ކޮރަޕްޝަނަކީ މުޖުތަމަޢުގެ ހުރިހާ ހިސާބަކަށް ވެސް ކުރިމަތިވާ ބަލިމަޑުކަމެކެވެ. ކޮރަޕްޝަނުގެ ބަލި ޖެހޭ މުޖުތަމަޢުގެ ގުނަވަންތަކުގެ ތެރޭގައި، ސަރުކާރާއި، ކައުންސިލްތަކާއި، ފަނޑިޔާރުގެއާއި، ވިޔަފާރިތަކާއި، ފުލުހުންނާއި، ސިފައިންނާއި، އިންތިޚާބީ މަޤާމުތަކާއި، އެހެނިހެން ޢާންމު ޚިދުމަތްތައް ހިމެނެއެވެ. ކޮރަޕްޝަނުގެ ގެއްލުން އެންމެ ބޮޑަށް ލިބެނީ މުޖުތަމަޢުގެ އެންމެ ނިކަމެތި ފަރާތްތަކަށް ކަމުގައި ވިޔަސް، ކޮރަޕްޝަނުގެ ގެއްލުން މުޅި މުޖުތަމައަށްވެސް ކުރެއެވެ. މިގޮތުން، ކޮރަޕްޝަނުގެ ވަބާ ސިޔާސީ ތަރައްޤީ އާއި ޑިމޮކްރަސީއަށް ހުރަސްއަޅައެވެ. އިޤްތިސާދީ ތަރައްޤީއާއި ތިމާވެށި ހަލާކުކޮއްލައެވެ. ރައްޔިތުންގެ ދުޅަހެޔޮކަމާއި ހިތްހަމަޖެހުމަށް ބުރޫއަރުވައެވެ.
ކޮރަޕްޝަނުގެ ސަބަބުން ޢާންމު އިޖުތިމާޢީ މިންގަނޑުތަކަށް ކުރާ އަސަރު
ކޮރަޕްޝަނުގެ ބަލި މުޖުތަމަޢުގައި ވަކި ވަރަކަށް ވުރެ ބޮޑަށް އަށަގަތުމުން، ކޮރަޕްޝަނުގެ ޢަމަލުތަކަކީ ވަރަށް އާދައިގެ ކަންކަމަށްވެއެވެ. މިގޮތުން، ދައުލަތުގެ އެންމެ މަތީގެ ވެރިންނާއި ހިސާބުން ފެށިގެން، ސަރުކާރުގެ ވެރިންނާއި، ރައްޔިތުން އިންތިޚާބުކުރާ ފަރާތްތަކާއި،ފަނޑިޔާރުންނާއި، ސިވިލް ސާވިސްގެ މުއައްޒަފުންނާއި، ރައްޔިތުންނަށް ޚިދުމަތްދޭ ތަފާތު މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ވިޔަފާރިތައް އަދި ޢާންމު ފަރުދުންވެސް ކޮރަޕްޝަނުގެ ޢަމަލުތަކަށް އަރައިގަތުމަށް ޖެހިލުމެއް ނުވެއެވެ. ދައުލަތުގެ ވެރިން، އެމީހުންގެ ފައިދާއަށްޓަކައި، މުޅި ޤައުމުގެ މަސްލަޙަތަށްވުރެ ބޮޑަށް އަމިއްލަ ސިޔާސީ ނުވަތަ މާލީ ފައިދާއަށް މަޝްރޫއުތައް ރާވައި، މަސްލަޙަތު ހުރި ފަރާތްތަކަށް މަޝްރޫޢުތައް ޙަވާލުކުރާ ފަދަ ހާލަތަކަށް ކަންކަންދެއެވެ. ނަތީޖާއަކަށް ވަނީ، އަސާސީ ޚިދުމަތާ ގުޅޭ މަޝްރޫޢުތައް، ހޮސްޕިޓަލާއި ސިއްޙީ މަރުކަޒު، ސްކޫލުގެ ޢިމާރާތުގެ މަސައްކަތް ލަސްވެ، މަސައްކަތުގެ ފެންވަރު ދަށްވެ، ރައްޔިތުން އޭގެ ގެއްލުން ތަޙައްމަލް ކުރުމެވެ.
ދައުލަތުގެ ވަސީލަތްތައް އަމިއްލަ ބޭނުމަށާއި ސިޔާސީ ބޭނުމަށް ބޭނުންކުރެއެވެ. ސިޔާސީ ފައިދާއަށްޓަކައި، ސިޔާސީ މަޤާމުތައް ބަހާލައެވެ. ވިޔަފާރިތަކާއި ނާޖާއިޒު ގުޅުން ބާއްވައި، ނާޖާއިޒު ފައިދާ ހޯދައެވެ. ސަރުކާރުގެ ޚިދުމަތްދޭ ފަރާތްތަކާއި މުވައްޒަފުން، ޚިދުމަތްދިނުމުގައި ގާތް ފަރާތްތަކަށާއި، އެކި އެކި ޢިނާޔަތްދޭ ފަރާތްތަކާ މެދު ޚާއްސަ ގޮތަކަށް ޢަމަލުކުރާ ފަހަރު އާދެއެވެ. ދައުލަތުގެ ވަސީލަތްތައް އަމިއްލަ ފައިދާއަށް ބޭނުންކުރެއެވެ. ފަނޑިޔާރުން ޙުކުމް އިއްވުމުގައި ނާޖާއިޒު ނުފޫޒުގެ މައްޗަށް ލެނބެއެވެ. ވިޔަފާރިތަކުން ދޭ ޚިދުމަތްތަކުގައާއި، މުދަލާ ޚިދުމަތް ހޯދުމުގައި ކޮރަޕްޝަނުގެ މަގު ޚިޔާރުކުރެއެވެ.
ކޮރަޕްޝަނުގެ ސަބަބުން ބޭކާރު ޚަރަދު އިތުރުވެ، ދައުލަތުގެ ޚަރަދު ބޮޑުވެގެން ދެއެވެ. އެ ޚަރަދު ހަމަޖެއްސުމަށްޓަކައި ބޭރުގެ ފަރާތްތަކުންނާއި ބޭންކްތަކުން އަދި ވިޔަފާރިވެރިންގެ އަތުން ސަރުކާރަށް ދަރަންޏަށް ފައިސާ ނަގަންޖެހެއެވެ. ސަރުކާރުން ދަރަންޏަށް ފައިސާ ނެގުމުން، ވިޔަފާރިއާއި އިންވެސްޓްމަންޓަށް ލިބެންހުންނަ ފައިސާ މަދުވެ، އިޤްތިސާދީ ދުވެލި މަޑުޖެހި، މުދަލާ ޚިދުމަތުގެ އަގު މައްޗަށް ދިއުމަށް މެދުވެރިވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުކުރެއެވެ.
ކޮރަޕްޝަންގެ ވަބާ މުޅި މުޖުތަމަޢަށް ފެތުރި، ތަޙްޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގެ ތެރެއަށް ކޮރަޕްޝަން ވަދެ، ރިޝްވަތާއި ނާޖާއިޒު ފައިދާ އިތުރުވެ، ބޮޑެތި ކުށްވެރިން ޢަދުލު އިންސާފުން ރެކިގަނެ، އެފަރާތްތަކަށް ޙުކުމް ނުކުރެވޭތަން އާދެއެވެ. މުޖުތަމަޢުގައި ކުށްކުރުމާއި ޖަރީމާތައް އިތުރުވެ ރައްޔިތުން ބިރުވެރިކަމަށް ހުށަހެޅިގެން ދެއެވެ.
ރާއްޖޭގައި ވެސް ކޮރަޕްޝަން ޢާންމުވެފައިވާ މިންވަރު މަތިކަމުން، ކޮރަޕްޝަނުގެ ބައެއް ޢަމަލުތަކަކީ މާބޮޑު މައްސަލައެއްކަމުގައި ނުދެކެވޭ ފަހަރު އާދެއެވެ. މިސާލަކަށް، ބޭންކުން ޑޮލަރު ހޯދުމުގައި ރައްޓެހި މުވައްޒަފަކަށް ގުޅުން، ސަރުކާރުން ޚިދުމަތް ހޯދުމުގައި އެ އޮފީހެއްގެ މުވައްޒަފަކަށް ގުޅުން، ނުވަތަ ސަރުކާރުގެ ނުވަތަ އަމިއްލަ އޮފީހެއްގެ ވަޒީފާއަކަށް ކުރިމަތިލައިގެން އުޅޭ ކުދިންގެ މައިންބަފައިން އެ އޮފީހެއްގެ ވެރިންނަށް ގުޅައި، ވަޒީފާގެ ވާހަކަ ދެއްކުންފަދަ ކިތަންމެ ކިތަންމެ ކަމެއް އަބަދުވެސް ތަކުރާރުވެއެވެ. ކުންފުނިތަކާ ގުޅޭ އެކި ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މުވައްޒަފުންނާ ކުންފުނިތަކާ ޚާއްސަ ގުޅުންތައް އޮންނަވާހަކައަކީ ވެސް އަބަދުވެސް ދެކެވޭ ވާހަކައެކެވެ. މިގޮތުން ކަސްޓަމްސްގެ ޑިއުޓީއާގުޅޭ މުވައްޒަފުންނާއި ވިޔަފާރިވެރިންނާއި އޮންނަ ގުޅުންތަކާއި، ބޭންކުތަކުގެ ކްރެޑިޓް މެނޭޖަރުންނާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ރިޒޯޓްތަކުގެ ޕްރޮކިޔޮރމަންޓް މެނޭޖަރުންނަށް ޚިދުމަތް ހޯދާ ކުންފުނިތަކުން ޚާއްސަ އިނާޔަތްތައް ލިބޭ ވާހަކައަކީ ވެސް ޢާންމު ދައްކާ ވާހަކައެކެވެ.
މި ފެންވަރަށް ކޮރަޕްޝަން ކުރިމަތިވުމުން، ކޮރަޕްޝަނާ ނުލައި އުޅުމަކީ ދަތިކަމަކަށްވެއެވެ. ސަރުކާރުގެ ވަޒީފާއަކަށް ކުރިމަތިލިއަސް، އަދި ވަޒީފާގައި ދެމިހުރުމަށް ވެސް، އަދި ވަޒީފާގައި ކުރިއަށް ދިއުމަށް ވެސް ކޮރަޕްޝަނުގައި ބައިވެރިވާން މަޖުބޫރުވެއެވެ. ޢާންމު ޚިދުމަތް ހޯދުމުގައި ވެސް ކޮރަޕްޝަންގެ ޢަމަލުތަކަށް އަރައިގަނެވެއެވެ. ކޮރަޕްޝަނަކީ މާބޮޑު ކަމަކަށް ނުވެއެވެ.
ނަތީޖާއަކަށްވަނީ، ރައްޔިތުންނަށް ލިބިފައިވާ މުހިންމު ޙައްޤުތައް ވެސް، ކޮރަޕްޝަނުގެ ބަލިމަޑުކަމުގައި ދޫކޮއްލެވޭގޮތް ވުމެވެ. ތިމާމެންގެ ވެރިން އިންތިޚާބުކުރުމުގެ ޙައްޤަކީ ކިތަންމެ މުޙިއްމު އަދި އަގުހުރި ޙައްޤެއްކަމުގައިވިޔަސް، އެ ޙައްޤުވެސް ކޮރަޕްޝަނުގެ އަވާގައި ވިއްކާލެވޭގޮތް ވުމެވެ. މަދު ފައިސާކޮޅަކަށް ވޯޓުގެ ޙައްގު ވިއްކާލުމެވެ. 500 ރުފިޔާ ނުވަތަ އެއަށް ވުރެ ކުޑަ ޢަދަދަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދި ރިޔާސީ އިންތިޚާބުގައި ވޯޓު ވިއްކާލެވޭގޮތް ވުމެވެ.
އިންޓަނޭޝަނަލް ފައުންޑޭޝަން ފޮރ އިލެކްޓޯރަލް ސިސްޓަމްސް އިން 2014 ވަނަ އަހަރު ކުރި ދިރާސާއެއްގައި ވާގޮތުން، މާޗް 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވި މީހުންގެ ސައްތައަކުން 37 ބުނާ ގޮތުގައި، ވޯޓު ގަތުމަށް މަސައްކަތްކުރަމުންދިޔަތަން އެފަރާތްތަކަށް ފެނިފައިވެއެވެ. ހަމަ މިއާއެކު، ރާއްޖޭގެ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ މީހުން ކެމްޕޭނަށް ޚަރަދުކުރާ ފައިސާއާމެދު ސީރިއަސް މައްސަލަތަކެއް ފާހަގަކޮއްފައިވެއެވެ.
މި ފެންވަރަށް މުޖުތަމަޢެއް ދަނީ ކޮރަޕްޝަން ވަރަށް މަތީ ދަރަޖައަކަށް އަށަގަތުމުންނެވެ. މިފަދަ މުޖުތަމަޢެއް ކޮރަޕްޝަނުން ސަލާމަތްކުރުން ވަނީ ދަތި އުނދަގޫ ކަމަކަށެވެ. އަދި މިފަދަ މުޖުތަމަޢެއްގައި ވެރިން އިންތިހާއަށް ކޮރަޕްޝަނުގެ ޢަމަލުތައް ހިންގިކަމުގައިވިޔަސް ރައްޔިތުންނަށް އެފަދަ ޢަމަލުތަކާ ދެކޮޅަށް ނިކުތުން ވަނީ ދަތިކަމަކަށެވެ. ސަބަބަކީ، އެ ފަރާތްތަށް މަޤާމަށް ހޮވުމުގެ ކޮރަޕްޝަނުގައިވެސް ރައްޔިތުން ބައިވެރިވާ ފަހަރު އައުމެވެ.
ސިވިލް ސޮސައިޓީ އާއި މީޑިއާގައި ކޮރަޕްޝަން އަށަގަތުމުގެ ގެއްލުން
މީޑިއާ އާއި ސިވިލް ސޮސައިޓީއަކީ މުޖުތަމަޢު ކޮރަޕްޝަނުން ސަލާމަތް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މުހިއްމު ދެ ފަރާތެކެވެ. މިގޮތުން، މީޑިއާ އާއި ސިވިލް ސޮސައިޓީ އަކީ ކޮރަޕްޝަނުގެ ޢަމަލުތައް ހާމަކޮށް، އޭގެ ތަފްސީލުތަށް ޢާންމުންނާ ހަމައަށް ގެނެސްދީ، ކޮރަޕްޝަނާ ދެކޮޅަށް ޢާންމުން ހޭލުންތެރިކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. ކޮރަޕްޝަން ނައްތާލުމުގައި ސިވިލް ސޮސައިޓީ އާއި މީޑިއާއަކީ މިނިވަންކަމާއި، ތެދުވެރިކަމާއެކު، ހަގީގަތް ހާމަކޮއްދީ މުޖުތަމަޢުގެ ފައިދާއަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ.
އެހެންނަމަވެސް، ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ ނޭޝަނަލް އިންޓެގްރިޓީ އެސެސްމަންޓް 2014 ފަދަ ދިރާސާތަކުންނާއި ބަލާލި ކޮންމެ ދިމާލަކުންވެސް، މީޑިއާގެ މިނިވަންކަމާމެދު ސުވާލު އުފެދޭ މަންޒަރު ފެނިގެންދެއެވެ. މީޑިއާތަކަކީ ސިޔާސީ ފަރާތްތަކާއި ވިޔަފާރިތަކުގެ ނުފޫޒު އިންތިހާއަށް ފޯރާފައި ވުމުގެ ސަބަބުން އެ ފަރާތްތަކަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ހަނިވެފައިވެއެވެ. އަދި މީޑިއާގައި ތަޙުޤީޤީ ނޫސްވެރިކަމުގެ ފަންނު ނެތުމާއި، އެކަން އަގު ވަޒަން ނުކުރެވުމުގެ ސަބަބުން ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތައް ޢާންމުންނަށް ފެންމަތިނުވެ ފަނޑުވެގެން ދެއެވެ. އަދި އެމައްސަލަތައް ޢާންމުންގެ ސަމާލުކަމަށް ނައިސް، ކޮރަޕްޝަނުގެ ޢަމަލު ހިންގާ ފަރާތްތައް އެ ފަދަ ކުށްތަކުން ރެކިގަނެވޭތަން އާދެއެވެ. ހަމަ މިފަދައިން، މަދަނީ ޖަމިއްޔާތަށް ހިންގުމަށް ފަންޑު ހޯދުމަށް ހުރި ދަތިތަކާއި ސަރުކާރުން މަދަނީ ޖަމިއްޔާތަކަށް ދޭ އެއީއާއި ވަސީލަތްތައް ލިބިގެންދަނީވެސް ނުފޫޒެއްގެ ތެރެއިންކަމުގައިވާއިރު، ޖަމިއްޔާތައް ހިންގާ ފަރާތްތަށްވެސް ކޮރަޕްޝަނަށް ހުށަހެޅިގެންދެއެވެ. މަދަނީ ޖަމިއްޔާތަކުގެ ޙަރަކާތްތަކުގައި ވެސް ވިޔަފާރިތަކާއި ސިޔާސީ ފަރާތްތަކުގެ ނުފޫޒު ބޮޑުވުމުގެ ސަބަބުން، އެފަދަ ޖަމިއްޔާ ތަކުގެ ޙަރަކާތްތައް ބައްޓަންވެގެންދަނީ އެ ފަރާތްތަކުގެ ވިޔަފާރީގެ ނުވަތަ ސިޔާސީ ފައިދާއަށެވެ. މަދަނީ ޖަމިއްޔާތަކަށް ވެސް ކޮރަޕްޝަނުގެ ވަބާ ޖެހުމުގެ ނަތީޖާއަކަށްވަނީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އެފަރާތްތަކުގެ ޤާބިލްކަން ނެތި ދިއުމަށެވެ.