2020 އަށް ދެވޭނީ މިއަދު ކުރި މަސައްކަތަކުންނެވެ

19 Mar 2015

ދިވެހިން ދިރިއުޅެމުންމިދާ ވެއްޓަކީ ނާޒުކު ވެއްޓެއްކަމާމެދަކު ޝައްކެއްނެތެވެ. އަދި ދިވެހި އިޤްތިޞާދު ބިނާވެފައިވަނީ މިނާޒުކު ވެށީގައި ހިމެނޭ ތަފާތު ބައިތަކުގެ މައްޗަށްކަމާމެދަކުވެސް ޝައްކެއްނެތެވެ. ރާއްޖޭގެ ތިމާވެށީގައި ހިމެނޭ ރާއްޖޭގެ ފަސްގަނޑާއި، ފެނާއި، ގަސްގަހާގެއްސާއި، ގޮނޑުދޮށްތަކާއި، ފަޅުފަޅާއި، ފަރުފަރާއި، މިނޫންވެސް މިފަދަ ތަންތަން ޙިމާޔަތްކުރުމަކީ ރާއްޖޭ ވުޖޫދުވުމާއި ނުވުން އެކަމެއްގެ މައްޗަށް ބިނާވެފައިވާ ކަންކަމަށް ވާހިނދު، އެކަންކަމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމުގައި ނުވެނުދާނެއެވެ. ކަންމިހެން އޮތްއިރު، އަޅުގަނޑުމެންގެ މި ނާޒުކު ވެށި ޙިމާޔަތްކުރުމުގެ ކަންކަމުގެ ތެރެއަށް ކޮރަޕްޝަންގެ ޢަމަލުތައް ވަންނަނަމަ، ހަޤީގަތުގައި ނުރައްކަލުގެތެރެއަށް މިވައްޓާލެވެނީ އަޅުގަނޑުމެންގެ މުސްތަޤްބަލެވެ. މިރާއްޖޭގެ އަންނާން އޮތް ޖީލުތަކުގެ މުސްތަޤްބަލެވެ. ޙަޔާތުގައި މިއަށްވުރެ ވަކި ބޮޑު ޚިޔާނާތެއް އިންސާނަކަށް ވެވޭނެތޯއެވެ!

ސިޔާސަތު ބައްޓަންކުރުން:
ފުރިހަމަ ސިޔާސަތެއްގައި ހިމެނޭ މައިގަނޑު މަރުޙަލާތަކަކީ، އެ ސިޔާސަތެއް އެކުލަވާލުމާއި، ސިޔާސަތު ތަންފީޒުކުރުމާއި، ސިޔާސަތު ތަންފީޒުކުރޭތޯ މޮނިޓަރކޮށް ބަލައި ފިޔަވަޅުއެޅުމެވެ. މި 3 މަރުޙަލާއިންކުރެ ހަމަ ކޮންމެ މަރުޙަލާއަކީވެސް ކޮރަޕްޝަނުން ސަލާމަތްވެފައި އޮންނަން ޖެހޭނެ، އަދި ކޮރަޕްޝަނުން ސަލާމަތްވެފައިވާކަން ޔަޤީންކުރެވެންވެސް ޖެހޭނެ 03 މަރުޙަލާއެވެ. އަދި ވަކީން ޚާއްޞަކޮށް ސިޔާސަތު އެކަށައެޅުމުގައި މަރުޙަލާގައެވެ. ވަކި މީހަކަށް، ބަޔަކަށް ނުވަތަ ޖަމާޢަތަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ތިމާވެއްޓާއި ގުޅުންހުރި ޤާނޫނާއި ގަވާއިދު ހެދޭ، ނުވަތަ އެ ގޮތަށް ސިޔާސަތު އެކަށައެޅޭ ޙާލަތު ވެގެންދާނީ ތިމާވެއްޓަށް އެންމެ ނުރައްކާވާ ދަނޑިވަޅަށެވެ. އަދި މިފަދަކަންކަމަށް ތުހުމަތުކުރެވުނަސް، އެކަން ހުއްޓުވުންވާނީ އުނދަގޫކަމަކަށެވެ. އަދި ނާޖާއިޒު މަންފާ އެފަދަ ސިޔާސަތުތަކުން ހޯދައިދޭކަން ސާބިތުކުރުމަކީވެސް ވަރަށް ދަތިކަމެކެވެ.

ދައުލަތް ހިންގުމަށް ސިޔާސީ ފަރާތްތަކުން އިސްވާއިރު އެފަރާތްތައް އެމަޤާމްތަކަށް ގެނައުމަށް މަހުޖަނުންނާއި ވިޔަފާރިވެރިން މުހިއްމު ރޯލް ކުޅޭ ފަހަރު އާދެއެވެ. މިފަދަ ޙާލަތްތަކުގައި، ވިޔަފާރިވެރިޔާ އޭނާގެ މިލްކިއްޔާތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ސަރުކާރެއް ނުވަތަ މެމްބަރެއް އިންތިޚާބްކޮށް ނިމުމުން، ފައިސާގެ “ބަދަލު” ކޮންމެވެސް “އެހެން ގޮތަކަށް” ހޯދަން ދިމާކުރާ ފަހަރުވެސް އާދެއެވެ. ތިމާ މަޤާމަށް ގެނައި ފަރާތުގެ މަޞްލަޙަތުގައި އެފަރާތަށް ފައިދާވާނެހެން، ކަމުގެ އެންމެ ރަނގަޅު ގޮތް އެއްކިބާކޮށް، ޢާއްމު މަޞްލަޙަތަށް ބެލުމެއް ނެތި، ޤާނޫނާއި ގަވާއިދާއި ސިޔާސަތުތަކާއި އަދި އެހެނިހެން ކަންކަން ނިންމާނަމަ އެއީ “ރެންޓް ސީކިން” އެވެ. އޭރުން އަމިއްލަ މަންފާއަށްޓަކައި ތިމާވެށި ވިއްކާލެވުނީއެވެ. އެޤާނޫނު، ގަވާއިދު ނުވަތަ ސިޔާސަތަށް ބަދަލު ނުގެންނަ ހިނދަކު އެސިޔާސަތުގެ ސަބަބުން “ޤާނޫނީ ހުއްދައާއެކު” އެދަނީ ތިމާވެއްޓަށް ގެއްލުން ލިބެމުންނެވެ.

ތިމާވެއްޓަށް ބޭރުން ދޭ އެހީ:
ދިވެހިރާއްޖެއަކީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ބޮޑެތި އެހީތަކެއް ލިބެމުންދާ ޤައުމެކެވެ. ތިމާވެށި ޙިމާޔަތްކުރުމާ ގުޅުންހުރި ރާއްޖޭގެ މަޝްރޫޢުތަކަށް ބޭރުގެ ހިލޭ އެހީގެ ގޮތުގައި 2009 އިން 2015 އާ ހަމައަށް އެކަނިވެސް، 130 މިލިއަން ޑޮލަރު ދޭން އެކި ފަރާތްތަކުން ބުނެފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން 2013 ވަނަ އަހަރު ނެރުނު “އެސެސްމަންޓް އޮފް ކްލައިމެޓް ޗޭންޖް ފައިނޭންސް ގަވަރނަންސް އިން މޯލްޑިވްސް” ގައި ބުނެއެވެ. މިދާއިރާގައި ރާއްޖެއަށް ލިބޭ އެހީތަކުގެ ތެރޭގައި ކޮރަޕްޝަނުގެ ޢަމަލުތަކަށް މަގުފަހިވާ ގޮތަށް ވަރަށް ގިނަ ކަންކަން ހުންނަކަމަށް ދިރާސާތަކުން ހާމަވެއެވެ. މިގޮތުން، މަޝްރޫޢު ތަންފީޒުކުރުމުގެ ސަރުކާރުގެ ރަސްމީ އިދާރާ ސާފުނުވުމާއި، މަޝްރޫޢު ހިންގުމާ އެކި އިދާރާތަކުން ޙަވާލުވުމާ،ފައިސާ ހަރަދުކުރެވޭ ގޮތް މޮނިޓަރކޮށް ނުބެލެހެއްޓުމާ އަދި ލިބޭ އެހީއަށް ވާގޮތެއް ސާފުކޮށް ފެންނާން ނުހުރުން ހިމެނެއެވެ. ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ލިބޭ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމަށް ފުރުޞަތު ހުޅުވޭނަމަ މުސްތަޤްބަލުގައި ބޭރުގެ އެހީ މިދާއިރާއިން ހޯދަން އުނދަގޫވާނެއެވެ.

އެންވަޔަރމެންޓަލް އިމްޕެކްޓް އެސެންސްމެންޓް (އީއައިއޭ):
“އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް” ނުވަތަ “ތިމާވެއްޓަށް އަސަރު ފޯރުވައިދޭ މިންވަރު އަންގައިދޭ ރިޕޯޓަކީ” ކަނޑައެޅިފައިވާ ވަކި މަސައްކަތެއް ކޮށްފިނަމަ، އެމަސައްކަތް އެކުރެވޭ ޙިސާބުގެ ތިމާވެއްޓަށް ލިބުން އެކަށީގެންވާ ގެއްލުންތައް ދެނެގަތުމުގެ ދިރާސާއެކެވެ. މިފަދަ ދިރާސާއެއް ކުރުމުގައި އިޖްތިމާޢީ-އިޤްތިޞާދީ، އާދަކާދަ އަދި ޘަޤާފީ އަދި އިންސާނީ ޞިއްޙަތަށް ކުރާނެ ގެއްލުންތަކާއި ވާނެ ފައިދާތަކަށް ރިޢާޔަތްކުރެވެއެވެ. ތިމާވެއްޓަށް ފާހަގަ ކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން، އެކަމަކުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަލަންޖެހެއެވެ. އީއައިއޭ ހެދުމުގެ މަސައްކަތުގެ ތެރެއަށް ކޮރަޕްޝަނުގެ ނުކިއްސަރު ޢަމަލުތައް ވަންނަނަމަ އެއީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

މިސާލަކަށް އީއައިއޭ އިން ދައްކާ ގޮތުން ރަށެއްގެ ބަނދަރު ހަދަން އެންމެ ރަނގަޅު ސަރަޙައްދަކީ ރަށުގެ އުތުރު ފަރާތްކަމުގައި ވިޔަސް، ކޮންމެވެސް ސިޔާސީ ސަބަބަކާހުރެ ކުއްލިއަކަށް ރަށުގެ ހުޅަނގު ފަރާތަށް ބަނދަރ ހެދުމުގެ މަސައްކަތް ބަދަލުކުރުމުން އެދެވެނީ ތިމާވެއްޓަށް ބޮޑު ގެއްލުމެކެވެ. އެގެއްލުން ތަޖުރިބާ މިކުރެވެނީ އެތައް ޒަމާނެއް ފަހުން މޫސުން ބަދަލުވެ، ވެއްޓަށް އަންނަ ބަދަލުތަކެއް ތަޖުރިބާކުރަންޖެހި ފާހަގަވާ ފަހުންނެވެ. މާނައަކީ ތިމާވެއްޓަށް ލިބޭ ގެއްލުމަކީ ވަގުތުން ތަޖުރިބާ ނުކުރެވިދާނެ ކަންކަމެވެ. އެގެއްލުން ފެންނަން ދުވަސްތަކެއް، މަސްތަކެއް ނުވަތަ އެތަކެއް އަހަރުތަކެއް އަދި ޒަމާންތަކެއްވެސް ނަގާފާނެއެވެ. އޭރު އޮންނަނީ ވަގުތު ފާއިތުވެފައެވެ.

ރާއްޖޭގައިވެސް މިފަދަ އެތަކެއް ޙާދިޘާއެއް ދަނީ ހިނގަމުންނެވެ. 2014 ވަނަ އަހަރު މެއި މަހުގެ މެދުތެރޭގައި މީޑިއާއަށް ތިލަވި، އީއައިއޭ އާއި ޚިލާފަށް މީދޫގެ ބިން ހިއްކުމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރަކީ މިކަމުގެ ހެއްކެކެވެ. މީދޫގެ ފަރުގެ 13 މީޓަރު އަޑިން، 5 އިންޗި ފުޅާ މިނުގައި ފަރު ކަނޑައިގެން ދިޔަކަމަށް ރިޕޯޓް ކުރެވުނެވެ.

އިއާދަ ނުކުރެވޭ ގެއްލުން:
ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުން އިޢާދަ ކުރެވިދާނެތޯ އެއީ އަބަދުވެސް ކުރެވޭ ސުވާލެކެވެ! ދިގު މުއްދަތަކުން، ދަތީގައި މަސައްކަތްކޮށްގެން، ފައިސާގެ ގޮތުން ލިބޭ ގެއްލުން އިޢާދަކުރެވިދާނެއެވެ. ނަމަވެސް ތިމާވެއްޓަށް ލިބޭ ގެއްލުމެއް، ކުޑަވިޔަސް ބޮޑުވިޔަސް، އެއީ އިޢާދަކުރެވޭނެ ކަމެއް ނޫނެވެ. ފައިސާއަށް ފައިސާ ލިބުނުނަމަވެސް ފަރަކަށް ފަރެއް ނުލިބޭނެއެވެ. ތިމާވެއްޓަށް ދެވޭ ގެއްލުމަކީ އޭގެ ނޭދެވޭ އަސަރު އަޅުގަނޑުމެންގެ ދަރިދަރިކޮޅަށް ކުރަމުން ދާނެކަމެކެވެ.

އެހެންކަމުން ތިމާވެށީގެ ދާއިރާގައި ހިންގާ ނާޖާއިޒު ކަންކަން ހުއްޓުވުމަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރަންޖެހެއެވެ. މިގޮތުން، ތިމާވެއްޓާގުޅޭ ސިޔާސަތުތައް އެކަށައެޅޭއިރު މަސްލަޙަތު ފުށުއަރާ ޙާލަތް މެދުވެރިވާނަމަ އެކަންކަން ނިންމުމުގައި ބައިވެރިނުވެ އެކަމުން އެއް ފަރާތަށް ޖެހިލައި ތަނާޒުލުވާންޖެހެއެވެ. ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްތަކަށް ބޭރުގެ ފަރާތްތަކުން ވެދޭ އެހީތެރިކަމުގައި ކޮރަޕްޝަނުގެ ޢަމަލު ނުހިންގޭނެހެން އެކަންކަން ރާވައި ބައްޓަންކުރަންޖެހެއެވެ. އަދި މިފަދަ މަޝްރޫޢުތައް ހިނގާއިރު ޖަވާބުދާރީކުރެވޭނެ ސާފު ގޮތްތައް ހުންނަންވާނެއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ހެދިފައިވާ ޤާނޫންތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ފަސްނުޖެހި، ފިޔަވަޅުއަޅައި އަދަބުދެވެންޖެހެއެވެ. މިފަދަ ކަންކަން ތަންފީޒުކުރުމަށްޓަކައި “ތިމާވެށި ފުލުހުން”ވެސް އުފެއްދިދާނެއެވެ. މިކަންކަން ކުރަންމިޖެހެނީ، ނާޒުކު ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ މިޤައުމުގެ ދިރިއުޅެންތިބި އަޅުގަނޑުމެންގެ ދަރީންގެ ހައްޤުގައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×