ކައުންސިލަރުން އޮފީހަށް ޙާޟިރުނުވާ ދުވަސްތަކަށް މުސާރައިން އުނިކުރުމުގެ އުޞޫލު ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ފާސްކުރުމަށްފަހު އެއުޞޫލަށް ޢަމަލުކުރުމަށް ކައުންސިލްތަކަށް އެންގުމުން، ގއ.ދާންދޫ ކައުންސިލުން އެއުޞޫލަށް ޢަމަލުކޮށްފައިނުވާތީ، ގއ.ދާންދޫ އޭރުގެ ކައުންސިލަރުންގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވައިފި

12 Mar 2015

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ މެންބަރުން ގަޑިޖެހިގެން އޮފީހަށް އައިނަމަވެސް، ގަޑީލާރި ނުކެނޑޭނެކަމަށާއި، އެފަރާތްތަކަކީ ގަޑިޖެހޭނެ ބައެއް ނޫންކަމަށް ކައުންސިލް މެންބަރުން ދެކޭ ކަމަށާއި، އަދި އޮފީހަށް ހާޒިރުނުވާ ދުވަސްތަކުގައި މުސާރަ ނަގަމުންދާ ކަމަށާއި، އޭގެ އިތުރުން އަހަރީ ޗުއްޓީއާއި ޢާއިލީ ޒިންމާ ޗުއްޓީގެ އިތުރުން ޕާޓީގެ ބޭނުމަށްވެސް ޗުއްޓީނަގައި، އެދުވަސްތަކަށް މުސާރަ ނަގަމުންދާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މި ކޮމިޝަނުން ތަޙްޤީޤް ކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ކައުންސިލަރުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމަށްވާތީއާއި، ކައުންސިލަރުން ކައުންސިލަށް ހާޒިރުނުވާ ދުވަސްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ވަގުތުތަކަށް ކައުންސިލަރުންގެ މުސާރައިން އުނިކުރަންޖެހޭނެކަމަށް ރައްޔިތުން މަޖިލީހުން ނިންމާފައިވާތީއާއި ރައްޔިތުންގެ މަޖިލީހުގެ ނިންމުމާއި އެއްގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ގަވާއިދެއް އެކުލަވާލައި އެގަވާއިދުގެ ދަށުން ކައުންސިލަރުން ކައުންސިލަށް ހާޒިރުނުވާ ދުވަސްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ވަގުތުތަކަށް ކައުންސިލަރުންގެ މުސާރައިން ކެނޑޭނެކަމަށް އެލް.ޖީ.އޭ ގެ ސަރކިއުލަރއަކުން ހުރިހާ ކައުންސިލް އިދާރާތަކަށް އަންގާފައިވާތީއާއި އެގޮތުން ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާއަށްވެސް އެލް.ޖީ.އޭ ގެ މިދެންނެވި ސަރކިއުލަރ ލިބިފައިވާކަން އެނގެން އޮތުމުންނާއި، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އާންމު ޖަލްސާއަކުން އެ ސަރކިއުލަރއަށް ޢަމަލު ނުކުރުމަށް ނިންމާފައިވާކަން ކައުންސިލްގެ ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެން އޮތުމުންނާއި، ކައުންސިލްގެ މެމްބަރުން މި ކޮމިޝަނަށް ދީފައިވާ ބަޔާންތަކުގައި އެލް.ޖީ.އޭ ގެ ސަރކިއުލަރ އަށް އަމަލު ނުކުރުމަށް ނިންމާފައިވާނޭކަމަށް އެމީހުންގެ އަމިއްލަ ބަހުން އިޢުތިރާފް ވެފައިވާތީއާއި ކައުންސިލަރުން ކައުންސިލަށް ހާޒިރުނުވާ ދުވަސްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ވަގުތުތަކަށް ކައުންސިލަރުންގެ މުސާރައިން އުނިކުރަންޖެހޭ ފައިސާ އުނިކޮށްފައިނުވާކަން ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލް އިދާރާގެ ލިޔެކިޔުންތަކުން އެނގޭތީއާއި،
ޤަނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 122 ވަނަ މާއްދާގެ ދަށުން ސަރުކާރު ބަންދުދުވަސްތައް ނުހިމެނޭ ގޮތަށް އަހަރަކަށް 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް ޙައްޤުވާއިރު އެ ޗުއްޓީ ޙައްޤުވާ މުއްދަތުގައި، ޙައްޤުވާ 30 ދުވަހަށްވުރެ އިތުރަށް ބައެއް ކައުންސިލް މެންބަރުން ޗުއްޓީގައި ހޭދަކޮށްފައިވާކަން ދާންދޫ ކައުންސިލް މެންބަރުންގެ ޗުއްޓީ ރެކޯޑު ޝީޓުތަކުން އެނގެން އޮތުމުންނާއި، މިކަން ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކައުންސިލް މެމްބަރުންގެ އަމިއްލަ މަންފާއެއް ހޯދުމަށްކަމަށް ބެލެވޭތީއާއި،

2014 ޖަނަވަރީ މަހު ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ މެމްބަރ މިފްރާޙް ޢަލީލު، މަސްޢޫލިއްޔަތާއި ވާޖިބު އަދާކުރުމަށްޓަކައި ދާންދޫ ކައުންސިލްގެ އިދާރާއަށް ހާޒިރުނުވާކަން ލިޔުންތަކުންއެނގޭތީއާއި އެހެންނަމަވެސް އެދުވަސްތަކަށް މުސާރަ ދިނުމަށް ދާންދޫ ކައުންސިލްގެ 122 ވަނަ ޢާންމު ޖަލްސާއިން ނިންމައި، އެ ބައްދަލު ވުމުގައި ދާންދޫ ކައުންސިލްގެ ފަސް މެމްބަރުންވެސް ބައިވެރިވެފައިވާކަން ކައުންސިލްގެ ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގޭތީއާއި އެނިންމުމަކީ ޤާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށް ޤާނޫނު ނަންބަރ 2010/07 ގެ 125 އަދި 126 ވަނަ މާއްދާ އާއި ދާންދޫ ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 38 ވަނަ މާއްދާއިން އެނގެން އޮންނާތީ މިފްރާޙް ޢަލީލު 2014 ޖަނަވަރީމަހުގައި މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށްފައިނުވާ ދުވަސްތަކަށް މުސާރަދޭން ނިންމި ނިންމުމަކީ ބާޠިލް ނިންމުމެއްކަން ދާންދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރ 2014/C5P21 ޤަޟިއްޔާއިން އެނގޭތީ، މިފްރާޙު ޢަލީލު 2014 ޖަނަވަރީމަހުގައި މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށްފައިނުވާ ދުވަސްތަކަށް އޭނާއަށް މުސާރަދޭން ދާންދޫ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ އޭނާއަށް ފައިދާއެއް ހޯދައިދިނުމަށް ނިންމާފައިވާ ނިންމުމެއްކަން އެނގޭތީ،

މަތީގައިވާ ކަންތައްތަކަށް ނަޒަރުކުރާއިރު، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ މެމްބަރުން އެމީހުންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިފައިވާކަމާއި، ވަކިފަރާތަކަށް ފައިދާއެއް ހޯދައިދޭން މަސައްކަތް ކޮށްފައިވާކަން އެނގޭތީ ޤާނޫނު ނަންބަރު 13/2008 (އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި، ގއ.ދާންދޫ ކަކާގޭ ޝުޢައިބު ޢަބްދުﷲ އާއި ގއ.ދާންދޫ ބްލޫހެވަން މުޙައްމަދު ޢާސިފް އާއި ގއ.ދާންދޫ ދަނޑިގެ އިމްރާން ވަޙީދާއި ގއ.ދާންދޫ ފިނިފެންމާގޭ މިފްރާޙް ޢަލީލު އާއި ގއ.ދާންދޫ އާމުލީގޭ ފަޛްނާ އާދަމްގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒުފައިދާއެއް ހޯދުމާއި ހޯދަދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

މީގެ އިތުރުން، މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ކައުންސިލަރުންގެ މުސާރައިން ގަޑީލާރި ކެނޑެންވާނެކަމަށާއި، އޮފީހަށް ޙާޟިރުނުވާ ދުވަސްތަކަށް މުސާރައިން އުނިކުރުމުގެ އުޞޫލު ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ކަނޑައަޅައި ފާސްކުރުމަށްފަހު އެގޮތަށް ޢަމަލުކުރުމަށް އެ އޮތޯރިޓީގެ ނަންބަރ 11/2013/CIR/LS-221 (10 ޑިސެމްބަރ 2013) ސަރކިއުލަރ އިން ކައުންސިލްތަކަށް އެނގުމަށްފަހުވެސް ކައުސިލްތަކުން ސަރކިއުލަރތަކަށް ޢަމަލު ނުކުރުމުގެ ސަބަބުން އެއުޞޫލުތަކަށް ޢަމަލުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު: 221-LS/CIR/2014/1(29 ޖުނުއަރީ 2014) ސަރކިއުލަރ އިން އެނގުމުންވެސް، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ 2014 ވަނަ އަހަރުގެ 122 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން އެސަރކިއުލަރ އަށް ޢަމަލުނުކުރުމަށް ފާސްކޮށްފައިވާތީ، ކައުންސިލްގެ މި ނިންމުމާއި އެއްގޮތަށް، ކައުންސިލް މެންބަރުންގެ ތެރެއިން ގަޑިޖެހިގެން ކައުންސިލްގެ އިދާރާއަށް ޙާޟިރުވެފައިވާ ދުވަސްތަކާއި އެ މެންބަރުންނަށް ޙައްޤުވާ ޗުއްޓީތަކާއި ބަންދު ދުވަސްތައް ފިޔަވައި ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވާ ދުވަސްތަކަށް ފައިސާ އުނިކޮށްފައިނުވާކަން ގއ.ދާންދޫ ކައުންސިލްގެ އިދާރާގެ ލިޔެކިޔުންތަކުން އެނގޭތީއާއި، އެލް.ޖީ.އޭގެ ނަންބަރު: 221-LS/CIR/2014/1 (29 ޖަނަވަރީ 2014) ސަރކއުލަރއަށް ޢަމަލުނުކުރުމަށް ކައުންސިލްގެ އިދާރާއިން ނިންމި ނިންމުމަކީ ޤާނޫނީގޮތުން ކައުންސިލްތަކަށް ލިބިދޭ ބާރެއް ކަމަކަށް ނުބެލެވޭތީ، އެލް.ޖީ.އޭ އިން ކައުންސިލް މެންބަރުންނަށް ޙައްޤުވާ ޗުއްޓީތަކާއި ބަންދު ދުވަސްތައް ފިޔަވައި ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވާ ދުވަސްތަކަށް ފައިސާ އުނިކުރަން އެނގި ތާރީޚުން ފެށިގެން މިހާތަނަށް އުނިކުރަންޖެހޭ ފައިސާ، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދުމަށްފަހު ދައުލަތުގެ މާލިއްޔަތަށް ޖަމާކުރުމަށްފަހު މިކޮމިޝަނަށް އެންގުމަށް ދާންދޫ ކައުންސިލުގެ އިދާރާގައި ވަނީ ދެންނެވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×