ލ.ގަން ތުނޑި ފޮތިވެލި، އަޙްމަދު ފަހީމް، ލ.ގަމު ތުނޑީ ޕްރީސްކޫލް ހިންގެވުމާ ޙަވާލުވެ ހުރެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަކަރާއި ޙީލަތުން ނާޖާއިޒު ފައިދާ ނަގާފައިވާތީ، ލ.ގަން ތުނޑި ފޮތިވެލި، އަޙްމަދު ފަހީމްގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި ފޮނުވައިފި.

25 May 2015

ލ.ގަމު ތުނޑީ ޕްރީސްކޫލްގެ ވަޒީފާ އަދާކުރި މުވައްޒަފެއްގެ މުސާރައަށް ލ.ގަމު ތުނޑީ ޕްރީސްކޫލުން އިޙްމާލުވެ އޭނާއަށް ފައިސާ ނުދީ އެފައިސާ ނާޖާއިޒް ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤްކުރުމަށްފަހު ނިންމި ގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލާގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ލ.ގަން ކައުންސިލްގެ ފަރާތުން ލ.ގަން ތުނޑީ ޕްރީ ސްކޫލަށް ދޭ ފައިސާގެ އެހީގެ ތެރޭގައި ސްކޫލްގައި ވަޒީފާ އަދާކުރަމުންގެންދާ ތަމްރީނުވެފައިވާ ކޮންމެ ޓީޗަރަކަށް ކޮންމެ މަހަކު ޖުމްލަ 7,520.00 (ހަތްހާސް ފަސްސަތޭކަ ވިހި) ރުފިޔާ ދެމުން ގެންގޮސްފައިވާކަން ފާހަގަކުރެވޭއިރު ލ.ގަން ތުނޑީ ޕްރީ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފަކު ވިހެއުމަށް 2012 ވަނަ އަހަރު ނެގި ވިހެއުމުގެ ޗުއްޓީއަށްފަހު ސްކޫލަށް ހާޒިރުނުވާތީކަމަށް ބުނެ 2012 ވަނަ އަހަރުގެ މެއިމަހުގެ ފަހުން އޭނާއަށް މުސާރަ ދީފައިނުވިނަމަވެސް 2012 ވަނަ އަހަރު ޖޫން މަހުން ފެށިގެން އެއަހަރުގެ ޑިސެމްބަރުމަހާ ހަމައަށް ލ.ގަން ތުނޑީ ޕްރީ ސްކޫލުން ގަމު ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާ މުސާރަ ޝީޓްތަކުގައި ތަމްރީނު ވެފައިވާ ޓީޗަރެއްގެ ގޮތުގައި އޭނާގެ ނަން ހިމަނައިގެން ލ.ގަން ކައުންސިލްގެ އިދާރާއިން ލ.ގަން ތުނޑީ ޕްރީ ސްކޫލަށް ފައިސާގެ އެހީގެ ގޮތުގައި (7,520.00 x 7 މަސް) 52,640.00 (ފަންސާސް ދެހާސް ހަސަތޭކަ ސާޅީސް) ރުފިޔާ ހޯދާފައިވާތީއާއި، މިފައިސާއާ ލ.ގަން ތުނޑީ ޕްރީ ސްކޫލްގެ ފަރާތުން ޙަވާލުވެފައިވަނީ ލ.ގަން ތުނޑީ ޕްރީ ސްކޫލް ހިންގުމާ ހަވާލުވެ ހުރި ލ.ގަން ތުނޑި ފޮތިވެލި، އަޙްމަދު ފަހީމް ކަމަށްވާތީއާއި، ލ.ގަން ތުނޑީ ޕްރީ ސްކޫލުން ގަމު ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާ މުސާރަ ޝީޓްތަކުގައި ހުއްދަދިން ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ އަޙްމަދު ފަހީމް ކަމަށްވާތީއާއި، ތަމްރީނުވެފައިވާ ޓީޗަރެއް ޕްރީ ސްކޫލްގައި ނެތްނަމަ މިފައިސާ ނުލިބޭނެތީއާއި، މިފައިސާ ޚަރަދުކުރިގޮތް އެނގޭނޭ އެއްވެސް ލިޔެކިޔުމެއް ތަޙްޤީޤަށް ލިބިފައިނުވާތީއާއި، މިފައިސާ ޚަރަދުކުރިގޮތުގެ ތަފްޞީލް ހޯދުމަށްޓަކައި މިފައިސާއާ ޙަވާލުވެފައިވާ ލ.ގަން ތުނޑި ފޮތިވެލި އަޙްމަދު ފަހީމުއާ ތަހްޤީޤުގައި ސުވާލުކުރުމުން އެކަށީގެންވާގޮތެއްގައި މިމައްސަލައަށް ޖަވާބުދާރީވެފައިނުވާތީ، މިކަމަކީ އަޙްމަދު ފަހީމްގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، މަކަރާއި ހީލަތުން ނާޖާއިޒް ފައިދާ ހޯދުމަށް ކޮށްފައިވާ ކަމެއްކަން ދަލީލުކޮށްދޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ)ގެ 02ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން ނާޖާއިޒު ފައިދާ ހޯދުމުގެ ދަޢުވާއާއި ލ.ގަން ތުނޑީ ޕްރީ ސްކޫލުން ގަމު ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާ މުސާރަ ޝީޓްތަކުގައި ތަމްރީނު ވެފައިވާ ޓީޗަރެއްގެ މުސާރަ ހިމަނައިގެން ލ.ގަން ކައުންސިލްގެ އިދާރާއިން ލ.ގަން ތުނޑީ ޕްރީ ސްކޫލަށް ފައިސާގެ އެހީގެ ގޮތުގައި ދީފައިވާ 52,640.00 (ފަންސާސް ދެހާސް ހަސަތޭކަ ސާޅީސް) ރުފިޔާ ލ.ގަން ތުނޑި ފޮތިވެލި އަޙްމަދު ފަހީމްގެ އަތުން ހޯދުމަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×