އިލެކްޝަން ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމުގައި ދިމާވެފައިވާ ކަންތައްތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

31 Mar 2015

އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމުގައާއި ފާހަގަކުރެވިފައިވާ ކަންތައްތަކާ ގުޅޭގޮތުން ދެ ކޮމިޝަނުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ދެ ކޮމިޝަނުގެ އެންމެ އިސްވެރިން ހިމެނޭގޮތަށް 29 މާރިޗު 2015 ގައި އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި، އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމުގައި ދިމާވެފައިވާ ގޮންޖެހުތަކާ ގުޅޭގޮތުންނާއި އެކަންތައްތައް ހައްލުކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ. އަދި މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނާއި ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން މީގެ ކުރިން ތަޙުޤީޤުކޮށްފައިވާ މައްސަލަތަކުގައި ފާހަގަކުރެވިފައިވާ ކަންތައްތަކާ ގުޅޭގޮތުންނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބަލައި، އިލެކްޝަންސް ކޮމިޝަނުގެ ހިންގުމުގެ ދާއިރާގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހައްލުކުރުމުގައި ކުރިއަށް އޮތްތާނގައި އަޅަންހުރި ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމާއި، އެ މަސައްކަތްތައް ހަރުދަނާކުރުމަށް ގާނޫންތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އަދި އަލަށް އެކުލާވާލަންޖެހޭ އެއިއެކި އުސޫތަކާމެދު މަޝްވަރާކުރެވި އެކަންތައްތައް ކުރިޔަށް ގެންދިއުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް ޚާއްޞަކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމުގެ ގޮތުން، ކޮރަޕްޝަނާއި ދެކޮޅަށް ހޭލުންތެރިކުރުވުމަށް މިކޮމިޝަނުން ކުރިއަށްގެންދާ އާންމު ޕްރޮގްރާތަކުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކުގައި މީގެ ކުރިން ފާހަގަކުރެވިފައިވާ ކަންކަމަށް އަމާޒުކޮށް ކޮރަޕްޝަނަނަށް މަގުފަހިނުވާގޮތަށް ކަންތައްތައް ކުރިޔަށް ގެންދިމަށް އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިސްނެގުމާއެކު ކުރިއަށްގެންދާ މިމަޝްވަރާތަކަކީ ދައުލަތުގެ އިދާރާތަކުގައި ހުރި ކޮރަޕްޝަން މަގުފަހިވާކަންތައްތައް ނައްތާލާ ނާޒާހަތްތެރި މުޖުތަމައުއެއް ބިނާކުރުމަށް މިކޮމިޝަނުން ކުރަމުންގެންދާ މަސައްކަތުގައި މުއައްސަސާތަކުގެ ލެވެލްގައި ކުރެވޭ މުހިންމު މަސައްކަތެއްކަން މިފުރުޞަތުގައި ފާހަގަކުރަމެވެ. ހަމައެއާއެކު، މި މަޝްވަރާތަކުގައި ކުރިޔަށްގެންދިމަށް ނިންމުނު ކަންތައްތަކަކީ އޭގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލަތައް ހަރުދަނާކޮށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރިކަންތައްތައް ނައްތާލާ ނަޒާހަތްތެރިކަމާއެކު މުއައްސަސާގެ މަސައްކަތް ކުރިޔަށް ގެންދެވޭނެކަމެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދެކެމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×