ކޮރަޕްޝަނުގެ ސަބަބުން ލިބޭ އިޤްތިސާދީ ގެއްލުން

03 Jun 2015

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް ގެ މިންގަނޑުން ދުނިޔޭގެ އެންމެ ކޮރަޕްޓް ޤައުމުތައް ކަމުގައި ބެލެވޭ ސޯމާލިޔާ، އުތުރު ކޮރެއާ، ސޫދާން، އަދި ޒިންބާބްވޭ ފަދަ ޤައުމުތަކާއި، ކޮރަޕްޝަން އެންމެ ދަށް ޤައުމުތަށް ކަމުގައި ބެލެވޭ ޑެންމާކް، ނިއުޒިލެންޑް، ފިންލެންޑް، ސްވިޑްން، ނޯވޭ އަދި ސްވިޒަލޭންޑް، ސިންގަޕޫރު ފަދަ ޤައުމުތަކާ އަޅާކިޔާލުމުން ފާހަގަވެގެންދާ އެންމެ ބޮޑު ކަމަކީ، ކޮރަޕްޝަންގެ މައްސަލަ ބޮޑު ޤައުމުތަކަކީ، ނިސްބަތުން ދުނިޔޭގެ އެންމެ ފަޤީރު، ބޮލަކަށް ޖެހޭ އާމްދަނީ އެންމެ ދަށް ޤައުމުތައްކަމެވެ. އަދި ކޮރަޕްޝަން އެންމެ ދަށް ޤައުމުތަކަކީ، ދުނިޔޭގެ ނިސްބަތުން އެންމެ ބޮލަކަށް ޖެހޭ އާމްދަނީ އެންމެ މަތީ ޤައުމުތައް ކަމެވެ.
ޤައުމެއްގައި ކޮރަޕްޝަން އާލާވުމަކީ، އެޤައުމެއް އިޤްތިސާދީ ކުރިއެރުން ހޯދުމަށް ހުރަސްއަޅާ ކަމެކެވެ. މިގޮތުން، ކޮރަޕްޝަނުގެ ސަބަބުން އިޤްތިސާދުގެ ތަބަޢީ ޤާނޫނުތަށް ނެތިކޮއްލައި، އިޤްތިސާދު ކުރިއެރުމުގެ ޤާބިލްކަމަށް ހުރަސްއަޅައެވެ. ވޯލްޑް ބޭންކުން ބުނާގޮތުގައި، ކޮރަޕްޝަން މަތީ ޤައުމުތަކުގެ އާމްދަނީ، ކޮރަޕްޝަން ދަށް ޤައުމުތަކުގެ އާމްދަނީއަށްވުރެ ތިންބައިކުޅައެއްބައިހާ ދަށެވެ.
އިޤްތިސާދީ މާހިރުން ޤަބޫލުކުރާގޮތުގައި، ކޮރަޕްޝަނަކީ އިޤްތިސާދަށްޖެހޭ ނުރައްކާތެރި ބައްޔެކެވެ. މީގެ ސަބަބުން، ބާޒާރުގެ އިންތިޒާމްތަކަށް ބުރޫއަރައި، ވަސީލަތްތައް ފުރިހަމަގޮތުގައި ބެހިގެން ދިއުމަށް ހުރަސްއަޅައެވެ. އަދި، ކޮރަޕްޝަނުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ޚަރަދުތަކާ ކުރިމަތިވެ، ތަކެތީގެ އަގު ބޮޑުވެގެން ދިއުމަށް މެދުވެރިވެއެވެ. ކޮރަޕްޝަނަކީ، އިޤްތިސާދުގެ އުފެއްދުންތެރިކަށް ދަށަށްދިއުމަށް މެދުވެރިވާ ސަބަބެކެވެ. މިގޮތުން، ތަރައްޤީވެފައިވާ ޤައުމުތަކަށްވުރެ ބޮޑަށް، ތަރައްޤީވަމުންދާ ޤައުމުތަކަށް ކޮރަޕްޝަނުގެ ގެއްލުން ބޮޑުކަމަށް ދިރާސާތަކުގައި ފާހަގަކޮށްފައިވެއެވެ.
މިގޮތުން، ކޮރަޕްޝަނުގެ ސަބަބުން އިޤްތިސާދީ ދުވެލި ދަށްވެގެންދާއިރު، ތަރައްޤީއަށް ހުރަސްއެޅިގެން ދާކަމަށް ދިރާސާތަކުގައި ފާހަގަކޮއްފައިވެއެވެ.
ކޮރަޕްޝަނުގެ ސަބަބުން އިންވެސްޓް ކުރުމަށް ހުރަސްއަޅައި، ވިޔަފާރިކުރުމުގެ ޚަރަދު ބޮޑުވެ، ވިޔަފާރީގެ ނަފާ ދަށަށްދެއެވެ. މިގޮތުން، ޖީޑީޕީގެ ނިސްބަތުން އިންވެސްޓްމަންޓްގެ މިންވަރު މަދުވެ، އިޤްތިސާދު ކުރިއެރުމަށް ހުރަސްއަޅައެވެ. މީރާއަށް ދައްކާ ޓެކްސްއަށް މަކަރު ހެދުމާއި، ކަސްޓަމްސް ޑިއުޓީއަށް މަކަރުހެދުމުގެ ސަބަބުން ވިޔަފާރީގައި ވަކިފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބި، ވިޔަފާރީގެ ވާދަވެރިކަން ގެއްލި، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ގެއްލި، އާންމު ޚިދުމަތްތަކަށް އަސަރުކުރެއެވެ. ހަމަ މިއާއެކު، ޤައުމުގެ ވަސީލަތްތައް ބޮޑަށް އަމާޒުކުރެވެނީ ކޮރަޕްޝަންގެ ފުރުސަތުތައް ބޮޑު، ނާޖާއިޒު ފައިދާ ހޯދަން ފަސޭހަ ދިމަދިމާލަށެވެ. މިއާއެކު، ސަރުކާރުގެ ޚަރަދު ބޮޑުވެ، ސަރުކާރަށް ލިބޭ އާމްދަނީ ކުޑަވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތަށް އަސަރުކުރެއެވެ. ޚާއްސަކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ސިއްޙަތާއި ތަޢުލީމު އަދި ދުޅަހެޔޮ ތިމާވެއްޓާއި، ކުށްމަދު މުޖުތަމަޢެއް ޤާއިމްކުރުމަށް ހުރަސްއެޅިގެންދެއެވެ.
ވޭތުވެދިޔަ 3 އަހަރުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އަހަރީ ރިޕޯޓްތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ތިން އަހަރު އެކަނިވެސް، 2 ބިލިއަން ރުފިޔާގެ ކޮރަޕްޝަން ރިޕޯޓުކުރެވިފައިވާއިރު، މި މުއްދަތުގެ ތެރޭގައި 468 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ދަޢުވާކުރެވިފައިވެއެވެ. މިއީ ހަމަ ޔަޤީނުންވެސް، ރައްޔިތުންގެ ޓެކްސްގެ ފައިސާއިން ބޭކާރުވެގެން ގޮސްފައިވާ ބޮޑު ޢަދަދެކެވެ. އަދި މިއީ، ފުރިހަމަ ސިއްޙަތާއި، ތަޢުލީމާއި ތަރައްޤީގެ މަޝްރޫއުތަކަށް ޚަރަދުކުރެވެން ހުރި ފައިސާއެވެ. އެތައް ސްކޫލެއްގެ ކްލާސްރޫމް، އެތައް ހޮސްޕިޓަލެއްގެ އެނދެވެ. އެތައް ރަށެއްގެ ނަރުދަމާއާއި، އެތައް ރަށެއްގެ ބަނދަރެވެ.
ކޮރަޕްޝަނަކީ، ވިޔަފާރިކުންފުނިތަކަށް އިތުރު ޚަރަދަކަށްވެ، ޔަޤީންކަން ކުޑަވެ، ވިޔަފާރީގެ ޔަގީންކަން ގެއްލިގެންދެއެވެ. މިގޮތުން، ގްލޯބަލް ކޮރަޕްޝަން ބެރޯމީޓަރ ސާރވޭ 2013 ބުނާގޮތުން، ރާއްޖޭގެ ވިޔަފާރިތައް ކޮރަޕްޓް ކަމުގައި ސަރވޭގައި ބައިވެރިވި މީހުންގެ 42 ޕަސެންޓް މީހުން ބުނެފައިވެއެވެ. މިގޮތުން ސަރުކާރުން ވިޔަފާރި ހުއްދައާއި ރަޖިސްޓްރީ ހޯދުމާގުޅޭގޮތުން އޮފިޝަލުންނަށް ރިޝްވަތު ދީފައިވާކަމަށް %4 މީހުން އެއްބަސްވެއެވެ. ކޮރަޕްޝަން އިތުރުވެފައިވާ ޤައުމެއްގައި ވިޔަފާރީގައި ކާމިޔާބުކުރުމަށްޓަކައި ރިޝްވަތަކީ، ކޮންމެހެން ލާޒިމު އެއްޗަކަށްވެއެވެ. މިގޮތުން، ރާއްޖޭގެ ބައެއް ވިޔަފާރިތަކަކީވެސް ސަރުކާރުގެ މަތީ އޮފިޝަލުން ފެށިގެން، މެދު ފަންތީގެ މުވައްޒަފުންނާއި، އަމަލީގޮތުން މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް އެކި ބާވަތުގެ ރިޝްވަތުދޭ ފަރާތްތަކެއްކަން ފާހަގަވެއެވެ. ޚާއްސަކޮށް ވިޔަފާރިތަކާއި ކުންފުނިތަކާ ގުޅިފައިވާ ޚިދުމަތްތަށް ދޭ ފަރާތްތައް، ބޭންކުތައް، ކަސްޓަމް، އެއަރޕޯޓު، ބިދޭސީ ލޭބަރުންނާ ގުޅޭ ޚިދުމަތްތައް، ވިޔަފާރި ރަޖިސްޓްރީއާއި ގުޅޭ ޚިދުމަތްތައް އަދި އެކިއެކި ލައިސަންސް ދޭ ފަރާތްތަކާ ނާޖާއިޒު ގުޅުންތައް ބާއްވާކަން ފާހަގަކުރެވެއެވެ. ބައެއް ކުންފުނިތަކުގެ ރަސްމީ ބަޖެޓުގެ ވަކި މިންވަރެއް މިފަދަ ރިޝްވަތު ދިނުމަށް ހޭދަކުރެވޭކަން ފާހަގަ ކުރެވެއެވެ. ރިޝްވަތުގެ ގޮތުގައި ދެވޭ ބާވަތްތައް ސައިކަލާއި، މޮބައިލްފޯނާއި، އަވަށްޓެރި ޤައުމުތަކަށް ކުރެވޭ ދަތުރުތަކުން ފެށިގެން، ކާރާއި، ގޯއްޗާއި ފްލެޓް އަދި ކުންފުނީގެ ހިއްސާވެސް ހިމެނެއެވެ.
ކޮރަޕްޝަނުގެ ނާޖާއިޒު ފައިދާ ހޯދަން ބޭނުންވާ ސަރުކާރުތަކުން، ސަރުކާރުގެ ޚިދުމަތްދިނުމުގައި ހުރަސްތައް ކުރިމަތިކޮށް، ވިޔަފާރިތަކުން ރިޝްވަތުދިނުމަށް ދޮރުހުޅުވައެވެ. ކޮރަޕްޝަން އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ އަގުހުރި ވަގުތުގެ ބޮޑުބައެއް ހޭދަކުރަންޖެހެނީ މިފަދަ ބިއުރޯކްރަސީގެ ތާށިކަމުގެތެރޭގައެވެ.
ކޮރަޕްޝަނުގެ އަނެއް ބޮޑު ގެއްލުމަކީ، އޭގެ ސަބަބުން، ވަސީލަތްތައް ބެހިގެންދާގޮތަށް އަންނަ ނޭދެވޭ ބަދަލުތަކެވެ. މިގޮތުން އައިއެމްއެފްގެ ދިރާސާއަކުން ދައްކާގޮތުގައި، ކޮރަޕްޝަންގެ މިންވަރު އިތުރުވާ އެއް ސްޓޭންޑަރޑް ޑިވިއޭޝަން ދަރަޖައަކަށް، ފަޤީރުންގެ އާމްދަނީގެ 7.8 ޕަސެންޓް ގެއްލިގެންދެއެވެ. މި ދިރާސާ ބުނާގޮތުގައި ކޮރަޕްޝަން އިތުރުވުމަކީ، މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ބޮޑުކޮއްދޭ ކަމެކެވެ. މީގެ އިތުރުން، އެފްރިކާގައި ކުރެވުނު މިފަދަ އެހެން ދިރާސާއެއް ބުނާގޮތުގައި ކޮރަޕްޝަންގެ ދަރަޖަ އިތުރުވާ ކޮންމެ ދަރަޖައަކަށް، މުއްސަނދިންނާ ފަޤީރުންގެ ތަފާތު 7 ދަރަޖައަށް ބޮޑުވެގެންދެއެވެ.
ކޮރަޕްޝަނަކީ މިފަދަ ގެއްލުންދެނިވި ނުރައްކާތެރި ވަބާއަކަށްވާއިރު، ޤައުމުގެ އިޤްތިސާދާއި، ވިޔަފާރީގެ މާޙައުލާއި، ރައްޔިތުންގެ ތިޔާގިކަމާއި ތަނަވަސްކަން ހޯދުމަށް ކޮރަޕްޝަންގެ ވަބާ ނައްތައިލުމަށް މަސައްކަތްކުރަންޖެހެއެވެ. ކޮރަޕްޝަނަށް މަގުފަހިވާ އެންމެހާ ކަމަކުން އެއްކިބާވާން ޖެހެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×