މިނިސްޓްރީ އޮފް ހެލްތުގެ ޓެންޑަރ ކޮމިޓީގެ މެމްބަރުން ކަމުގައިވާ، ކ.ހުޅުމާލެ/އެންދެރި-02، މުޙައްމަދު އިބްރާހީމް އާއި ބ.އޭދަފުށި/ފެންއާރު، މުޙައްމަދު ބަޝީރު އާއި ގދ.ހޯނޑެއްދޫ/ކަންމަތީގެ، ޙަސަންމަނިކު އާއި ހ.ގޯލްޑްފުރްޓް، ޢާއިޝަތު ސެލްނާ އާއި ށ.ކޮމަންޑޫނާ/ސަންރޭ، ޙަސަން ރިޔާޟުގެ މައްޗަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ ކުރުމަށްޓަކައި ފޮނުވައިފި

27 May 2015

ނ.އަތޮޅު ހޮސްޕިޓަލްގެ ފަރާތުން އެ ހޮސްޕިޓަލްގެ އިމާރާތާއި ގޯތި ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި، އެ ހޮސްޕިޓަލްގެ ފަރާތުން ކުރި ނަންބަރ 2013/07 (28 މާރޗް 2013) އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްފަރާތަށް، ބިޑް އިވެލުއޭޓްކުރި ކޮމިޓީގެ އިވެލުއޭޝަންއިން އެންމެ މަތީ މާރކްސް ލިބިފައިވާކަމުގެ ލިޔުން އެ ހޮސްޕިޓަލުން ދީފައިވީނަމަވެސް، މަސައްކަތް ޙަވާލުކޮށްފައިވަނީ ދެވަނައަށް އެންމެ މަތީ މާރކްސް ލިބިފައިވާ ފަރާތަށްކަމަށް، ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު އެ މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ނ.އަތޮޅު ހޮސްޕިޓަލް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ހޮސްޕިޓަލްގެ ފަރާތުން ކޮށްފައިވާ އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް ނ.އަތޮޅު ހޮސްޕިޓަލްގެ އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކޮށް ތައްޔާރުކޮށްފައިވާ އިވެލުއޭޝަން ކަރުދާހުގައާއި މިނިސްޓްރީ އޮފް ހެލްތުގެ ޓެންޑަރ ކޮމިޓީން އެ ޕޮރޮޕޯސަލްތައް އިވެލުއޭޓްކޮށް ތައްޔާރުކޮށްފައިވާ އިވެލުއޭޝަން ކަރުދާހުގައި އަދި މިކޮމިޝަނުން އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުންވެސް އެންމެ މަތިން މާރކްސް ލިބިފައިވަނީ އެމަސައްކަތައް އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތަށް ކަމަށްވީނަމަވެސް، އެމަސައްކަތް އެފަރާތާ ޙަވާލުކުރުމުގެ ބަދަލުގައި މިނިސްޓްރީ އޮފް ހެލްތުގެ ޓެންޑަރ ކޮމިޓީން އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ އިވެލުއޭޝަންގައި ދެވަނައަށް އެންމެ މަތީ މާރކްސް ލިބިފައިވާ ފަރާތަށްކަމަށްވެފައި، މިނިސްޓްރީ އޮފް ހެލްތުގެ ޓެންޑަރ ކޮމިޓީގެ މި ނިންމުމާއި އެއްގޮތަށް ދެވަނައަށް އެންމެ މަތީ މާރކްސް ލިބުނު ފަރާތާ އެ މަސައްކަތް ހަވާލުކޮށްފައިވާތީއާއި،
މިއީ، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 8.20 އާއި ޚިލާފަށް ކުރެވޭ ކަމެއްކަން މަތީގައި ދެންނެވުނު ފަރާތްތަކަށް އެނގިތިބެ، ދަޢުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި ދައުލަތައް ގެންލުންވާގޮތަށް، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 13/2008 (އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި، މިމައްސަލައިގައި، މިނިސްޓްރީ އޮފް ހެލްތުގެ ޓެންޑަރ ކޮމިޓީގެ މެމްބަރުން ކަމުގައިވާ، ކ.ހުޅުމާލެ/އެންދެރި-02، މުޙައްމަދު އިބްރާހީމް އާއި ބ.އޭދަފުށި/ފެންއާރު، މުޙައްމަދު ބަޝީރު އާއި ގދ.ހޯނޑެއްދޫ/ކަންމަތީގެ، ޙަސަންމަނިކު އާއި ހ.ގޯލްޑްފުރްޓް، ޢާއިޝަތު ސެލްނާ އާއި ށ.ކޮމަންޑޫ/ސަންރޭ، ޙަސަން ރިޔާޟުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×