޮތަށް ކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ވަޙީދުއަށް މަޤާމުގެ ޙައިސިއްޔަތުން ނެގޭނެ އެންމެ މަތީ މުސާރައަކީ 24,500 (ސައުވީސްހާސް ފަސްސަތޭކަ) ރުފިޔާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގާފައިވުމާއެކު އެއަށްވުރެ އިތުރަށް ފައިސާ ނެގުމަށް ކަމަށް ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. މިމައްސަލައިގެ ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ބޯޑާއި، ޗެއަރމަން، އަދި މެނޭޖިންގ ޑިރެކްޓަރަށް ދެވޭ މުސާރައާއި ޢިނާޔަތް އެއްހަމައަކަށް ބައްޓަން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ވަނީ ސްޓްރަކްޗަރއެއް ތައްޔާރުކޮށްފައިކަމަށާއި، އަދި އެ ސްޓްރަކްޗަރއާ އެއްގޮތަށް ބޯޑުގެ މުސާރަ ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުންވެސް ހުއްދަ ދީފައިވާ ކަމަށާއި، އެކުންފުނީގެ ބޯޑާއި، ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރަށް ދެވޭ މުސާރައާއި ޢިނާޔަތް އެސިޓީގައި ބަޔާންކޮށްފައިވާ ސްޓްރަކްޗަރއާ އެއްހަމައަކަށް ބަދަލު ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން 19 ޖުލައި 2010 ވަނަ ދުވަހު އަޕަރ ނޯތު ޔުޓިލިޓީޒްއަށް އަންގާފައިވާއިރު، އެސިޓީ އެކުންފުންޏަށް ލިބުނުކަމަށް ޚުދު ޢަބްދުﷲ ވަޙީދު (ކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ) އެއްބަސްވާއިރު، އެސިޓީގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް މުސާރައާއި ޢިނާޔަތްތައް ނަގާފައިވާތީއާއި، އެސިޓީ ފޮނުވިތާ 10 މަސް ދުވަސްފަހުން ބޭއްވުނު ކުންފުނީގެ ބޯޑު މީޓިންގގައި އެސިޓީގައިވާ ގޮތަށް ކުންފުނީގެ ބޯޑު މެމްބަރުންގެ މުސާރަތައް ކަނޑައެޅުމަށް ނިންމުމަށްފަހު، އޭގެ އިތުރުން މެނޭޖިންގ ޑިރެކްޓަރަށް އިދާރީ އެލަވަންސްގެ ގޮތުގައި 10,500 (ދިހަހާސް ފަސްސަތޭކަ) ރުފިޔާ، އަދި ޗެއަރމަންއަށް އިދާރީ އެލަވަންސްގެ ގޮތުގައި 6,000 (ހަހާސް) ރުފިޔާ ހަމަޖައްސާފައިވާއިރު، އެބައްދަލުވުމުގައިވެސް ބައިވެރިވެފައިވާތީއާއި، އެކުންފުންނީގެ ހިންގާ ޤަވާޢިދުގެ 44 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށާއި، މެނޭޖިންގ ޑިރެކްޓަރަށް ލިބޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދަ ލިބިގެން، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ މުސާރައެއް ނުވަތަ ޢިނާޔަތެއް ނުވަތަ މުސާރައަކާއި ޢިނާޔަތެއް ކަމަށް ބަޔާންކޮށްފައިވާއިރު، އަދި 19 ޖުލައި 2010 އިން ފެށިގެން 2011 ވަނަ އަހަރުގެ ޑިސެމްބަރ މަހާ ދޭތެރޭ ތިން ފަހަރެއްގެ މަތިން ފިނޭންސް މިނިސްޓްރީން ކަނޑައެޅި ސްޓްރަކްޗަރއާ އެއްގޮތަށް މުސާރަތައް ހަމަޖެއްސުމަށް އަންގާފައިވީނަމަވެސް، އެމުއްދަތުގައި މެނޭޖިންގ ޑިރެކްޓަރުގެ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައެޅި މުސާރައާއި ޢިނާޔަތަށްވުރެ އިތުރަށް 198,083.33 (އެއްލައްކަ ނުވަދިހަ އަށްހާސް އަށްޑިހަ ތިން ރުފިޔާ ތިރީސް ތިން ލާރި) ނަގާފާވާއިރު، އެމުއްދަތުގައި ކުންފުނީގެ ޗެއަރމަންއަށް ފިނޭންސް މިނިސްޓްރީން ކަނޑައެޅި މުސާރައާއި ޢިނާޔަތަށްވުރެ އިތުރަށް 136,283.33 (އެއްލައްކަ ތިރީސްހަހާސް ދުއިސައްތަ އަށްޑިހަ ތިން ރުފިޔާ ތިރީސް ތިން ލާރި) ދީފައި އަދި ކުންފުނީގެ ބޯޑުގެ އެހެން މެމްބަރުންނަށް ބައެއް މަސްމަހު ފިނޭންސް މިނިސްޓްރީން ކަނޑައެޅި މުސާރައާއި ޢިނާޔަތަށްވުރެ އިތުރުން ފައިސާ ދީފައިވާތީ، މިކަމަކީ އަޕަރ ނޯތު ޔުޓިލިޓީޒްގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރުގެ ޙައިޞިއްޔަތުން ޢަބްދުﷲ ވަޙީދު (ބޮކަރުމާގެ، ހއ.ދިއްދޫ) މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން އަމިއްލަ ފައިދާއެއް ހޯދުމުގެ އިތުރުން އެހެން ފަރާތްތަކަކަށް ނާޖާއިޒް ފައިދާތަކެއް ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި، މިމައްސަލައިގައި ހއ.ދިއްދޫ، ބޮކަރުމާގެ، ޢަބްދުﷲ ވަޙީދުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2. މީގެ އިތުރުން، މިކަމަކީ އަޕަރ ނޯތު ޔުޓިލިޓީޒްގެ އޭރުގެ ޗެއަރމަންގެ ޙައިސިއްޔަތުން އަޙްމަދު ޝަފީޤު (ފިޔާތޮށިގެ، ހއ.ކެލާ) މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ އިތުރުން އެހެން ފަރާތްތަކަކަށް ނާޖާއިޒް ފައިދާތަކެއް ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި، މިމައްސަލައިގައި ހއ.ކެލާ، ފިޔާތޮށިގެ، އަޙްމަދު ޝަފީޤުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

3. ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ބޯޑާއި، ޗެއަރމަން، އަދި މެނޭޖިންގ ޑިރެކްޓަރަށް ދެވޭ މުސާރައާއި ޢިނާޔަތް އެއްހަމައަކަށް ބައްޓަން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ވަނީ ސްޓްރަކްޗަރއެއް ތައްޔާރުކޮށްފައިކަމަށާއި، އަދި އެ ސްޓްރަކްޗަރއާ އެއްގޮތަށް ބޯޑުގެ މުސާރަ ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުންވެސް ހުއްދަ ދީފައިވާ ކަމަށާއި، އެކުންފުނީގެ ބޯޑާއި، ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރަށް ދެވޭ މުސާރައާއި އިނާޔަތް އެސިޓީގައި ބަޔާންކޮށްފައިވާ ސްޓްރަކްޗަރއާ އެއްހަމައަކަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަޕަރ ނޯތު ޔުޓިލިޓީޒްއަށް އަންގާފައިވާއިރު، އެސިޓީ ފޮނުވިތާ 10 މަސް ދުވަސްފަހުން ބޭއްވުނު ކުންފުނީގެ ބޯޑު މީޓިންގައި އެސިޓީގައިވާ ގޮތަށް ކުންފުނީގެ ބޯޑު މެމްބަރުންގެ މުސާރަތައް ކަނޑައެޅުމަށް ނިންމުމަށްފަހު، މެނޭޖިންގ ޑިރެކްޓަރަށް އިދާރީ އެލަވަންސްގެ ގޮތުގައި 10,500 (ދިހަހާސް ފަސްސަތޭކަ) ރުފިޔާ، އަދި ޗެއަރމަންއަށް އިދާރީ އެލަވަންސްގެ ގޮތުގައި 6,000 (ހަހާސް) ރުފިޔާ ހަމަޖައްސާފައިވާއިރު، އެބައްދަލުވުމުގައި ބައިވެފައިވާކަން ލިޔެކިޔުންތަކުން އެނގޭތީއާއި، އެކުންފުންނީގެ ހިންގާ ޤަވާޢިދުގެ 44 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށާއި، މެނޭޖިންގ ޑިރެކްޓަރަށް ލިބޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދަ ލިބިގެން، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ މުސާރައެއް ނުވަތަ ޢިނާޔަތެއް ނުވަތަ މުސާރައަކާއި ޢިނާޔަތެއް ކަމަށް ބަޔާންކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީން އެންގި ގޮތާ ޚިލާފަށް މެނޭޖިންގ ޑިރެކްޓަރަށާއި، ޗެއަރމަންއަށް މުސާރައާއި ޢިނާޔަތްތައް ދިނުމަށް ނިންމާފައިވާތީ މިކަމަކީ އޭރު އެކުންފުނީގެ ބޯޑު މެމްބަރުންގެ ޙައިޞިއްޔަތުން ޢަލީ ރަޝީދު (ޗާނދަނީގެ، ށ.މިލަންދޫ) އާއި، ޢަލީ މުޙައްމަދު (ދެރަހަ، ހދ.ކުޅުދުއްފުށި) އާއި، ޝާހިދު ސަލީމް (ކޮމެޓް، ހދ.ހަނިމާދޫ) މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި، މިމައްސަލައިގައި ށ.މިލަންދޫ، ޗާނދަނީގެ، ޢަލީ ރަޝީދުއާއި، ހދ.ކުޅުދުއްފުށި، ދެރަހަ، ޢަލީ މުޙައްމަދުއާއި، ހދ.ހަނިމާދޫ، ކޮމެޓް ޝާހިދު ސަލީމްގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

4. އަދި މީގެ އިތުރުން 19 ޖުލައި 2010 ވަނަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ ބޯޑު މެމްބަރުންގެ މުސާރައާއި ޢިނާޔަތުގެ ސްޓްރަކްޗަރ ކަނޑައަޅާ އެކުންފުންޏަށް އެންގިފަހުން، ފިނޭންސް މިނިސްޓްރީން ކަނޑައެޅި ސްޓްރަކްޗަރގައިވާ މުސާރައާއި ޢިނާޔަތުގެ އިތުރަށް އެކުންފުނީގެ ބޯޑު މެމްބަރުންނަށް ދީފައިވާ ފައިސާ ޝަރީޢަތް މެދުވެރިކޮށް ދައުލަތަށް އަނބުރާ ހޯދުމަށް ދަޢުވާކޮށްދިނުމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×