ޖަވާބުދާރީނުކުރެވުމުގެ ސަބަބުން ލިބޭ ގެއްލުން

24 Mar 2015

ޑިމޮކްރަސީއެއްގައި ޖަވާބުދާރީކުރުވުމުގެ ބޭނުން؟
ޑިމޮކްރަސީ އަކީ ‘ރައްޔިތުންގެ ވެރިކަން’ ކަމުގައި ވާއިރު، ޑިމޮކްރަޓިކް ދައުލަތެއްގެ އެންމެ މުހިންމު ބާރަކީ، ރައްޔިތުންނެވެ. މިގޮތުން ދައުލަތް ހިންގުމަށް ހަވާލުކުރެވޭ ވެރިންނަކީ، ރައްޔިތުންގެ ޚާދިމުންނެވެ. ދައުލަތުގެ މިލްކިއްޔާތާއި ވަސީލަތްތައް ބަލަހައްޓައި، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮއްދިނުމުގެ އަމާނާތް އެފަރާތްތަކާ ޙަވާލުކުރެވެއެވެ. ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް ސިފައަކީ، ވެރިންނަކީ ރައްޔިތުން ހޮވާ ބަޔަކަށްވުމާއި، ވެރިންނަކީ މުޅި މުޖުތަމަޢުގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ބައެއްކަމުގައި ވުމެވެ. މިގޮތުން، ރައްޔިތުން ހޮވާ ވެރިންނަކީ، ރައްޔިތުންނަށް ޖަވާބުދާރީވާ، އަދި ޖަވާބުދާރީ ކުރެވޭ ބަޔަކަށް ވުމަކީ މުހިންމު ކަމެކެވެ. ރައްޔިތުންނާއި ވެރިން ނުވަތަ ސަރުކާރު ގުޅުވައިދޭ ފާލަމަކީ، ޖަވާބުދާރީކުރުވުމެވެ. މި ގުޅުން ނެތިގެން ހިނގައްޖެނަމަ، ޖަވާބުދާރީކުރުމުގައި، މައިގަނޑު 3 ކަމެއް ހިމެނެއެވެ. އެއީ، ރައްޔިތުންނަށް ސަރުކާރުން ވާ ވަޢުދުތަކާއި އެ ވަޢުދުތައް ފުއްދެމުންދާ މިންވަރާމެދު، ދެފުށް ފެންނަ ގޮތެއްގައި މައުލޫމާތު ޙިއްސާކުރުމާއި، ސަރުކާރުން ކުރާ ކަންކަމާމެދު ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުސަތު އޮތުމާއި، ސަރުކާރުން ކުރާ ކަންކަމާމެދު ސަރުކާރުގެ ވެރިން ޒިންމާދާރުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިފައިވުމެވެ.
2008 ވަނަ އަހަރު ރާއްޖޭގައި ޢަމަލުކުރަންފެށި އައު ޤާނޫނު އަސާސީއާއެކު، ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ތަޢާރަފްކުރެވުނެވެ. ދައުލަތުގެ ތިން ބާރު ވަކިކުރެވި، މިނިވަން މުއައްސަސާތަކެއް ޤާއިމްކުރެވުނެވެ. ރައްޔިތުންގެ ވެރިކަމެއް ޤާއިމްކުރުމަށްޓަކައި، ވެރިކަމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވުނެވެ. ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ ރައީސުލްޖުމްހޫރިއްޔާއަކާއި، ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހެއް އަދި ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގުމަށްޓަކައި ލޯކަލް ކައުންސިލްގެ ނިޒާމު ތަޢާރަފްކުރެވުނެވެ. މި ބަދަލާއެކު ޖަވާބުދާރީކުރުވުމުގެ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނެވުނެވެ.

ރާއްޖޭގައި ޖަވާބުދާރީކުރުވުމުގެ އާދައޮންނަގޮތުން ގެއްލުންވޭތަ؟
ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ފުރިހަމަ ޑިމޮކްރަޓިކް، ޖަވާބުދާރީކުރުވުމުގެ ނިޒާމެއް ޤާއިމްވެފައި އޮތްކަމުގައިވިޔަސް، މުޖުތަމައެއްގައި އޮންނަ އާދަތަކަކީ ޒަމާންތަކަށް ދެމިގެންދާ ކަންކަމެވެ. މިގޮތުން ވެރިންނަކީ ރައްޔިތުން ހޮވާ ބައެއްކަމުގައިވިޔަސް، އަދި އެފަރާތްތަކަކީ ރައްޔިތުންނަށް ޖަވާބުދާރިވެ، އަދި ޒިންމާދާރުވާންޖެހޭ ފަރާތްތަކެއްކަމުގައިވިޔަސް، އެފަދަ އުސޫލުތަކަކީ ރާއްޖެއަށް ވަރަށް އާ ކަންކަމެވެ. މިގޮތުން، ސަރުކާރާއި އަދި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އަދި ލާމަރުކަޒީ ނިޒާމުގެ ދަށުން ހޮވާ ކައުންސިލާއި ގުޅޭގޮތުންވެސް، ދެމެހެއްޓެނިވި ގޮތެއްގައި ޖަވާބުދާރީކުރުމުގެ ސަޤާފަތެއް އަށަގެންނެވުމުގައި ރާއްޖެއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ރައްޔިތުން އިންތިޚާބުކުރާ ވެރިންނަކީ، ވަކިވަކި ރައްޔިތުންނަށާއި، ރައްޔިތުންގެ ތެރެއިން ވަކި ބަޔަކަށް، އަދި ޖުމްލަކޮށް އެންމެހާ ރައްޔިތުންގެ މައްޗަށްވެސް ޖަވާބުދާރީވާންޖެހޭ ބަޔަކަށްވާއިރު، ރައްޔިތުން އެބައިމީހުންގެ ވެރިން ޖަވާބުދާރީކުރުމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި ރާއްޖޭގައި އަދާކުރަމުންދާކަމަކަށް ނުދެންނެވޭނެއެވެ.

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ސަރުކާރާއި ސަރުކާރުގެ ވެރިން ޒިންމާދާރު ކުރުމަކީ ހަމައެކަނި އިދިކޮޅު ޕާޓީގެ ނޫނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނޫނީ މީޑިއާގެ ދައުރެއްކަމުގައެވެ. ޝައްކެއްނެތްގޮތުގައި، އިދިކޮޅުޕާޓީ އާއި ރައްޔިތުންގެ މަޖިލީހާއި މީޑިއާގެ ދައުރު ކިތަންމެހާވެސް ބޮޑެވެ. އެހެންނަމަވެސް، އެހީ ހަމަ ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ހައްޤެކެވެ. އަދި ޒިންމާއެކެވެ. މިގޮތުން އަދާކުރެވޭ ޒިންމާގައި، މައުލޫމާތު ހޯދުމުގެ މިނިވަންކަން މުހިންމު ދައުރެއް އަދާކުރެއެވެ. އަލަށް ފާސްކޮށް ތަސްދީޤުކުރެވުނު މައުލޫމާތު ހޯދުމުގެ މިނިވަންކަމާބެހޭ ޤާނޫނުން، އެ ޙައްޤު ކޮންމެ ރައްޔިތަކަށް ވެސް އެ ލިބެއެވެ. ހަމަ މިއާއެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށްގެންނާއި، މީޑިއާއާ ސުވާލުކުރިމަތިކޮށްގެންވެސް އެފަދަ މައުލޫމާތު ހޯދުމުގެ ސަޤާފަތަކީ ބޭރު ދުނިޔެއިން ފެންނަ ކަންކަން ކަމުގައިވިޔަސް ރާއްޖެއަށް ވަރަށް އާ ކަންކަމެވެ.
ވެރިން ޒިންމާދާރުކުރުވުމުގައި ރައްޔިތުން މިފަދަ ހިސާބަކަށް ދާންޖެހޭ ސަބަބަކީ، ކޮންމެ ރައްޔިތެއްގެ ހިއްސާ ހިމެނޭ މުޅި ދައުލަތުގެ ބެލެނިވެރިން ކަމުގައިވާ ސަރުކާރާ ހަވާލުކުރެވޭ އަމާނާތް ފުރިހަމަގޮތުގައި އަދާކުރާކަން ކަށަވަރުކުރުމެވެ. މިގޮތުން، ރައްޔިތުންގެ ކޮންމެ މީހަކީވެސް ސީދާގޮތުން ނުވަތަ ނުސީދާގޮތުންނަމަވެސް ސަރުކާރު ހިންގުމަށް ޓެކްސްގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ފައިސާދޭ ފަރާތްތަކެއްކަމުގައި ވާއިރު، މި ފައިސާ ބޭނުންކުރެވެނީ އެންމެ އިންސާފުވެރި އަދި އެންމެ އެކަށީގެންވާ ގޮތެއްގައިކަން ކަށަވަރު ކުރުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ޙައްޤެކެވެ.

ރައްޔިތުން ތަމްސީލުކުރާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ޖަވާބުދާރީކުރުވުމުގެ ފައިދާ!
ރައްޔިތުންގެ މަޖިލިސް ނުވަތަ ޤާނޫނުހަދާ މަޖިލީހަކީ، ޤައުމުގެ އިޤްތިސާދީ، އިޖުތިމާޢީ، ސިޔާސީ އަދި ޝަރީއަތާ އަދިވެސް މި ނޫން އެންމެހާ ކަންކަމާބެހޭ ޤާނޫނާމެދު ބަހުސްކޮށް، އާ ޤާނޫނުތައް ތަޢާރަފްކޮށް، ޤާނޫނުތަކަށް އިސްލާޙުގެނެސް، ޤާނޫނުތަށް އުވާލުމުގެ އެންމެހާ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތެވެ. މި މަޖިލީހަކީ، ޤާނޫނުހަދާ މަޖިލީހުގެ އިތުރަށް، ސަރުކާރާއި، ދައުލަތުގެ އެންމެހާ މުއައްސަސާއެއް ޖަވާބުދާރީކުރުވުމުގެ ސޯބު ކަމުގައި ބުނެވިދާނެއެވެ. އެކި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކޮށް ވަކިކުރުމާއި، އެ މުއައްސަސާތަކުގެ ޒިންމާ އަދާކުރާކަން ކަށަވަރުކޮށް، އެ މުއައްސަސާތަކާއި އެ ތަންތަނުގެ ވެރިން ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހާއެވެ. އަދި ދައުލަތުގެ އަހަރީ ބަޖެޓް ފާސްކުރާ ފަރާތަކީވެސް ރައްޔިތުންގެ މަޖިލީހެވެ. މި މުއައްސަސާއަށް އެފަދަ ބާރުތަކެއް ލިބިފައިވާ ސަބަބަކީ، އެތަނުގެ މެމްބަރުންނަކީ، ރައްޔިތުން ހޮވާފައިތިބޭ ރައްޔިތުންގެ މަންދޫބުން އަދި ވަކީލުންނަށްވާތީއެވެ. ރައްޔިތުންގެ ނަމުގައި ކަންކަން ނިންމުމުގެ ބާރު ލިބިފައިވާ ފަރާތަކަށް ވާތީއެވެ. އެހެންކަމުން، އެތަނުން ނިންމާ ކޮންމެ ނިންމުމަކީ، ފާސްކުރާ ކޮންމެ ޤާނޫނަކީ، ތިމާއާއި، ތިމާގެ ޢާއިލާ އަދި ތިމާގެ އަނބިދަރިންނާއި ދަރީންގެ ދަރީންނާ ގުޅުންހުރި މައްސަލައެވެ. މުޅި ޤައުމުގެ ކުރިއެރުމާއި ހަމަޖެހުމާއި ގުޅިފައިވާ ކަންކަމެވެ. އަދި މުޅި ދައުލަތުގެ ހިންގުން ބިނާވަނީ މަޖިލީހުން އެފަރާތްތަށް ޒިންމާދާރުކުރެވޭ މިންވަރެއްގެ މައްޗަށް ކަމަށްވާއިރު، މަޖިލީހަށް ތިމާ ހޮވާ މަންދޫބަކީ ޒިންމާދާރު ފަރާތަކަށް ވާންޖެހެއެވެ. އަދި އެ ފަރާތް ޒިންމާދާރުކުރުމަކީ ތިމާގެ ފަރުދީ އަދި ޤައުމީ ޒިންމާއެކެވެ.

ކޮރަޕްޝަން މަދުކުރުމަށްޓަކައި އެއްބާރުން އަނެއް ބާރު ޖަވާބުދާރީކުރުމުގެ މުހިންމުކަން!
ދައުލަތުގެ ތިން ބާރު ކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި ޝަރީޢަތްކުރުމުގެ ބާރަކީ ވަކިވަކި ބާރުތަކެއްކަމުގައި ވިޔަސް، މިއީ އެކުއެކީގައި އެއް އަމާޒަކަށް މަސައްކަތްކުރަންޖެހޭ ބާރުތަކެކެވެ. ރައްޔިތުންނަކީ ޙަޤީޤީ ބާރުކަމަށްވީހިނދު މިހުރިހައި ބާރަކުންވެސް މަސައްކަތްކުރަންޖެހެނީ ރައްޔިތުންގެ އުފާފާގަތިކަމަށާއި، މުޖުތަމަޢުގެ ސުލްޙައާއި ސަލާމަތަށްޓަކައެވެ. މިގޮތުން އެއްބާރާއި އަނެއް ބާރަކީ، އެއް ބާރަކުން އަނެއް ބާރެއްގެ މައްޗަށް އަރައިގަނެ ނުފޫޒުފޯރުވާ ބާރެއްކަމުގައި ވެގެންނުވާނެއެވެ. އެހެންނަމަވެސް، އެއްބާރުން އަނެއްބާރުގެ މައްޗަށް ފާރަލައި، ހަމަމަގަށްއަޅުވައި، ޖަވާބުދާރީ ކުރުވުމަކީ، ވަކި ބާރެއްގެ ބާރާއި ނުފޫޒު ގަދަވެ، ނާޖާއިޒު ފައިދާނެގުމަށް ހުރަސް އެޅުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ޖަވާބުދާރީ ނުކުރެވުމުގެ ސަބަބުން ދިމާވާނެ ކަންކަން
ރައްޔިތުންގެ ވެރިކަން ބިނާވަނީ، އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮއްދީ، ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުން ކަމުގައިވާއިރު، މުޅި ދައުލަތުގެ ނިޒާމް ފުރިހަމައަށް ހިނގުމަށްޓަކައި، ހަރުދަނާ ޖަވާބުދާރީކުރުވުމުގެ ނިޒާމަކަށް ބޭނުންވެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މީޑިއާ މެދުވެރިކޮށް، އަދި ލޯކަލް ކައުންސިލްގެ ފެންވަރުގައާއި ފަރުދީ ފެންވަރުގައިވެސް ގަދައަޅާ ކުރިއަރުވަންޖެހޭ ނިޒާމެކެވެ. އެފަދަ ނިޒާމެއް ނެތްކަމުގައިވާނަމަ، ރައްޔިތުންނާއި ވެރިންނާއި ދެމެދުގައި އޮންނަ ގުޅުން ކެނޑިގެންދެއެވެ.މިގޮތުން، ވެރިންނަށް ރައްޔިތުންގެ އަޑު އެހުމަކީ މުހިންމު ކަމަކަށް ނުވެއެވެ. އަދި ރައްޔިތުންގެ އަޑު ވެރިންނަށް އިއްވުމަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ.

މިފަދަ ޙާލަތަކަށް ޤައުމު ވެއްޓި، އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ނުކުރެވޭނަމަ، ދައުލަތުން ކުރެވޭ ހޭދައާއި ސަރުކާރުގެ މަޝްރޫޢުތަކަކީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތުގައި ހިންގޭ ކަންކަމަކަށް ވެގެނެއްނުދާނެއެވެ. ހަމަ މިއާއެކު، ޤާނޫނުތަކަކީ ވަކި ބައެއްގެ މަންފާއަށް ހެދޭ އެއްޗަކަށްވެ، ދައުލަތުގެ މުއައްސަސާތަކުން ނިންމާ ނިންމުމަކީ ވަކި ބައެއްގެ ފައިދާއަށް، ވަކި ބަޔަކަށް މަގުފަހިކުރުމަށް ނިންމޭ ނިންމުންތަކަށްވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×