ކޮރަޕްޝަނުގެ ސަބަބުން ޑިމޮކްރަސީއާއި ގުޑް ގަވަރނަންސް އަށް ކުރާ އަސަރު

24 May 2015

އިތުބާރުހިފޭ މަޤާމެއްގެ ބޭނުން ނާޖާއިޒުގޮތުގައި އަމިއްލަ ބޭނުމަށް ހިފުމަކީ ކޮރަޕްޝަނެވެ. މިގޮތުން، ސަރުކާރުގައި ވިޔަސް އަދި ވިޔަފާރި ކުންފުންޏެއްގައި ވިޔަސް، ތިމާއާ ޙަވާލުކުރެވިފައިވާ މަޤާމާއެކު، ދެވޭ އިތުބާރު ގެއްލުވާލުމަކީ އޭގެ ގެއްލުން އިންތިހާއަށް ބޮޑު ކަމެކެވެ. ކޮރަޕްޝަނުގެ ސަބަބުން ސަރުކާރަކުން ހާޞިލްކުރަން ބޭނުންވާ މަޤްސަދު ޙާޞިލްކުރުމަށް ހުރަސްއެޅޭ ގޮތް މެދުވެރިވެއެވެ.
ކޮރަޕްޝަން އަށަގަތުން ހުއްޓުވުމުގައި ޑިމޮކްރަޓިކް ނިޒާމް މުހިންމު ދައުރެއް އަދާކުރެއެވެ. މިގޮތުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮރަޕްޝަން ހުއްޓުވުމުގެ މުހިންމު ބާރުތަކެކެވެ. ހަމަ މިއާއެކު، ފުރިހަމައަށް ޑިމޮކްރަސީ ތަންފީޒުކުރާ ޤައުމެއްގައި، ރައްޔިތުން ކޮރަޕްޝަނަށް ޖާގައެއް ނުދޭނެއެވެ. މިގޮތުން، ކޮރަޕްޓް ސަރުކާރަކާ އިދިކޮޅަށް ރައްޔިތުންނަށް ލިބިފައިވާ ވޯޓުގެ ބޭނުންކުރާނެއެވެ. އަދި، ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން އެފަދަ ކޮރަޕްޓް ލީޑަރަކަށް ޖާގައެއް ނުދޭނެއެވެ. ހަމައެއާއެކު ރައްޔިތުންނަށް ލިބިފައިވާ ޖަވާބުދާރީ ކުރުވުމުގެ ޙައްޤުގެ ބޭނުންކޮށް ކޮރަޕްޓް އޮފިޝަލުން ޖަވާބުދާރީ ކުރުވާނެއެވެ.
އެހެންނަމަވެސް، ކޮރަޕްޝަނަކީ، މުޅި މުޖުތަމަޢުގެ ހުރިހާ ނިޒާމުތައް ހަލާކުކޮށްލާ ނުރައްކާތެރި ވަބާއެކެވެ. ކޮރަޕްޝަން އިންތިހާއަށް މައްޗަށްދިއުމުން، އޭގެ ވަކިތައް މުޅި ޑިމޮކްރަޓިކް ނިޒާމުގައި ހިއްޕާލައެވެ.
މީގެ އެންމެ ބޮޑު ސަބަބަކީ، ޑިމޮކްރަޓިކް ނިޒާމެއްގައި އިންތިޚާބުތަކާއި ކެމްޕޭންތަކަށް ޚަރަދުކުރާ ފައިސާއިން މުޅި ނިޒާމު ގަޑުބަޑުކޮއްލުމެވެ.
ޑިމޮކްރަސީގެ މައިގަނޑު އުންސުރުތަކަށް (އެލެމެންޓްސް) ތަކަށް ކުރާ ނޭދެވޭ އަސަރު
ޑިމޮކްރަސީއެއްގެ މުހިންމު ބަހާތަކުގެ ތެރޭގައި ހިމެނެނީ؛
1. މިނިވަން، އިންސާފުވެރި އިންތިޚާބުގެ ތެރެއިން ސަރުކާރު އެކުލަވާލައި، ސަރުކާރު ބަދަލުކުރުމުގެ ސިޔާސީ ނިޒާމް
2. ސިޔާސީ އަދި މަދަނީ ޙަރަކާތުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން.
3. އެންމެހާ ރައްޔިތުންގެ އިންސާނީ ޙައްޤު ރައްކާތެރިކުރުން.
4. ޤާނޫނީ ޙުކޫމަތު، ނުވަތަ ޤާނޫނީ ވެރިކަން؛ ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަމުގައިވުން.
މުޖުތަމަޢެއްގައި ކޮރަޕްޝަން އަށަގަތުމުގެ ނަތީޖާއަކަށްވަނީ، މި ހުރިހާ ބަހާތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، މި ހުރިހާކަމެއް ފަސާދަކޮއްލުމެވެ. މިގޮތުން، އިންތިޚާބުތަކަށް ކޮރަޕްޝަންގެ ނުފޫޒު ވަދެ، އިންތިޚާބުތަކުގެ މިނިވަންކަމާއި، އިންސާފުވެރިކަމާއި، ހާމަކަމާއިމެދު ސުވާލު އުފެދުމެވެ. ސިޔާސީ ޙަރަކާތް ހިންގުމުގައި ވަކިފަރާތްތަކާމެދު ވަކިގޮތްގޮތަށް ޢަމަލުކުރެވުމެވެ. ވަކި ސިޔާސީ ޕާޓީތަކަށް ޚާއްސަ ޢިނާޔަތް ދެވޭއިރު، އަނެއްބައި ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުންނަށް ތަފާތު ދަތިތަކާއި ކުރިމަތިވުމެވެ. މީޑިއާގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމެވެ. ނޫސްވެރިންނަށް ހާމަކަމާއެކު، ޖެހިލުމެއްނެތި ރިޕޯޓުކުރުމަށް ފިއްތުންތަކާއި ކުރިމަތި ކުރުވުމެވެ. ރައްޔިތުންގެ އިންސާނީ ޙައްޤުތަށް ރައްކާތެރިކުރުމުގައި، ތަފާތުކުރެވި، ވަކި ބައެއްގެ ޙައްޤުތަކަށް އިސްކަންދެވި، އަނެއް ބައެއްގެ ޙައްޤުތަކުން މަޙުރޫމްކުރެވުމެވެ.
ކޮރަޕްޝަން މުޖުތަމަޢުގައި ފެތުރިގެން ދިއުމުގެ ސަބަބުން، ސަރުކާރުގެ އަދި ދައުލަތުގެ ވެރިން ރައްޔިތުންނަށް ޖަވާބުދާރީކުރުމުން ރެކިގަތުމަށް މަގު ފަހިވެއެވެ. މިގޮތުން، ޤާނޫނުތަކާއި ޤަވާއިދުތައް ވަނީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައިވާ ބަސްތަކަކަށެވެ. ޤާނޫނުތައް ތަންފީޒުކުރުމުގައި އެކި މީހުންގެ މެދުގައި ތަފާތުކުރެވެއެވެ. ވަކި ބައެއްގެ މައްޗަށް ޤާނޫނު ހިނގާއިރު، އަނެއް ބައެއްގެ މައްޗަށް ޤާނޫނެއް ނުހިނގައެވެ. ޤާނޫނީ ޙުކޫމަތު ނުވަތަ ޤާނޫނީ ވެރިކަމަށް ޖާގައެއް ނޯވެއެވެ. ހަމަ މިއާއެކު، ހެޔޮ ވެރިކަމުގެ އުސޫލުތައް ކަމުގައިވާ މަޢުލޫމާތު ހާމަކުރުމާއި، ޒިންމާދާރުވުމުގެ ސިފަތައް މުޅީން ނެތިކޮއްލައެވެ.
ޑިމޮކްރަސީއަށް އޮންނަ އިތުބާރު ގެއްލުން
އިނގިރޭސި މުޙާވިރާއެއްގައި ވަނީ،
Power tends to corrupt, and absolute power corrupts absolutely
ބާރަކީ ފަސާދައަށް މަގުފަހިކުރުވާ އެއްޗެކެވެ. ޙައްދެއްނެތި ބާރު ލިބުމަކީ، ޙައްދެއްނެތި ފަސާދައަށް މެދުވެރިވާ ކަމެކެވެ،” މި ބަހުގައި ބުނާފަދައިން، ބާރު އިތުރުވާވަރަކަށް، ކޮރަޕްޝަނަށް ބޮޑަށް މަގުފަހިވެއެވެ. މިހެންކަމުން ބާރުތައް މައިތިރިކޮށް ނަގަހައްޓަންޖެހެއެވެ. ބާރުތައް ބަހާލަންޖެހެއެއެވެ. އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެ، ޖަވާބުދާރީވާންޖެހެއެވެ. ބާރުތައް ހަމަ މަގަށް އެޅުވުމަށްޓަކައި، ހަތަރުވަނަ ބާރެއް އޮންނަންޖެހެއެވެ. އަދި ބާރުތަކުގެ ޙަޤީގީ ބާރުކަމުގައިވާ ރައްޔިތުންގެ ބާރު، ފުރިހަމައަށް ތަންފީޒު ވާން ޖެހެއެވެ.
ކޮރަޕްޝަނަކީ، ބާރުތަކުގެ މައްޗަށް އޭގެ ވަކިތައް ފޯރުވައި، މުޅި ޑިމޮކްރަޓިކް ނިޒާމު ފަސާދަކޮށް، ގަޑުބަޑުކޮއްލާފަދަ ވިހަގަދަ ހަރުފައެކެވެ. އޭގެ ވިހައިން މުޅި ނިޒާމު ފަސާދަކޮއްލުމުން، ޑިމޮކްރަޓިކް ނިޒާމާއިމެދު ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލައެވެ. ޑިމޮކްރަސީއަކީ، ރަނގަޅު ނޫން ނިޒާމެއްކަމުގައި ސިފަކުރެވޭގޮތް ވެއެވެ. ޑިމޮކްރަސީއަކީ ކޮރަޕްޓް ނިޒާމެއްގެ ގޮތުގައި ތަޞައްވުރު ކުރެވެއެވެ. ޑިމޮކްރަސީއެއްގައި ބާރު އޮންނަނީ ބާރުގަދަ ފަރާތްތަކުގެ އަތުގައިކަމާއި، އިންސާފު ލިބެނީވެސް ވަކި ފަރާތްތަކަކަށް ކަމުގައި ދެކެވޭގޮތްވެއެވެ.
ޙަޤީގަތަކީ ޑިމޮކްރަސީއަކީ ކޮރަޕްޝަނާއި ފަސާދައާއި އެކައްޗެއް ނޫންކަމެވެ. ޑިމޮކްރަސީގެ އަސްލަކީ، ކޮރަޕްޝަން ނެތުމެވެ. އެންމެންގެ މެދުގައި ހަމަހަމަކަން އޮތުމެވެ. އެންމެންގެ މެދުގައި އިންސާފު ޤާއިމްވެފައި ވުމެވެ. ވެރިކަން ޤާއިމްކުރުމުގައި، އެންމެ އާދައިގެ މީހާގެ ބަހެކޭ އެންމެ މުއްސަނދި، ބާރުގަދަ މީހާގެ ބަހެކޭ އެއްވަރުވުމެވެ. އެހެން ނަމަވެސް، ޑިމޮކްރަޓިކް ނިޒާމަށް ކޮރަޕްޝަނުގެ ބަލި ޖެހިއްޖެނަމަ، ޑިމޮކްރަސީ ވެގެންދަނީ ބޮޑު ތުރާލަކަށެވެ. ކޮރަޕްޝަނުގެ މޫތައް ޑިމޮކްރަސީގެ ހުރިހާ ބިންގަލެއް ހަލާކުކޮށް ނެތިކޮށްލައެވެ. ރައްޔިތުން ޑިމޮކްރަޓިކް ނިޒާމުތަކުގެ މައްޗަށް ކުރާ އިތުބާރު ގެއްލުވާލައެވެ. އޭގެ ސަބަބުން މުޅި މުޖުތަމަޢުގައި ޝައްކާއި ވަހުމުގެ ބަލިމަޑުކަމެއް އުފެދި، ސަރުކާރާއި ދައުލަތާއި، މިނިވަން ނިޒާމުތަކާއި އިންތިޚާބުތަކާއި އަދި މުޅި ޑިމޮކްރަޓިކް ނިޒާމުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×