ލ.ފޮނަދޫ ކައުންސިލްގެ މެމްބަރުގެ މަޤާމުގައި ހުރެ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޤަވާޢިދާ ޚިލާފަށް ލ.ފޮނަދޫއިން 4000 އަކަފޫޓުގެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާތީ، ލ.ފޮނަދޫ /އުތުރުގެ، އަޙްމަދު ނަދީމުގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި ފޮނުވައިފި.

25 May 2015

ލ.ފޮނަދޫ ކައުންސިލުން 2012 ވަނަ އަހަރުގައި ފޮނަދޫގެ އެކިއެކި ފަރާތްތަކަށް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤްކުރުމަށްފަހު ނިންމި ގޮތް ތިރީގައި މިވަނީއެވެ.
މި މައްސަލާގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ލ.ފޮނަދޫ ކައުންސިލްގެ ފަރާތުން ވިޔަފާރި އުޞޫލުން އެ ރަށުގެ ބިންތައް ކުއްޔަށް ދޫކުރުމަށް 2012 ވަނަ އަހަރު އިޢުލާނުކޮށްފައިވާކަން އެނގެން ނެތްނަމަވެސް، އެ ރަށުގެ، އަމިއްލަ ފަރާތަކުން ބަކަރި، އަސްދޫނި އަދި ކުކުޅު ގެންގުޅުމުގެ ހުއްދައަކަށް އެދި ލ.ފޮނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅި ސިޓީއަކާ ގުޅިގެން، ލ.ފޮނަދޫ ބަރާސިލު އަވަށު އިރުމަތީ ފަރާތު ހޭޅިން ފެށިގެން އެއްގަމަށް 200X200 ފޫޓުގެ ބިމެއް ބަކަރި، އަސްދޫނި، އަދި ކުކުޅު ގެންގުޅުމަށް 15 އަހަރު ދުވަހަށް ކުއްޔަށް ދީފިންކަމަށް ބަޔާންކޮށް ލ.ފޮނަދޫ ކައުންސިލްގެ މެމްބަރ އަޙްމަދު ނަދީމު ސޮއިކޮށް، އެ ހުއްދައަށް އެދުނު ފަރާތަށް ޖަވާބު ދީފައިވާތީއާއި، އެފަދައިން ބިމެއް ދޫކުރުމަށް ލ.ފޮނަދޫ ކައުންސިލުން ނިންމާފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ލ.ފޮނަދޫ ކައުންސިލްގެ އިދާރާއިން ތަޙްޤީޤަށް ލިބިފައިނުވާއިރު، އެފަދަ ނިންމުމެއް ލ.ފޮނަދޫ ކައުންސިލުން ނިންމާފައިނުވާނެ ކަމަށް އެ ކައުންސިލުގެ މެމްބަރުން ތަޙްޤީޤުގައި ބުނެފައިވާތީއާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 114 ވަނަ މާއްދާގައިވާ ގޮތުން ވެސް، ކައުންސިލުން އެއްވެސް ކަމެއް ނިންމޭނީ، ޖަލްސާއަށް ޙާޟިރުވެ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިގެން ކަމަށް ބަޔާންކޮށްފައިވާތީއާއި، ކުރިން ދެންނެވުނު ބިން ދޫކޮށްފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭ ޤަވާޢިދުގެ 03 ވަނަ މާއްދާގެ (ށ) ގެ (i) އާއި އެ މާއްދާގެ (ބ) އާއި، އެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) އާއި، އެ ޤަވާޢިދުގެ 5 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާތީއާއި، އަދި އެ ބިން ދޫކުރިކަން ލ.ފޮނަދޫ ކައުންސިލްގެ އިދާރާގެ ބިމާބެހޭ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެނގިފައިނުވާތީއާއި، އެ ބިން ދޫކޮށްފައިވާކަން ލ.ފޮނަދޫ ކައުންސިލަށް އެނގުނު ހިސާބުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށްފަހު، އެ ބިން ކުއްޔަށް ދޫކުރިކަމަށް ކައުންސިލްގެ މެމްބަރު، އަޙްމަދު ނަދީމު ފޮނުވި ސިޓީއަކީ ބާޠިލް ސިޓީއެއްކަމަށް އެ ކައުންސިލުން ކަނޑައަޅާފައިވާތީ، އެ ބިން ލ.ފޮނަދޫ ކައުންސިލުގެ މެމްބަރު، އަޙްމަދު ނަދީމު ދޫކޮށްފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ލ.ފޮނަދޫ ކައުންސިލްގެ މެމްބަރު، ލ.ފޮނަދޫ /އުތުރުގެ، އަޙްމަދު ނަދީމުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×