ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް މިކޮމިޝަނުން ހުށަހަޅަން ބޭނުންވާ އިސްލާހުތައް ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފި

02 Apr 2015

ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 13 އެޕްރީލް 2015 ގައި ޢަމަލުކުރަން ފަށާއިރު، މިކޮމިޝަނުގެ މަސައްކަތްތަކަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަން ޖެހޭކަމަށް މި ކޮމިޝަނަށް ފާހަގަ ކުރެވުނު ކަންތައްތަކާއި، މިހާރު ދަޢުލަތުގެ ފަރާތުން ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިހީލަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ “ޤާނޫނުލްޢުޤޫބާތަށް 1 ވަނަ އިޞްލާހު ގެނައުމުގެ ބިލް” ގައި ބަނޑާރަ ނައިބުގެ އޮފީހުން ފާހަގަކުރައްވާފައިވާ ނުކުތާތައް ދިރާސާ ކުރުމަށްފަހު، އެބިލަށް ގެންނަން ބޭނުންވާ މައިގަނޑު 13 އިޞްލާހެއް 31 މާރިޗު 2015 ގައި މިކޮމިޝަނުގެ ފަރާތުން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހަށް ވާނީ ފޮނުވާފައެވެ.

މީގެއިތުރުން، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަންވާނީ ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަށްކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޤާނޫނުލްޢުޤޫބާތާށް ޢަމަލުކުރަންފެށުމަށްފަހު ކުރެވޭ ކުށްތަކާ ގުޅިގެން ހިންގަންޖެހޭ ތަޙްޤީޤުތަކާއި ޝަރީޢަތްތައް ހިންގަންޖެހެނީ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާތީ އާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ބައެއް ކުށްތައް ޤާނޫނުލް އުޤޫބާތުގައި ހިމެނިފައިވީނަމަވެސް، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ކުށް ބަޔާންކުރާ މާއްދާތަކުގެ އިތުރުން ތަޙުޤީޤު ކުރާ ފަރާތަށް ވަކި ކަހަލަ ބާރުތަކެއް ލިއްބައިދޭ މާއްދާތަކެއް އެ ޤާނޫނުގައި ބަޔާންކޮށްފައި ހުރުމުން، އެފަދަ މާއްދާތައް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު އަށް ހުށަހެޅޭ އިސްލާހުތަކުގައި، މިކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ހިމެނުމަށާއި، އެއަށްފަހު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު އުވާލުމަށް މިކޮމިޝަނުން ބޭނުންވާކަންވެސް ދައުލަތުގެ ބަންޑާރަ ނައިބުގެ ސަމާލުކަމަށް ގެނެސްފައިވާނެއެވެ.

އަދި، ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ރ) ގައި ކޮރަޕްޝަނަކީ ކޮބައިކަން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަން ގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮރަޕްޝަނަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ކުށްތައްކަމަށްވާތީ، ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެށުމުން، އޭގައި ހިމެނޭ ކޮރަޕްޝަންގެ ޢަމަލުތައް ހިމެނޭގޮތަށް މި މާއްދާއަށް ބަދަލު ގެންނަން ޖެހޭތީ، އެކަމަށް ރިއާޔަތްކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު އަށް އިސްލާހު ހުށަހެޅުމުގެ މަސައްކަތް މިކޮމިޝަނުން މިގެންދަނީ ކުރަމުންނެވެ.

ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް މިކޮމިޝަނުން ހުށަހަޅަން ބޭނުންވާ އިސްލާހުތަކުގެ ތަފްޞީލް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×