ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ތައްޔާރީތައް ކުޅުދުއްފުށީގައި ފަށައިފި

16 Apr 2015

ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް 2015 ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި ބޭއްވޭ ޙަރަކާތްތަކުގެ ތައްޔާރީތަކަށް އެންޓި-ކޮރަޕްޝާން ކޮމިޝަނުގެ ޓީމެއް ކުޅުދުއްފުށީގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރެވޭ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ރަސްމީ ހަރަކާތްތައް 18 އެޕްރީލް 2015 ން 23 އެޕްރީލް 2015 ގެ ނިޔަލަށް ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ހަރަކާތްތައް ފެށިގެންދާނީ ހދ.އަތޮޅުގެ ސްކޫލްތަކަށް ހުޅުވާލެވިގެން ބާއްވާ އެންޓި-ކޮރަޕްޝަން ކުއިޒް މުބާރާތުންނެވެ. މީގެއިތުރުން ދައުލަތުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެންޓި-ކޮރަޕްޝަންއާއި، ޕްރޮކިއުމަންޓާއި ގުޅުންހުރި މަޢުލޫމާތު ދިނުމުގެ ވަރކްޝޮޕް އާއި، މަތީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ޒުވާނުންނަށް ކޮރަޕްޝަނާ ދެކޮޅަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، ދުވަހުގެ މުނާސަބަތުގައި މޮނިއުމަންޓެއް ހުޅުވުމާއި، ދުވަހާއި ގުޅިގެން ޚާއްޞަ ޖަލްސާއެއް ބޭއްވުމާއި، ހދ.އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށް ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ކުރިއަށްގެންދިއުމާއި، ކުޅުދުއްފުށީގެ ގޭގެއަށް ޒިޔާރަތްކޮށް އެންޓި-ކޮރަޕްޝަންގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، “ލަޢުނަޠާ ދުރުހެލިވާށެވެ” މި މަޢުޟޫއުގެ މައްޗަށް އަލިއަޅުވާލައިގެން ދީނީ ދަރުސްއެއް ބޭއްވުމާއި، ކުޑަކުދިންގެ ހަވީރެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީގައި ބޭއްވޭ މި ޙަރަކާތްތައް ނިމުމާއެކު، މާލޭގައި ކުޑަކުދިންގެ ހިޔާގައި ތިބޭ ކުޑަކުދިންނަށް އަމާޒުކޮށްގެން ހަވީރެއް ބޭއްވުމާއި، ލޭހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×